ކ. މާލެ
|
7 ޖެނުއަރީ 2018 | އާދީއްތަ 23:07
އިރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން
އިރާނުގައި ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިން
އޭބީއެންއޭ
އިރާން-އެމެރިކާ
އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!
އެމެރިކާ އިން ދަނީ ތަކުރާރުކޮށް އިރާނަށް ނުރުހުމުގެ ބަސްތައް އަމާޒުކުރަމުން
މުޒާހަރާތަކުގައި 20 އަށްވުރެ ގިނަ މަރު
އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ "ދުޝްމަނުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެފައި

އީރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ފެށުނު މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު އެއީ މިހާރު ބައިނަލްއަގްވާމީ ސަމާލު ކަމަށް ވަރަށް ބޮޑަށް އައިސްފައިވާ މައްސަލައަކަށްވެއްޖެއެވެ. ދުނިޔޭގެ މީޑިއާގެ ފަލަ ސުރުހީތަކަށް އިރާނުގެ ވާހަކަ ވަނީ އަރާފައެވެ.

އިރާނުގައި ކުރަން ފެށި ސަރުކާރާ ދެކޮޅު މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ. ކޮންމެއަކަސް ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް އިރާނުގެ މުޒާހަރާތަކުގެ ވާހަކަ ނުހަނު ބޮޑަށް އައިސްފައިވާ އިރު، އެމެރިކާ އިން އިރާނަށް ދަނީ މުޒާހަރާތަކާ ގުޅިގެން ކެނޑިނޭޅި ފާޑުކިޔަމުންނެވެ. އެކަމުގެ ތަފްސީލަށް ބަލާލަމާތޯއެވެ. އިރާނުގެ މުޒާހަރާތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ އިރާނުން ދަނީ "ކޮންމެ ހަރުފަތަކުން ފެއިލްވަމުން ކަމަށާއި މިއީ އިރާނަށް ބަދަލު އަންނަންވީ ވަގުތު ކަމަށެވެ."

އެއަށް ފަހު އަންގާރަ ދުވަހު ޓްރަމްޕް އިރާނާ މެދު ވިދާޅުވި ބަސްފުޅަށް ބަލާލަމާތޯއެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އިރާނުގެ މިހާރުގެ ސަރުކާރަކީ "ޚުދުމުޚުތާރު" އަދި "ކޮރަޕްޓް" ސަރުކާރެއް ކަމަށާއި އަދި އިރާނުގެ މުޒާހަރާތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ "ޚުދުމުޚުތާރު އަދި ކޮރަޕްޓް ވެރިކަމާ ދެކޮޅަށް އެންމެ ފަހުން ރައްޔިތުން ނިކުމެއްޖެ" ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެކުލަވާލެވުނު އިރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވީ "އޮބާމާ މޮޔަފުޅުހާލުގައި އިރާނަށް ދެއްވި ފައިސާ ދިޔައީ އިރާނުގެ ވެރިންގެ ޖީބަށާއި އަދި ޓެރަރިޒަމަށް ޚަރަދު ކުރުމުގައި ކަމަށެވެ." ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ އިރާނުގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ކާބޯތަކެތި ނެތް ކަމަށާއި، ގައުމުގައި އިންފްލޭޝަން ހުރީ ވަރަށް މަތީގައި ކަމަށާއި އަދި އިންސާނީ ހައްގުތައް ގައުމުގައި ނެތް ކަމަށެވެ. އަދި ގައުމުގެ ހާލަތު އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

ކޮންމެއަކަސް އިރާނުގެ ސަރުކާރުގެ ވެރިން މުޒާހަރާތަކާމެދު ދެކެވަޑައިގަންނަވާ ގޮތަށް ބަލާލަމާތޯއެވެ. އިރާނުގައި ހަމަނުޖެހުން އުފައްދަނީ އެގައުމުގެ "ދުޝްމަނުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ވިދާޅުވެފައެވެ. ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ "މި ހިނގަމުންދާ ދުވަސްތަކުގައި އިރާނުގެ ދުޝްމަނުން ގައުމުގައި ހަމަނުޖެހުން އުފައްދަން އެކި އާލަތްތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ، ހަތިޔާރު، ސިޔާސީ އެކި އުކުޅުތަކާއި އަދި ޖާސޫސީ އާލަތްތައް ހިމެނޭ ކަމަށެވެ.

ހޯމަ ދުވަހު އީރާނުގެ ރައީސް ހަސަން ރޫހާނީ މުޒާހަރާތަކާ ބެހޭ ގޮތުން ވިދާޅުވީ، މުޒާހަރާތަކާއި ފާޑުކިޔުންތަކަކީ ލިބޭ ފަހި ފުރުސަތެއް ކަމަށާއި އެއީ ބިރެއް ނޫން ކަމަށެވެ. ރޫހާނީ އިތުރަށް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އިރާނުގެ ރައީސް ރޫހާނީ ކުރިން ވިދާޅުވެފައި ވަނީ ގައުމުގެ ރައްޔިތުންނަށް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމުގެ މިނިވަންކަން އެބައޮތް ކަމަށެވެ.

ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

އިރާނުގެ އެކި ސިޓީތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތަކުގައި 20 އަށް ވުރެ ގިނަ މީހުންމަރުވެފައިވާ އިރު 1000 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވެއެވެ. އަދި ހައްޔަރު ކުރި ފަރާތްތަކުގެތެރޭގައި ޔުނިވާސިޓީތަކުގައި ކިޔަވަމުންދާ 90 ކުދިން ހިމެނޭ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ހާލަތާމެދު އދ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން އަންގާރަ ދުވަހު ނިއު ޔޯކްގައި ނޫސްވެރިންނަށް ވިދާޅުވީ "އިރާނުގެ އެކި ސިޓީތަކުގައި ކުރެވެމުންދާ މުޒާހަރާތައް ސެކްރެޓަރީ ޖެނެރަލް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށާއި، ފުރާނަތައް ގެއްލެމުންދާތީ ކަންބޮޑުވާ ކަމަށެވެ."

އިރާނުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރެވެމުންދާ މުޒާހަރާތަކާ ގުޅިގެން އެމެރިކާގެ އެދުމަކަށް ހުކުރު ދުވަހު ބޭއްވި އދ ގެ ސެކިޔުރިޓީ ބައްދަލުވުމުގައި އެމެރިކާ އަށް ވަނީ ފާޑުކިޔުންތަކާ އަމާޒުވެފައެވެ. އެގޮތުން ސެކިޔުރިޓީ ކައުންސިލްގެ ބައެއް މެމްބަރުން ބުނެފައި ވަނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެގައުމުގެ ދާހިލީ ކަމެއް ކަމަށެވެ. ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ފްރާންސް އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ފްރަންސުއާ ޑެލައްޓްރޭ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ ބައިނަލްއަގްވާމީ ސުލްހައަށް ހުރަސްއެޅޭ ކަމެއް ނޫން ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ރަޝިއާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ވަސިލީ ނެބެންޒިއާ ވިދާޅުވީ އެމެރިކާ އިން ދަނީ އދ ގެ ސެކިޔުރިޓީ ކައުންސިލްގެ ޕްލެޓްފޯމްގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރަމުން ކަމަށެވެ. އަދި އެމެރިކާ އިން ދަނީ އިރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ބޭނުންކޮށްގެން، 2015 ވަނަ އަހަރު އިރާނާއި ބައިނަލްއަގްވާމީ ބާރުތަކާ އެކު ވެވުނު ނިއުކްލިއާ އެއްބަސްވުމަށް ހުރަސްތަކެއް ކުރިމަތިކުރުވަމުން ކަމަށެވެ.

ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ޗައިނާ އިން އދ އަށް ކަނޑައަޅުއްވާފައިވާ ޑެޕިއުޓީ އެމްބެސެޑަރު ވޫ ހައިޓައޯ ވިދާޅުވީ އިރާނުގެ ދާހިލީ ކަމަކަށް އދ ގެ ސެކިޔުރިޓީ ކައުންސިލަކުން ހައްލު ނުލިބޭނެ ކަމަށެވެ.

ސެކިޔުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި އެމެރިކާ އިން އދ އަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރު ނިކީ ހޭލީ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކުގައި އެމެރިކާ އަށް ރައްދުކޮށް ބަދު ބަސްތަކެއް ބުނަމުންދާ ކަމަށާއި އެކަން "އެމެރިކާ އިން ފާހަގަކޮށްފައިވާ ކަމަށެވެ." ހޭލީ އިތުރަށް ވިދާޅުވީ އިރާނުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަކަން ފާހަގަކުރެވިފައިވާތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި ހައްގުތަކަށް ވަކާލާތު ކުރާ ރައްޔިތުންނާއެކީ އެމެރިކާ އިން ވާނެ ކަމަށެވެ.

އެމެރިކާ އަށް ފާޑުކިޔުން އަމާޒުވި ސެކިޔުރިޓީ ކައުންސިލް ބައްދަލުވުމުގައި އިރާނުން އދ އަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޣުލަމާލީ ޚުޝްރޫ ވިދާޅުވީ އިރާނުގައި ހިނގަމުންދާ މުޒާހަރާތަކަކީ "ބޭރުން ބަޔަކު ކުރުވާ ކަމެއް ކަމަށެވެ." އަދި އެމެރިކާ އިން ސެކިޔުރިޓީ ކައުންސިލްގެ ގޮނޑި ނަހަމަގޮތުގައި ބޭނުން ކުރަމުންދާ ކަމަށެވެ.

ކޮންމެ އަކަސް އިރާނުގެ މައްސަލަ ބައިނަލްއަގްވާމީ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައިވާއިރު މި މައްސަލާގައި އެމެރިކާ އިން އިރާނާމެދު ބުނާ ބަސްތަކުގެ ސަބަބުން އިތުރަށް އިރާނު މައްސަލަ ހޫނުވެދާނެ ކަމަށް ވަނީ ބެލެވެން ފަށާފައެވެ. ދެން ވާނެ ގޮތަކީ ކޮބައިތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް