ކ. މާލެ
|
25 ޖުލައި 2021 | އާދީއްތަ 11:45
ރާއްޖެއިން މިނިވަންކަމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ރާއްޖެއިން މިނިވަންކަމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ރާއްޖެއިން މިނިވަންކަން ހޯދުން
މިނިވަން ދުވަސް: ދުނިޔެއިން ރާއްޖެ ބަލައިގަތުމަށް ނަޒަރެއް!
 
1966 ވަނަ އަހަރު އިޓަލީ ވިލާތާއި، ޖަރުމަނު ވިލާތް، ރަޝިއާ، ޕާކިސްތާން، ދެކުނު ކޮރެއާއިން ވަނީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި
 
ރާއްޖެއާއެކު އެންމެ ފުރަތަމަ ސިޔާސީ ގުޅުން ގާއިމުކުރީ އިނގިރޭސިވިލާތާއި، ސްރިލަންކާއިން
 
ރާއްޖެއިން މިހާތަނަށް އައިރު 184 ގައުމަކާއެކު ސިޔާސީ ގުޅުން ނުވަތަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވޭ

މިނިވަން ދުވަހެއްގައި މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މި ބަހުގެ ހަގީގީ މާނައާއި މެދު ވިސްނާލަން ޖެހެއެވެ. މިނިވަންކަމަކީ ކޮބައިތޯއެވެ؟ މިނިވަންކަމަކީ އަމިއްްލަ ބާރާއި، އަމިއްލަވަންތަކަމާއެކު ބަސްބުނުމާއި، އަޑު އުފުލުމުގެ ބާރު ލިބުމެވެ. ބުނާ ބަހުގެ ބުރަދަނެއް ހުރެ ބުނާ ބަހަކީ ދެން ތިބި ބަޔަކު ބަލައިގަންނަ ބަހެއްކަމުގައި ވުމަކީވެސް ހަގީގީ މިނިވަންކަމުގެ ސިފައެއްކަމުގައި ވާންޖެހެއެވެ.

މިނިވަންކަމާއި، ރާއްޖެއަށް މިނިވަންކަން ލިބުނު ގޮތުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އަދި މިއީ އަލަށް ދެކެވޭ ވާހަކައެއްވެސް ނޫންމެއެވެ. މިހާތަނަށް އައިރު މައިގަނޑުގޮތެއްގައި މިނިވަންކަމުގެ ބަހާގައި ވާހަކަދެކެވިފައިވަނީ ކުރިން ދެންނެވުނު ކަންތައްތަކާއި މެދުގައެވެ. ރާއްޖޭގެ މިނިވަންކަން ބަލައިގަތް ގައުމުތަކާއި، ބަލައިގަތް މިންވަރާއި، ދުވެލީގެ ވާހަކަ ދެކެވިފައިވަނީ ވަރަށް މަދުންނެވެ.

26 ޖުލައި 1965ގައި ރާއްޖެއަށް މިނިވަންކަން ލިބި އަޑުގައި ބުރަދަނެއް ހުރި ގައުމަކަށް ވުމަށް ރާއްޖެ ކަޑައްތުކުރި ރާސްތާގައި އެންމެ ފުރަތަމަވެސް ހެޔޮހިތަކާއެކު މަރުހަބާކީ ގައުމުތަކެއް ވެއެވެ. މިގުޅުންތައް އެންމެ ސާފުކޮށް ފެންނަން އޮތީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރި ތާރީޚުތަކަށް ނަޒަރު ހިންގާލުމުންނެވެ.

ރާއްޖޭގެ ޚާރިޖިއްޔާއިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން މިހާތަނަށް އައިރު 184 ގައުމަކާއެކު ސިޔާސީ ގުޅުން ނުވަތަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައިވެއެވެ. ސިޔާސީ އެކި ޚިލާފުތަކުގެ ސަބަބުން މީގެ ތެރެއިން 6 ގައުމަކާއެކު އޮތް ގުޅުން މިހާރު ކަނޑާލާފައިވާއިރު، މީގެ ތެރޭގައި 29 އޮކްޓޯބަރ 1965 ގައި ރާއްޖެ އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި ހިމެނުނު އީރާނާއި ޔަމަން ފަދަ ގައުމުތައް ހިމެނެއެވެ.

އިނގިރޭސިވިލާތާއި، އުތުރު އަޔަލޭންޑް (26 ޖުލައި 1965)

މިނިވަންކަމަށް ފަހު ރާއްޖެ އެންމެ ފުރަތަމަ ބަލައިގަތް ގައުމަކީ، އެ ގައުމެއްގެ އިސްތިއުމާރުގެ ދަށުގައި ނުވަތަ އެމީހުން ބުނާގޮތުން ނަމަ ހިމާޔަތުގެ ދަށުގައި އޮވެ ރާއްޖެއަށް މިނިވަންކަން ލިބުނު ގައުމެވެ. މި ދަންނަވަނީ އިނގިރޭސީންގެ ވާހަކައެވެ. ކޮޅަނބުގައި ހުންނަވައި ރާއްޖޭގެ މިނިވަންކަމުގެ ލިޔުމުގައި އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރު ސޮއިކުރެއްވި ހިސާބުން 26 ޖުލައި 1965ގައި ރާއްޖެ ބަލައިގަނެ އެންމެ ފުރަތަމަ ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމުކުރީ އިނގިރޭސިވިލާތެވެ.

ސްރިލަންކާ (26 ޖުލައި 1965)

ރާއްޖެއިން މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން - ފޮރިން މިނިސްޓްރީ

ސިޔާސީ ގުޅުން ގާއިމުކުރުމުގައި އިނގިރޭސިވިލާތާއި ހަމަ އެއް ހަމައެއްގައި އަދި ހަމަ އެތާރީޚުގައި ރާއްޖެ ބަލައިގަތް އަނެއް ގައުމަކީ އެ ގައުމެއްގައި މިނިވަންކަމުގެ ލިޔެކިޔުންތަކުގައި ސޮއިކުރެވުނު ގައުމެވެ. ކޮޅަނބުގައި ރާއްޖޭގެ މިނިވަންކަމުގެ ކުލަޖެހިގެން ދިޔަގޮތުގެ ވާހަކައަކީ މިއަދު ކުދި ބޮޑު އެންމެން ދަންނަ ވާހަކައަކަށް ވެފައިވާއިރު، މިނިވަންކަން ބަލައިގަތުމުގައިވެސް އެންމެ އިސްވި އެއް ގައުމަކީ ސްރީލަންކާއެވެ.

ރާއްޖެއާއި ސްރިލަންކާގެ ގުޅުމަކީ އެދުވަހުއްސުރެ މިއަދާއި ހަމައަށްވެސް ދެގޮތެއް ނުވެ އެހާމެ ބަދަހިކަންމަތީ އޮންނަ ގުޅުމެެކެވެ. ރާއްޖެއާއި ސްރީލަންކާގެ ވެރިކަމުގެ ކޮންމެ ސަފުހާއެއް އެއްލާ ބަލާލިޔަސް މި ދެންނެވި ގުޅުން ހަމަ އެފަދައިން ފެންނަން އޮތްކަމަށް ދަންނަވަން ޖެހެއެވެ. މި ގުޅުމުގެ ދަށުން ރާއްޖެއިން އެހީތެރިކަމަށް ގޮވާލި ކޮންމެ ދަނޑިވަޅެއްގައި ލަންކާއިން ފަސްޖެހުމެއްނެތި އެހީތެރިވެދިންތަނާއި، ރާއްޖޭގެ ވޭނީ އާހުގެ އަޑު އިވޭއިރަށް އަމިއްލައަށްވެސް އެހީވުމަށް އަވަސްވެގަތް މަންޒަރު ފެނިގެން ގޮސްފައިވެއެވެ.

މޯދީ - ޓްވިޓަރ

އިންޑިއާ (01 ނޮވެމްބަރ 1965)

މި ލިސްޓުގައި ދެން ނަންގަންނަން ޖެހެނީ ރާއްޖެއާއި އެ ގައުމަކާއެކު އެންމެ ވަރުގަދަ ގުޅުމެއް އޮތް ގައުމުގެ ވާހަކައެވެ. އިންޑިއާގެ ވާހަކައެވެ. އިންޑިއާއަކީ ސަރަހައްދީ އެންމެ ބޮޑު ބާރު ކަމުގައިވާއިރު ރާއްޖެއަށް ވަނީ ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދީފައެވެ. ވަކިން ޚާއްސަކޮށް ސެޕްޓެމްބަރު 1965ގައި އދގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ ބަލައިގަނެ މިނިވަންކަމުގެ ހަގީގީ މާނަ ރާއްޖެއަށް ލިއްބައި ދިނުމުގައިވެސް އިންޑިއާގެ ރޯލު ވަރަށް މުހިންމެވެ. 01 ނޮވެމްބަރު 1965ގައި ރާއްޖެއާއެކު ރަސްމީގޮތުން ގުޅުން ގާއިމުކޮށް މިއަދާއި ހަމައަށް އެ ގައުމުން ވަނީ އަވައްޓެރި އަދި އެކުވެރި ދައުލަތެއްގެގޮތުގައި އޮތުމުގެ ލާމަސީލު މިސާލު ދައްކުވާފައެވެ.

ރާއްޖެއަށް މިނިވަންކަން ލިބި 50 އަހަރަށްވުރެ ގިނަ ދުވަސްވެގެން ގޮސްފައިވާއިރު، މި ދެންނެވި މާޒީގައިވެސް މިނިވަންކަން ނިގުޅައިގަތުމަށް އެކި ހަމަލާތައް ވަނީ އަމާޒުވެފައެވެ. މިއިން ކޮންމެ ހަމަލާއަކުން ރައްކާތެރިވެ އެހީވުމަށް އެންމެ ބޮޑު މަދަދެއްވި ގައުމެއްގެ ގޮތުގައިވެސް އިންޑިއާ ވަނީ ސާބިތުކަން ދައްކުވައިދީފައެވެ. އެ ގައުމަކީ ރާއްޖޭގެ ވަފާތެރި އެކުވެރިއެއްކަން މުޅި ދުނިޔެއަށް ދައްކުވައިދީފިއެވެ. ރާއްޖޭގެ ތާރީޚުގައިވެސް ދިމާވި އެންމެ ބޮޑު ކާރިސާކަމުގައިވާ ސުނާމީ ކާރިސާއާއި، ކޮވިޑް-19ގެ އާލަމީ ވަބާއިން އަރައިގަތުމުގައިވެސް އިންޑިއާއިން އަދާކުރި ރޯލު ވަރަށްވެސް މުހިންމެވެ.

އެމެރިކާ (10 ނޮވެމްބަރު 1965)

ރާއްޖޭގެ މިނިވަންކަމަށް ބުރުލެއް ނާރާ މިހާތަނަށް ދެމިއޮތުމުގައި އެތަކެއް ގުރުބާނީތަކެއް ވެފައިވާ އަބްތާލުންގެ ދައުރު ވަރަށް މުހިންމެވެ. އަދި މިއާއެކު ރާއްޖެ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން އަވަސްވެގަތުމަކީވެސް މިނިވަންކަމުގެ ރަހަ އެހާ އަވަހަށް ރާއްޖެއަށް ލިބުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. މި މޭރުމުން ވާހަކަދައްކާއިރު، 10 ނޮވެމްބަރު 1965ގައި ރާއްޖޭގެ މިނިވަންކަމަށް އިއުތިރާފުވެ ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާއިން ރާއްޖެއާއެކު ގުޅުން ގާއިމުކުރުން ވެގެން ދިޔައީ ރާއްޖޭގެ މިނިވަންކަން ބަލައިގަތުމަށް ލިބުނު އިތުރު ބާރަކަށެވެ. އެމެރިކާއަކީ ރާއްޖެއިން މިނިވަންކަން ހާސިލުކުރި 1965 ވަނަ އަހަރު ރާއްޖެއާއި ސިޔާސީ ގުޅުން ގާއިމުކުރި އެންމެ ފަހު ގައުމަށްވިޔަސް ޖެހިގެން އައި އަހަރުތަކުގައި ރާއްޖޭގެ މިނިވަންކަމަށް ގިނަ ގައުމުތަކެއް އިއުތިރާފުވުމުގައި އެމެރިކާއިން އެޅި މި ފިޔަވަޅު ވަރަށް މުހިންމު ދައުރެއް އަދާކުރިއެވެ.

ރާއްޖެއަށް މިނިވަންކަން ލިބުމަށް ފަހު 1966 ވަނަ އަހަރު އިޓަލީ ވިލާތާއި، ޖަރުމަނު ވިލާތް، ރަޝިއާ، ޕާކިސްތާން، ދެކުނު ކޮރެއާއިން ވަނީ ރާއްޖެއާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައެވެ. އެއަށްފަހު 1967ގައި ޖަޕާން، މެލޭޝިއާ، މިސްރު، ފަރަންސޭސިވިލާތް، އަދި މިޔަންމާ ފަދަ ގައުމުތަކުން މި ނިންމުން ނިންމިއެވެ. ނަތީޖާއެއްގެ ގޮތުން މިނިވަންކަން ހާސިލުކުރިތާ 10 އަހަރުގެ ތެރޭގައި މިއަދަދު 26ން މައްޗަށް އަރާ މިއަދު މިއަދަދު މިވަނީ 178ށް އަރާފައެވެ.

މިއަދު ދިވެހިރާއްޖެއަކީ އިންސާނީ ހައްގުތަކާއި، މޫސުމަށް އަންނަ ބަދަލުތައް އަދި ކުދި ޖަޒީރާ ރައްތަކުގެ ހައްގުތަކުގެ ވާހަކަދައްކާ އިސް ލީޑަރަކަށް ވެފައިވާއިރު، ރާއްޖެއިން މިވަނީ މިފަހަކަށް އައިސް ބޮޑެތި ރިކޯޑްތަކެއްވެސް ހަދާފައެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަފަހަރަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމަށް ތައްުޔާރުވެފައިވާއިރު، މިއީވެސް ރާއްޖޭގެ މިނިވަންކަން މިއަދު ދުނިޔެއިން ބަލައިގެންފައިވާ މިންވަރު ހާމަކޮށްދޭ ހެއްކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް