ކ. މާލެ
|
6 ޖޫން 2021 | އާދީއްތަ 15:13
މިޝްކާ ނިޔާވި ހާދިސާއާ ގުޅިގެން ރިވިއު އޮޑިޓެއް ވަނީ ހަދާފައި
މިޝްކާ ނިޔާވި ހާދިސާއާ ގުޅިގެން ރިވިއު އޮޑިޓެއް ވަނީ ހަދާފައި
ރާއްޖެއެމްވީ
ހެލްތް މިނިސްޓްރީގެ ރިވިއު ރިޕޯޓް
މަގޭ ރިޕޯޓް: ހެލްތް މިނިސްޓްރީގެ ރިވިއު ރިޕޯޓަށް ތަފްސީލީ ނަޒަރެއް!
 
ކޭސްގެ ސީރިއަސްކަން ކޯލް ސެންޓަރަށް ވެސް، ޑޮކްޓަރަށް ވެސް، އަދި އައިޖީއެމްއެޗަށް ވެސް ވަޒަންކުރެވިފައެއް ނުވޭ
 
ޚިދުމަތް ފޯރުކޮށްދީފައިވާކަމަށް ބުނެ މަޢުލޫމާތު އޮޅުވާލާފައިވާކަމަށް އާއިލާއިން ވަނީ ބުނެފައި
 
އިހުމާލުވެފައިވާކަން އެކި ދަނޑިވަޅުތަކުގައި ފާހަަގަވޭ، އެކަމަކު ޒިންމާވާނެ މީހެއް ނެތް

ކޮވިޑް-19 ގެ ބަލީގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާކަމުގައިވާ އުުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދު ނިޔާވެފައިވަނީ ޖޫން މަހުގެ 2 ވަނަ ދުވަހުގެ ރޭގެ 12:10 ހާއިރުއެވެ. މިޝްކާ ނިޔާވުމާ ގުޅިގެން ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ މިޝްކާ ކުއްލި ގޮތަކަށް ނިޔާވުމުގައި ކަމާގުޅޭ ފަރާތްތަކުގެ އިހުމާލު އެބައޮތްކަމަށާއި އެކަން ބަލަމުންދާކަމަށް ވިދާޅުވެފައެވެ. އަދި އެކަމާ ގުޅޭ ރިޕޯޓް ބުދަ ދުވަހުގެ ރޭ ލިބިވަޑައިގަންނަވާނެކަަމަށާއި ބުރާސްފަތި ދުވަހު ރިޕޯޓް ހާމަކުރައްވާނެކަމަށެވެ. ނަމަވެސް ރިޕޯޓް އާންމުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.

ކޮންމެއަކަސް މި ރިޕޯޓް ހެލްތް މިނިސްޓްރީއިން އާންމުކުރިއިރުވެސް ފެންނަން އޮތީ އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް ކުރި އެތައް ކަމެކެވެ. އިހުމާލުގެ ލިސްޓު ދިގުވެގެންގޮސް އެޗްއީއޯސީއެއްގެ ބޭނުމާ މެދުވެސް ވަނީ ސުވާލުއުފެދޭވަރުވެފައެވެ. މިހެން މި ދަންނަވަނީ ރާއްޖޭގެ ކޮވިޑްގެ ޙާލަތު ބަލަން ވަރުވަރުން މީހުން ނަގައި، އެކި ނަންނަމުގައި ޓީމްތައް އެކުލަވާލައި މަސައްކަތް ވިލަރެސްކުރެވިފައިވާކަމަށް ބުނާއިރު، މަރުވަމުންދާ ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ގުޅާގުޅާ ޖަވާބު ނުދިނުމުން އެވެރިން ބަލައި ދާންޖެހުނީ ދަރުބާރުގެއާ ހިސާބަށެވެ. މި ކަމުގައި އޮޅުންބޮޅުންގަނޑު އޮތް މިންވަރު އިތުރަށް ހާމަވެގެންދިޔައީ ރިވިއު ރިޕޯޓުގައި ސުވާލުއުފެދޭ ގިނަ ކަންތައްތަކަކާއި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބުނި ހިސާބުންނެވެ.

މިކަމުގައި މިހާރު ބޭނުންވަނީ ވަކިކޮޅަކަށް ނުޖެހޭ އޮޑިޓެއް ނޫންތޯއެވެ. މި ދަންނަވަނީ ރިވިއު ރިޕޯޓްގެ އޮޑިޓްގެ ވާހަކައެވެ. މިކަމުގައި ސަރުކާރުގެ ބަސް އެއޮތީ ރިވިއު ރިޕޯޓުން ފެންނާށެވެ. އަދި އާއިލާގެ ބަސް ހޯދުމުގެ ޒިންމާ އަޅުގަނޑުނަގައި މި ރިޕޯޓަށް ތަފްސީލީގޮތަކަށް ނަޒަރު ހިންގާލާނަމެވެ.

ބަޔާނުގައި މިޝްކާގެ އުމުރު ވެސް ވަނީ އޮޅިފައި

މި ނޫސް ބަޔާން ފަށާފައިވަނީ ވެސް މަޢުލޫމާތުގެ ކުށަކުންނެވެ. މިޝްކާ ނިޔާވިއިރު ކުޑަކުޑަ މިޝްކާގެ އުމުރަކީ 10 އަހަރުކަން މިއަދު ނުދަންނަ މީހަކު ނުހުންނާނެއެވެ. އެހެނަސް އުމުރުވެސް އޮޅި ލިޔެފައިވަނީ 11 އަަހަރު ކަމަށެެވެ. މިކަން މިހެން ފެންނަން އޮތީ އެންމެ ފަހަރަކު ނޫނެވެ. މިޝްކާގެ އުމުރު ބަޔާކޮށްފައިވާ ކޮންމެތަނެއްގައި ވެސް މި ކުށްވަނީ ތަކުރާރުވެފައެވެ. މިއީދެން ޓައިޕިން އެރޯއެއްް ކޮޕީ ޕޭސްޓްކުރީމަ ވީކަމަށް ބަލާ ދޫކޮއްލެވިދާނެއެވެ. އެހެނަސް، މި ރިވިއުއިން މިދެންނެވި ފަދަ އެތައް ކަމެއް އަޅުގަނޑަށް ފާހަގަވިއެވެ. މިހާ ތަފުސީލީ ރިޕޯޓެއްގައި މިހާ ގިނަ ޓައިޕިން އެރޯއެއް ނުހުންނާނެ ނޫންތޯއެވެ.

މި ބަޔާނުގެ ދެވަނަ ޖުމުލާގައިވަނީ މި ރިވިއުގައި، ހެލްތު އިމަރޖަންސީ އޮޕަރޭޝަން ސެންޓަރުން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓާރތައް ކަމުގައިވާ ކޯލް ސެންޓަރު، މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ)، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އިމަރޖަންސީ މެޑިކަލް ސާރވިސަސް (އީއެމްއެސް) އިން ޢަމަލުކޮށްފައިވާ ގޮތްބަލައި، މިހާރު ޢަމަލުކުރަމުންދާ އާންމު އުސޫލުތަކާއި އެއްގޮތައް ކަންކުރެވިފައިވޭތޯ ބެލިފައިވާނެކަމަށެވެ. މިހާ ހިސާބުން ބެލިކަންކަމުގައި "ފުލް ސްޓޮޕް" ޖެހީއެވެ. އެކަމަކު އަދި މިކަމުގައި ޖަވާބު ބޭނުން އެތައް ސުވާލެއް އެބަހުއްޓެވެ.

މައްސަލަހުރިކަމަށް ބުނާއިރު، ޒިންމާނަގާނެ އަކަކުވެސް ނުވި

މި ރިވިއުގައި މިޝްކާގެ އާއިލާގެ އެތައް ކޯލްއަކަށް އެޓެންޑްވެ ފިޔަވަޅު އެޅުމުގައި ނުކުޅެދުނު އެތައް ބައެއްގެ ނަން މަދެވެ. ކޯލް ސެންޓަރު ކޮބާތޯއެވެ. މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ)އާއި ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އިމަރޖަންސީ މެޑިކަލް ސާރވިސަސް (އީއެމްއެސް) އިން މިހާރު ޢަމަލުކުރަމުންދާ އާންމު އުސޫލުތަކާއި ގޮތްތަކަކީ ކޮބާކަން 5 ޞަފުޙާއަށް ދެމިގެންދިޔަ މި ބަޔާނުގެ އެއްވެސް ހިސާބަކުން ނުފެނުނެވެ.

އާދޭހެވެ. ހަމަޖެހިފައިވާ އުސޫލޭ ކިޔާފައި ހަވާސާއެއް އަޅާފައިވާތަން މި ބަޔާނުގެ އެކި ހިސާބުތަކުން ފެންނަން އެބަ އޮތެވެ. ބަޔާނުގެ ފެށުމުގަޔާއި، ކަން ހިނގި ގޮތް ކިޔާދިން އިރުގައި ވެސް މި ފަރާތްތަކުން ޢަމަލުކުރަންޖެހޭ ގޮތުގެ އުސޫލެއް އޮތްކަމަށް ވަނީ ބުނެފައެވެ. މިއީ ކިހިނެއްވާ އުސޫލެއްކަމެއް، އުސޫލުގައި ބުލެޓް ޕޮއިންޓަކަށް މަތުރާލެވިފައިވާ އެންމެ ދެ ތިން ނުކުތާވެސް ހާމަކޮށްލުމުން މި އޮޅުން ބޮޅުންގަނޑު ރަނގަޅުކުރަން ފުކެއް ފަސޭހަވާނެތާއެވެ. އުސޫލުތަކުގެ ނަމުގައި ފަތްފުށްތަކުގަޔާއި ފައިލުތަކުގައި ރިކޯޑްކުރެވިފައިވާ ކަންކަން ތަފުސީލުކޮށްދެއްވައިގެން ނޫނީ މިކަމުގައި ރިވިއުއެއް ކުރެވުނުކަމަކަށް ދެންނެވޭކަށް ނެތެވެ. މިއީ ރިވިއުއަކަށްވުރެ ބޮޑަށް ފަލަ ސުރުޚީތަކަކާ ވައްތަރެވެ. އަބަދުމެ އެކި މުއައްސަސާތަކާއި ޓީމްތަކުގެ އެސްއޯޕީތަކާއި ޤަވައިދުތަކުގެ ގިގުނިފަތި ދަންމަވާ ބޭފުޅުންނަށް މިފަދަ އެއްވެސް ކަމެއް ތިލަކޮށްދެވިފައެއް ނެތެވެ.  

އުސޫލުގެ ތަފުސީލެއް ނެތްތާނގާ، "ކަން ހިނގިގޮތުގެ" ރިވިއުގައި އެކި މައްސަލަތައް ފާހަގަކޮށްފައިވާއިރު، ޒިންމާވާނެ މީހެއްގެ ނަން ވެސް ފެންނަން ނެތްކަން ފާހަގަކޮށްލަމެވެ. މިގޮތުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދި މިކަން ކޮންޓެކްޓް ޓްރޭސިންގ ޓީމުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ޝީޓުގައި ރެކޯޑްކުރުމަށް ފަހުވެސް މިކަން ޑޮކްޓަރާއި ހިސާބަށް ފޯރާފައެއް ނުވެއެވެ. ރިކޯޑް ފައިލް ޑޮކްޓަރަށް ނުފޯރީ ކީއްވެތޯއެވެ. މި މަސައްކަތުގެ ޒިންމާ އުފުލަން ޖެހެނީ ކާކުތޯއެވެ. އިހުމާލުގެ އިތުރު ބޮޅެއް ފެނުނީ އައުޓްބްރޭކް (އޯބީ) ސިސްޓަމަށް އަޅަންޖެހޭ މަލޫމާތު ސިސްޓަމަށް އަޕްޑޭޓް ކޮށްފައިނެތުމުންނެވެ. މިފަހަރުވެސް މައްސަލަ ބަޔާންކޮށްފައި އެބަ އޮތެވެ. އެކަމު މި ފަދަ މުހިންމު މަޢުލޫމާތެއް ނޭޅި މިފަހަރު ވެސް ޒިންމާ ނަގާނެ މީހަކު ނޭނގުނެވެ.

އަނެއްކާވެސް ޒިންމާވާނެ މީހަކު ނެތް އިހުމާލެއް ފާހަގަކޮށްލާނަމެވެ. ކޮވިޑް 19އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް، މިކްލަސްޓަރއިން ވެސް މި ދެ ދުވަހުގެ ތެރޭގައި މިޝްކާގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެއެވެ. ހާލުބެލުން ޕޯޓަލްއާއި ފުލުފުލުގައި ކުރަމުންދިޔަ އެސްއެމްއެސްތައް މިފަހަރަކު އަތުނުޖެހުނީތާއެވެ.

ކުރިންވެސް ދެންނެވި ފަދައިން މި ރިވިއުގެ މައްސަލައިގައި އާއިލާއިން ވަނީ ރިވިއު ރިޕޯޓުގައި ސުވާލުއުފެދޭ ގިނަ ކަންތައްތަކަކާއި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެފައެވެ. މިކަން އެންމެބޮޑަށް ފާޅުވީ 31 މޭ 2021 ގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ކޭސް އަޕްލޯޑްކޮށް އެއަށްފަހު ކަންހިނގާފައިވާ ގޮތުންނެވެ. ރިޕޯޓްގައިވާ ގަޑިތަކާއި އާއިލާއިން ހާމަކޮށްފައިވާ ކޯލް ލޮގްތަކަކާ ދިމަލެއް ނުވެއެވެ. މިއީ އަނެއްކާ "އަދުރަމެޓިކްސް" ބާއެވެ.

ބެލެނިވެރިޔާ ދިން މަޢުލޫމާތަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅައި އަދި މި ވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިޔަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ. އާއިލާއިން ބުނިގޮތުގައި އޭރު މިޝްކާގެ ހުން ހުރީ 39 ގައެވެ. 39 ގައި ހުންހުރުމަކީ ކޮވިޑް19 ޕޭޝަންޓްއެއްގެ ނޯމަލް ލެވެލްއެއް ކަމަށްވެސް ޑޮކްޓަރު ބުނިކަމަށްވެއެވެ. އަދި ހުން ތިރި ނުވަންޏާ ހަމައެކަނި ޑޯޒޭޖް އިތުރުކުރަން ވެސް ބުނުމުން ޑޮކްޓަރު ވެސް މިކަމުގައި ކުއްޖާގެ ޙާލަތައް މާބޮޑަކަށް ބަލާފައި ނެތްކަން އަޅައިގަނެވެ. 39 ޑިގްރީގެ ހުމަކީ ބާރު ހުމެއް ނުވަތަ "ހައި ފީވާ" ލެވަލްގައި ގުނޭއިރު ޑޮކްޓަރު މިކަމުގައި އަމަލުކުރިގޮތުން މިފަދަ ކަމެއް ނުކުރިޔަސް މާ ރަނގަޅުވީހޭ ވެސް ހިތަށް އަރައެވެ. އެހެނީ ކުޑަކުއްޖަކަށް ހުން ތިރިކުރަން ބޭނުންކުރާ ވަރުވެސް ބެލުމެއްނެތި އޭރު ހުރިވަރުން ހުން ތިރި ނުވަންޏާ ޑޯޒް އިތުރުކުރަން ބުނިއިރު ބޭސް ދޭންވީ މިންގަނޑެއް ތަފްސީލުކޮށްދީފައެއް ނުވެއެވެ. ފަހަރުގައި މިޝްކާގެ ޙާލަތު ޑޮކްޓަރަށް ފަހުމުނުވީކަމަށް ހިތައި އާއިލާއިން މިޝްކާއަށް ކާއެއްޗެއް ނުކެވޭކަމާއި ވަރުބަލިވެފައި ހުންނަ ވާހަކަ ބުނުމުން ވެސް އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައިނުވާކަމަށް ވަނީ މަޢުލޫމާތުދީފައެވެ. ދެން މީގައި އަޅުގަނޑު އެއްޗެއް ދަންނަވަންޖެހޭކަމަށް ޤަބޫލެއް ނުކުރަމެވެ. އިހުމާލުން އިހުމާލު މިކަމުން ވެސް ފެނިގެންދެއެވެ.

މިހާ ހިސާބުން މިޝްކާގެ ޙާލު ސީރިއަސްވީ ހިސާބަށް ކުޑަކޮށް ކުރިއަށް ޖެހިލާނަމެވެ. ރިވިއު ރިޕޯޓްގައިވާ ގޮތުން މެއި 31 ވަނަ ދުވަހުގެ ރޭ 09:06ގައި ކޯލް ސެންޓަރަށް އެންގިއެވެ. ކޯލް ސެންޓަރުން 'އޯބީ' ސިސްޓަމަށް އަޅާ، ޓިކެޓް ރެއިޒްކުރިއެވެ. އަދި ފަސްވަރަކަށް މިނެޓުގެ ތެރޭގައި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް ވެސް އެޅިއެވެ. ނެޓްވޯކްގެ ނަރުކެނޑުނީ މި ހިސާބުންނެވެ. މި ދެންނެވީ ޑީއެމްއާރްޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރި ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް އެ ކޯލް މިސްވި ވާހަކައެވެ. ޙާލު ގޯސްވެގެން އެންގުމުން އެންމެ ފަހަރަކު ނުގުޅުމުން ފެނިގެން ދިޔައީ ފަރުވާކުޑަކަމުގެ ލަދުވެތި މިސާލެކެވެ. އެވަގުތު ބެލެނިވެރިޔާއަށް ނުގުޅުމުން ކަންފަސޭހަކޮށްލާފައި މަޢުލޫމާތު ޝީޓަށް 'އެޓެންޑަޑް' ކަމަށް ޑީއެމްއާރްޓީއިން ކަނޑައަޅައި ފައިލް ބަންދުކޮއްލީއެވެ. މިފަދަ ފަރުވާކުޑަ ގޮތަކަށް އަމަލުކުރި ޑޮކްޓަރަކީ ކާކުތޯ އާއި އެއްވެސް ރިމާކްސް އެއް ނުޖަހާ އެޓެންޑެޑްކަމަށް ޖެހީ ކީއްވެތޯ ބެލުން އެއީ މުހިންމުކަމަކަށް ނުވީ ކީއްވެގެންތޯއެވެ. ނޭވާއަށް އުނދަގޫވާ ވާހަކަ ބުނެފައި ދެން ފޯނަށް ޖަވާބު ނުދެވުމުން ދެވަނަ ފަހަރަށް ވެސް އާއިލާއަށް ގުޅަން އެ ޑޮކްޓަރު މަސައްކަތް ނުކުރެއްވީ ކީއްވެތޯ؟ މިކަމުގައި ޑޮކްޓަރު ފިޔަވަޅެއް ނޭޅުނުތާގައި ޖަވާބުދާރީ ކުރެވުނުކަންވެސް ބަޔާންކޮއްލިނަމަ މި "ލޫސް އެންޑް" ކޮންމެވެސް ވަރަކަށް ފޫ ބެދުނީހެވެ. ކޮންމެއަކަސް މިޝްކާގެ ބެލެނިވެރިން ދިޔައީ ޑޮކްޓަރުގެ އެހީ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. 10:06ގައި މިސްވި ކޯލްގެ ބަދަލުގައި ބެލެނިވެރިން އެތައް ކޯލްތަކެއްކޮށްގެން ޑޮކްޓަރާއި ހިސާބަށް ފޯރީ އޭގެ 27 މިނެޓްފަހުންނެވެ. އޭރުވެސް ދަރިފުޅުއޮތީ ހުމާ ފިހިފިހިއެވެ.

މޮޅެތި ނަންނަމުގައި އެކި ހައިސިއްޔަތުތަކުގައި މަސައްކަތްކުރާ ޓީމްތަކާއި ސިސްޓަމްތަކަށް އަޅަނީ ކޮން މަޢުލޫމާތެއްބާވައެވެ. "ޓިކެޓެކޭ" ކިޔާއެއްޗެއް ރެއިސްކުރާ ވާހަކަ ދެތިން ފަހަރަކު މި ބަޔާނުގައި ބުނެފައިވެއެވެ. އެކަމަކު މިދެންނެވި ސިސްޓަމްތަކުގައި ފުރިހަމަ ނަމާއި، އައިޑީކާޑުގައި ހުންނަ ޒަރޫރީ މަޢުލޫމާތު ނޫން އެއްވެސް މަޢުލޫމާތެއް ހަމަ ނުހުންނަނީ ހެއްޔެވެ. މިކަން ފެނިގެންދަނީ މިޝްކާއަކީ ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މަޢުލޫމާތު ބެލެނިވެރިޔާ ދީނުމުން އެކަން ޑޮކްޓަރުންގެ ސަމާލުކަމަށް އައީ ހާލު ސީރިއަސްވިތާ ގަޑިއިރަކަށްވުރެ ގިނަ އިރުވިފަހުން ރޭގަނޑު 10:33ގައިކަމަށް ވަނީ ބަޔާނުގައި ބުނެފައެވެ. މި މަޢުލޫމާތަކީ ކުއްޖާގެ ޝީޓު ހުޅުވާލީމަ ފެންނަށް ހުންނަ މަޢުލޫމާތެއްނޫންތޯއެވެ؟ ކޮންމެފަހަރަކު ކުއްޖާގެ ވަނަވަރު ކިޔާދޭން ޖެހުމުން ކްރިޓިކަލް މިފަދަ ކޭސްތަކުގައި ގެއްލިގެން އެދަނީ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެތައް ވަގުތެކެވެ. އެވެސް ސިސްޓަމްތަކުގެ ދޯދިޔާކަމުން ބޭކާރު ގޮތުގައި ގެއްލޭ ވަގުތުކަމުގައި ދަންނަވަން ޖެހެއެވެ.

ނިޒާމުތަކަކާއި އަސޫލުތަކެއްގެ ވާހަކަ ދައްކާފައި އޮތްއިރު، އޭގެން ހާސިލުވިކަމެއް ނެތް

މި ބަޔާނުގައި އެންމެބޮޑަށް އަޅުގަނޑުގެ ސިކުނޑި ސުމަކަށް ގެނުވި ނުކުތާ ފެނުނީ ދެނެވެ. ކަނޑައެޅިފައިވާ ނިޒާމެއްކަމަށް ސުރުޚީއެއް އަނެއްކާވެސް ބަޔާނުގައި ހިމެނިފައިވެއެވެ. މިއީ ކޮން ނިޒާމެއްކަމައް ހަމަ ހިލާ އަޅުގަނޑަކަށް ފަހުމެއް ނުވިއެވެ. ކޮންމެއަކަސް ޑީއެމްއާރްޓީގެ ޑޮކްޓަރު ގޮތްނޭނގޭ ދިމާލަކަށް މި މަޢުލޫމާތު ފޮނުވައިފިއެވެ. މިހެން މިދެންނެވީ މަޢުލޫމާތު ފޮނުވީ ކިހިނެއްކަމެއް އަދި ކާކަށް ކަމެއްވެސް އެނގެން ނެތީމައެވެ.

އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ، ޑީއެމްއާރްޓީއާއި ސީމެޓަށް ވެސް މިމަޢުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް ދާން އަންގާފައެއްނުވެއެވެ. މި ހާހިސާބުން އާއިލާއަށް ގުޅީ ޑީއެމްއާރްޓީގެ ޑރ. އެއްތޯ ނުވަތަ ނޫންތޯ ވެސް ސުވާލު އުފެދިއްޖެއެވެ.  މިހާ ހިސާބުން ވެސް މި ޑޮކްޓަރު އެމްބިއުލާންސް ފޮނުވަން މަސައްކަތް ނުކުރީ ކީއްވެތޯއެވެ؟ ޑޮކްޓަރަކީ ޑީއެމްއާރުޓީގެ ބޭފުޅެއްނަމަ މިހާ ސީރިއަސް ކޭސް އެއްގައި އެއްވެސް ފޮލޯ އަޕެއް ނުހަދަނީތޯއެވެ؟ ސީމެޓްއަށް އެނގުމުން އެޓީމުން ވެސް އެއްވެސް ރެސްޕޮންސްއެއް ދީފައި ނުވަނީ ކީއްވެތޯއެވެ؟ މިފަދަ ގިނަ ސުވާލުތަކެއް ބޮލުގައި އެނބުރިގަތް އިރު މިކަމުގައި ވެސް ޒިންމާވާނެ ފަރާތެއް ހަމަ ނުފެނުނެވެ.

މިފަދަ ސީރިއަސް ކަމެއްގައި އެންމެ މާޔޫސްވެގެން ދިޔައީ އެޗްޕީއޭގެ ކޯލްސެންޓަރުން ޖަވާބުދާރީވަމުން ދިޔަ ގޮތެވެ. 11:26އާއި 11:33ދެމެދު އެކަނިވެސް ބެލެނިވެރިން އެޗްޕީއޭއަށް ވަނީ 5 ފަހަރު ގުޅާފައެވެ. ދެމުން ދިޔައީ މާޔޫސީ ޖަވާބެކެވެ. އަންނަނީ އަންނަނީކަމުގައެވެ. ބަލި ހާލު ބޮޑުވެފައިވާ ދަރިއަކަށް ވާންވީ ނުވާންވީގޮތެއް ނޭނގި ގޮތް ހުސްވެފައިތިބި ބެލެނިވެރިންނަށް މިފަދަ ގަޑިއެއްގައި ދޮގު މަޢުލޫމާތުދީ، އުއްމީދު އާކޮށްދީ، އޮޅުވާލިކަން މިއޮތީ ހާމައަށް ފެންނާށެވެ. އޭރު ކޯލް ސެންޓަރުގައި ޖަވާބުދާރީވީ ކޮންބައެއްތޯއެވެ. ކޯލް ސެންޓަރުގެ މުވައްޒަފު އެމްބިޔުލާންސް ފޮނުވައިފީމޭ ބުނީ ކާކުދިން ކޮން މައުލޫމާތެއްގެ މައްޗަށްތޯއެވެ؟ ކޯލް ސެންޓަރުން ކުރެވޭ ހަމައެކަނި ކަމަކީ ޓިކެޓް އެޅުންބާއެވެ؟ އެވަރަށް ގުޅާއިރު އިންޓަރކޮމް އެއް މެދުވެރިކޮށް ޑީއެމްއާރްޓީ ނުވަތަ އޮޕަރޭޝަންސް ހެޑްއަށް ނުވަތަ ކޯލްސެންޓަރުގެ ސުޕަވައިޒަރަށް މިކަން އެންގޭނޭ އެއްވެސް ނިޒާމެއް ހަމަ ނެތީތޯއެވެ؟

އެމްބިލޔުލާންސްއަށް ނުގުޅާކަން  ނުވަތަ "ކަނޑައެޅިފައިވާ އުސޫލުގެތެރެއިން" އެމްބިޔުލާންސް ފޮނުވަން އެދިފައި ނުވާނޭކަން ޑޮކްޓަރަށް އެނގިހުރެ ވެސް  އެއްގަޑިއިރުވިއިރު ކުރިން ގުޅި ޑޮކްޓަރު އެއްފަހަރު ވެސް ހާލަތު ބަލައިނުލީ "ކަނޑައެޅިފައިވާ އުސޫލުގައި" އެގޮތަށް ޢަމަލުކުރުމަށް ކަނޑައަޅާފައި ނެތުމުންތޯއެވެ؟ ނޭވާ ނުލެވި އަތްތަޅުވާ ހަދާ ވާހަކަ ބުނެފައި މީގެ ކުރިން މިޝްކާއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާ ވާގޮތް ކިޔައިދޭން ނޭނގޭނޭކަމަށް ބުނި ނަމަވެސް މިއީ ޚާއްޞަ ހާލަތެއްކަމާއި ޚާއްޞަ ފަރުވާ ދޭން ޖެހޭނެކަމަށް ހަމަ ޑޮކްޓަރަށް އަށް ޤަބޫލު ނުކުރެއްވުނީތޯއެވެ؟

ދެން މި ދަންވާލަނީ ސިސްޓަމްގެ އެންމެ ބޮޑު "ފެއިލިއާ"އެވެ. މިދަންނަވަނީ 11:27ގައި އެމްބިއުލަންސް ދިޔުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގަންޖެހޭ ހިސާބަށް ކަންކަން ދިޔަ ވާހަކައެވެ. އޮޓޮމޭޓެޑް ސިސްޓަމެއްގައި މެނުއަލްކޮށްގޮސް  ދޮރާށިދޮށަށްގޮސް ސަލާންޖެހުނު ވާހަކައެވެ.

އޮޓޮމޭޓެޑް ސިސްޓަމް ފެއިލްވުމުން ހަމަ ބެކަޕެއް ވެސް ނެތީއެވެ. ޚިދުމަތެއް ނުލިބިގެން އެޗްއީއޯސީ އަށް ސީދާ ގޮސް ކޮމްޕްލެއިން ލޮގް ކުރެވޭނޭ ނޒާމެއް ވެސް ހަމަ ނެތީއެވެ. ކޯލް ސެންޓަރުން އެންމެ އެދެވޭ ޚިދުމަތް ނުދެވޭކަން އެނގިހުރެ އަދި ކޯލް ސެންޓަރާގުޅޭ އެތައް ޝަކުވާއެއް ސޯޝަލް މީޑިއާގައި ބަންޑުން ވަމުންދާއިރުވެސް "ކަނޑައެޅިފައިވާ އުސޫލުން" ޓިކެޓް އެޅުން ފިޔަވައި އެހެން ގޮތަކަށް ކަންކުރަން ހަމަ ވިސްނިފައި ނެތީތޯއެވެ؟

ދެން ފެނިގެން ދިޔައީ ކަމާ އެއްވެސް ގުޅުމެއްނެތް "ފެސިލިޓީ މެނޭޖަރެއް" މި ކަމުގެ ތެރެއަށް ވަންތަނެވެ. ބަޔާނުގައިވާގޮތުން އެމްބިއުލަންސްއެއް ބޭނުންވާކަމަށް އީއެމްއެސްއަށް އެންގީ މިދެންނެވި އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރއިންނެވެ. ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުންދިޔަ މީހާއާއި ދަރުބާރުގޭގެ އޮފިސަރަކު ބައްދަލުކުރިކަމަށް އާއިލާއިން ވަނީ ބުނެފައެވެ. މި ދެންނެވި މީހާ އެވީ ފެސިލިޓީ މެނޭޖަރަކަށް ތާއެވެ. މިއާއެކު ހިތުގައި އުފެދޭ ސުވާލުތައް ބަންޑުންކޮށްލާނަމެވެ. ކަމާ ގުޅުމެއްނެތް ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އިން އީއެމްއެސް އަށް އެމްބިޔުލާންސް ފޮނުވަން އެންގުމަކީ "ކަނޑައެޅިފައިވާ އުސޫލު" ތޯއެވެ؟ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރއަށް އެމްބިޔުލާންސް ފޮނުވަން އެންގޭއިރު މިޝްކާ ބެލި ޑޮކްޓަރަށް އެމްބިޔުލާންސް ފޮނުވަން ނޭންގުނީ ކީއްވެތޯއެވެ؟ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓަރ އަށް އެމްބިޔުލާންސް ފޮނުވަން އެންގޭނަމަ އަދި އެ އެންގުމަށް އެމްބިޔުލާންސް އެކްޓިވޭޓް ކުރެވޭއިރު، މުޅި ހާދިސާ ހިނގައި، ކުއްޖާގެ ނޭފަތުން ލޭ އައިސް ނޭވާ ނުލެވި ހޭނެތިފައިވާކަމަށް 11:26 އިން 11:33އާ ދެމެދު ކުރި 5 ކޯލު ގެ ފަހުން ވެސް ކޯލް ސެންޓަރ އިން އެމްބިއުލަންސް އެކްޓިވޭޓް ކުރުމަށް މަސައްކަތެއް ނުކުރީ "ކަނޑައެޅިފައިވާ އުސޫލަށް" ޢަމަލުކުރަން ޖެހެނީ ހަމައެކަނި ކޯލްސެންޓަރަށް ވާތީތޯއެވެ؟

މިކަމުގައި އާއިލާއިން އާދޭސްކުރީ އެޗްޕީއޭއަށް ގުޅައިގެން އެކަންޏެއް ނޫނެވެ. 11:37ން ފެށިގެން އައިޖީއެމްއެޗްގެ އެމަޖެންސީ ނަމްބަރު 102ށް އާއިލާއިން ގުޅައި އާދޭސްކުރިކަން ވަނީ ހާމަވެފައެވެ. ކޮވިޑް ޕޭޝެންޓެއް ވީމަ ހަމައެކަނި ގެނެވޭނީ އެޗް.ޕީ.އޭ މެދުވެރިކޮށްކަމާއި އައިޖީއެމްއެޗް އެމްބިއުލަންސްގައި ނުއުފުއްލޭނެކަމަށް ބުނެ ފޯނު ކަނޑާލަނީއެވެ.

ދޮގު މަޢުލޫމާތުތައްކެއް ހިމަނާފައިވޭ، ވަކި މީހަކު ދިފާއުކުރަނީބާ؟

މި އާދެވުނީ މި ހާދިސާގައި ކަން ހިނގިގޮތުގައި ސީދާ ދޮގު މަޢުލޫމާތު ރިވިއު ރިޕޯޓްގައި ހިމަނާފައިވާ ހިސާބަށެވެ. އެހީ އައިކަމަށް ބުނެ ގަޑިއޮޅުވާލާފައިވާކަމަށް އާއިލާއިން ބުނެއެވެ. ރިވިއު ރިޕޯޓުގައި ވާގޮތުން 11:38ގައި އެމްބިއުލަންސް ދިޔަކަމަށް ވެއެވެ. އާއިލާއިން ވަނީ 11:38ގައި އެމްބިއުލެންސް އެގެއަކަށް ނާންކަމަށް ބުނެފައެވެ. މިކަން އާއިލާއިން ހިއްސާކުރި ކޯލް ލޮގްތަކުން ހާމަވެއެވެ. ކޯލް ލޮގުން އެނގޭ ގޮތުގައި 11:42ގައި އެމްބިޔުލާންސް ނައިސްގެން 6 މިނެޓްގެ ކޯލެއް 1676 އާ ކޮށްފައިވެއެވެ. އެހެންކަމުން 11:38 ގައި އެމްބިޔުލާންސް އައިސްފައިވާ ކަމަށްބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއްކަން ސާބިތުވެއެވެ. ދެން ފެނިގެން ދިޔައީ އަނެއް ދޮގެވެ. އަޅުގަނޑު މިދަންވާލީ އައިޖީއެމްއެޗަށް ދިޔަ މަގުމަތީގައި މިޝްކާއަށް ސީޕީއާރް ދިންކަމަށް ބުނިބުނުމެވެ. މިޝްކާގެ އާއިލާ ދިރިއުޅޭ ގެއަކީ ވެހިކަލް ވަނުން މަނާ ގޯޅިއެއްކަމުން ސީދާ ދޮރުމައްޗަށް ކައިރިނުކުރެވޭ ހާލު، އެމްބިއުލަންސް ޓީމް ހިނގާފައި ފައިބައިގެން އަންނަންފެށީ އެނދު ނުވަތަ ސްޓްރެޗަރ ނުލައި ހަމައެކަނި އޮކްސިޖަންފުޅި އަތުން ހިފައިގެންކަމުން އެކަން ކުރެވޭނެ ހަމަ އެއްގޮތެއް ވެސް ނުވިސްނުނެވެ.

ކުރިން ދެންނެވި ގަޑި ދޮގު ކަން މިޝްކާ އައިޖީއެމްޗް އީއާރަށް 11:42ގައި ނުގެންދެވޭނެކަން ވެސް ސާބިތުވީނޫންތޯއެވެ.

ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރެވޭނެ އިރެއް އަދިވެސް ސާފެއްނުވޭ

މި ދަންވާލެވުނީ މިޝްކާއަށް މެއި 31 ވަނަ ދުވަހުގެ ރޭ ކުރިމަތިލާންޖެހުނު ދަތި ޙާލުގެ ވާހަކައެވެ. ހެލްތް މިނިސްޓްރީގެ ރިވިއު ރިޕޯޓްގައި ވަނީ މިހާދިސާއާ ގުޅިގެން ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިހާތަނަށް ކުރެވެމުންދާ ކަންކަން ވެސް ބަޔާންކޮށްފައެވެ.  އެޗްއީއޯސީގެ މެޑިކަލް އިމަރޖަންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ބަދަލުތަކެއް ގެނައުމަށް ނިންމަން ޖެހޭކަން ޤަބޫލުކުރައްވައިފިއެވެ. އެގޮތުން  ކޯލް ސެންޓަރަށް އަންނަ އިމަރޖަންސީ ކޯލްތަކަށް އަވަސް މިނުގައި ހުރިހާ ކްލަސްޓަރތަކުން ފިޔަވަޅު އަޅަމުންދޭތޯ މޮނިޓަރކުރެވޭނެ ގޮތްތަކެއް ހަމަޖެއްސާނެކަމަށް ބުނެ އެއްކަލަގޮތަށް ސުރުޚީ އަޅާލާފައި މިފަހަރު ވެސް ދިޔައީއެވެ. މިކަން ކުރަނީ ކިހިނެތްކަމެއް އަދި ކޮން އިރަކުންކަމެއް ވެސް ހަމަ އެނގިލައްވާނީ ސިއްޙީ ވުޒާރާއަށެވެ.  މި ހާދިސާއިން އިބުރަތް ލިބިގަނެ މިހާރުން މިހާރަށް ކުރަންޖެހޭކަމެއްކަމަށް އަޅުގަނޑުދެކެނީ އިމަރޖަންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒްކޮށް އަވަސް ފިޔަވަޅުތައް އަޅާން އެނގޭވަރަށް ތަމުރީނުވެފައިވާ ކުދިންކޮޅަކަށް ހަދަންޖެހޭކަމެވެ.  

ހެލްތް މިނިސްޓްރީއިން ވަނީ އުންމީދީ ބަދަލެއްގެ ވާހަކަ ވެސް ހިއްސާކުރައްވާފައެވެ. އެއީ އިމަރޖަންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަންޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަރޖަންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ވާހަކައެވެ. އަދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަރޖަންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލަންސް ޓްރިގަރކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެނައުމުގެ ވާހަކައެވެ. މި ބަދަލު އަންނާނީ ކޮން އިރަކުންތޯއެވެ. މިކަމަށް ކިހާ އިންތިޒާރެއް ކުރަންޖެހޭނެތޯއެވެ. ރިވިއު ރިޕޯޓަށް ކުރިހާ ދިގު އިންތިޒާރެއް މިކަމަށް ވެސް ކުރަންޖެހޭނެތޯއެވެ.

ކޮވިޑް19 އަށް ފައްސިވާ ފަރާތަކުން އިމަރޖަންސީ ހާލަތުގައި އެމްބިއުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެ ތަނަކުން އެ ފަރާތެއް ބޭނުންވާ ސިއްހީ ޚިދުމަތް ދިނުމަށްޓަކައި އެމްބިއުލަންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރަމުންދާކަމަށް މި ބަޔާން ނިންމާލަމުން ވަނީ ބުނެފައެވެ.

ނިންމާލުމުގެ ކުރިން މި ހާދިސާއިން ފާހަގަވި "ފޫނުބެދޭ" އެތައް ކަމެއް އެބައޮތެވެ. މިވަގުތު މުހިންމީ 1676 އަށް ކޯލް ދާ ހިސާބުން ޕްރޮސެސް ދާގޮތުގެ ފްލޯ ޗާޓެއް ކުރަހާލައިގެން ނަމަވެސް މި ފަދަ ކަންކަމުގައި ލަސްވާ ސަބަބާއި މަޢުލޫމާތު ހިއްސާކުރުން ޑިލޭ އަދި ގެޕް އުޅޭ އޭރިއާތައް ފާހަގަކޮށް، ލިބުނު ފިލާވަޅުތަކުން، އަވަހަށް ޚިދުމަތްދެވޭނެ ރަނގަޅު މެކޭނިޒަމެއް ހަދައި، ހުރިހާ އެންމެންނަށް، އަދި ރައްޔިތުންނަށް މި މަޢުލޫމާތަށް އަހުލުވެރިކުރުވުންކަމުގައި ދަންނަވަންޖެހެއެވެ. އަދި ޕޮޒިޓިވް ކޭސްއަކަށް ވެގެން އެންބިއުލެންސް ލަސްވެ، އަމިއްލަ ވެހިކަލެއް ނެތް މީހަކު ކުއްޖާ ގެންދާނެ ގޮތެއް ވެސް ހޯދައިދޭންޖެހެއެވެ. މިކަމުގައި އެންމެކުޑަމިނުން ޤައުމީ ސަލާމަތީ ބާރުތައްކަމަށްވާ ފުލުހުންނާއި، އެމް.އެން.ޑީ.އެފް. ފަޔަރ އެންޑް ރެސްކިއުކަމުގައިވިޔަސް މި މީހުންނަށް އެހީތެރިވެވޭނެގޮތެއް ހޯދަން އެބަޖެހެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
14%
0%
57%
0%
29%
ކޮމެންޓް
6 ޖޫން 2021 | އާދީއްތަ 21:32
އާދަންބެ
ބަރާބަރު 100ގެ ލިޔުމެއް...ތީ މިބުނާ މިނިވަން ނޫސް ވެރިކަނަކީ..ސާބަހޭ!