ކ. މާލެ
|
11 ޑިސެންބަރ 2017 | ހޯމަ 18:15
ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
އިސްމާއިލް ނާއިލް ނަޝީދު
މަގޭ ރިޕޯޓް
އަހުމަދު އަދީބާއި އަހުމަދު ފާރިސް: ރައީސް ޔާމީން އެންމެ ޖެހިލުންވެވަޑައިގަންނަވާ ދެ އަހުމަދު؟
އަދީބުގެ ބޭސްފަރުވާ ހުއްޓުވާފައިވަނީ ތަފްޞީލެއް ނެތް ފައިސާތަކަކާއި އަޅުވައި
ފާރިސްއަށް "ވާނުވާ" ޖަހާފައިވާއިރު، މައްސަލަ ކުރިއަށްދާތަނެއް ނުފެނޭ
ރައީސް ޔާމީންގެ ވެރިކަމަށް މިއަދު އެންމެ ބޮޑު ބިރެއްގެ ގޮތުގައި ފެންނަނީ އަދީބާއި ފާރިސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގެ އުސްއަލިތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެމަނިކުފާނުގެ ވެރިކަމުގައި މާފުށީ ޖަލުގައި ވަކި ދައުލަތެއް ޤާއިމް ކުރެވޭ ވަރަށް ސިޔާސީ ކުށްވެރިންގެ އަދަދު އިތުރުވެގެން ދިއުމެވެ.

ސީދާ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ނޫނަސް، ޖަލު ޙުކުމެއްގައި ރައީސަކު އެބަ ހުންނެވިއެވެ. ޖަލުގެ ކުޑަ ގޮޅިއެއްގައި ނާއިބު ރައީސަކު އެބަ އޮންނެވިއެވެ. އެ ދެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް އެސްޕީޖީގެ ދެ ހަށިފާރަވެރިންވެސް ޖަލުގައި އެބަ ތިއްބެވެ. ޤައިދީންގެ ލިސްޓުގައި ރިޔަސީ އެޑްވައިޒަރަކުވެސް އެބަ ހުންނެވިއެވެ. މި ލިސްޓުން ކެބިނެޓުގެ މަޤާމުތަކާއި، މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ މުހިއްމު ކުންފުނިތަކުގެ ވެރިންވެސް އިސްތިސްނާއެއް ނުވެއެވެ.

ޖަލުގެ ތޭރިތަކުގެ ފަހަތުގައި އޮތް ކެބިނެޓުގައި ދެ ޑިފެންސް މިނިސްޓަރުން އެބަ ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ހެލްތު މިނިސްޓަރުކަމަށްވެސް ކުފޫ ހަމަވާ ބޭފުޅެކެވެ. ކެބިނެޓުގެ އެހެން މަޤާމުތަކަށް ހޮވާލެވޭ ވަރުގެ ބޭފުޅުންވެސް ޖަލުގައި މަދެއް ނޫނެވެ. އަސްކަރިއްޔާ އާއި ހަވާލުވާނެ ކާނަލަކާއި، ޖުޑީޝަރީ އާއި ހަވާލުވާނެ މެޖިސްޓްރޭޓަކުވެސް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިއްބެވިއިރު، ރައްޔިތުންގެ މަޖިލީހާއި ހަވާލުވާނެ އެއް ބޭފުޅަކަށް ޙުކުމްކޮށް، އަނެއް ބޭފުޅަކަށް ވަނީ "ވާނުވާ" ޖަހައި ޖަލަށް ލާފައެވެ. މިނިވަން މުއައްސަސާތަކަށް އައްޔަނު ކުރެވިދާނެ ބޭފުޅުންގެ ތެރެއިން ޕްރޮސެކިއުޓަރ ޖެނެރަލެއް ޖަލުގައި އެބަ ހުންނެވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމަށް މާ ބޮޑަށް ކުފޫ ހަމަވާ ބޭފުޅުންވެސް މާފުށި ޖަލުގައި އެބަ ތިއްބެވިއެވެ.

މި އެންމެންގެ އިތުރުން ފަތުރުވެރިކަން ފުޅާކޮށް، ރާއްޖެ އިސްތިހާރު ކުރާނެ ޕީއާރު ކުންފުނީގެ ވެރިޔަކާއި، ސޯޝަލް މީޑީއާގައި "މާފުށި ދައުލަތް" ޕްރޮމޯޓް ކުރާނެ "ރުމާލު ދޭކެއް" ވެސް އެފަޅީގައި އެބަ ތިއްބެވެ.

މި ހުރިހާ ބޭފުޅުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ދެ ބޭފުޅަކު އެބަ ތިއްބެވެ. އަޙުމަދު އަދީބް ޢަބްދުލް ޤަފޫރާއި އަޙުމަދު ފާރިސް މައުމޫނެވެ.

މި ދެބޭފުޅުންނާއި މެދު ކަންތައްތައް ވަމުންދާގޮތުން ސިފަވަނީ، އާރާއި ބާރު ލިބިވަޑައިގެން ހުންނަވައިވެސް ރައީސް ޔާމީން މި ދެ ބޭފުޅުންދެކެ އިންތިހާއަށް ބިރުފުޅު ގަންނަވާ މަންޒަރެވެ. މި ދެ އަޙުމަދު އެންމެ ހިނދުކޮޅަކަށްވެސް މިނިވަން ޖައްވަށް ނޭވާއެއް ލައްވައިފިނަމަ އިސާހިތަކު ވެރިކަން ވެއްޓިދާނޭ ކަމަށް އެމަނިކުފާނު ހީފުޅުކުރައްވާ ފަދައެވެ.

ފަހަރުގައި އެމަނިކުފާނަށް ކަމުދަނީ، އެމަނިކުފާނަށް ސިޔާސީ ގޮތުން ތީރެއް އެއްލޭވަރުގެ ޗަސްބެއް ނެތް އަޙުމަދުބެމެން ކަހަލަ ބޭފުޅުން ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް، ސިޔާސީ ގޮތުން ގަންނަވާ ބިރުފުޅެއްގެ ސަބަބުންވިޔަސް އަދީބާއި ފާރިސްއަށް މި ސަރުކާރުން ދެމުންދާ އަނިޔާއަކީ ކޮންމެވެސް ބަޔަކު، ކޮންމެވެސް ދުވަހަކުން އެކަމާއި ޒިންމާ އުފުލަން ޖެހޭނެ ކަންކަމެވެ. ރައީސެއް، ފަނޑިޔާރެއް، ވަޒީރެއް، ފުލުހެއް، ކަރެކްޝަން އޮފިސަރެއް އެޔަކު އިސްތިސްނާ ކުރުމެއް ނެތެވެ.

އަދީބު ހައްޔަރުކުރެވުނުތާ ދެ އަހަރަށްވުރެ ގިނަދުވަސްވެގެން ދިޔައިރު މިހާތަނަށް އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލު ޙުކުމް ވަނީ އިއްވާފައެވެ. ދެބަސްވެވެން ނެތް ގޮތުގައި އަދީބު އެ ހުރީ އަމިއްލަ މުހުތާދުތައް އަމިއްލައަށް ފުއްދޭނެ މިނިވަންކަން ނިގުޅައިގަނެވި، ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައެވެ. ކެއިންބުއިމަކަސް، ބޭސްފަރުވާއަކަސް މިއަދު އެކަން ކޮށްދޭން ތިބީ ސަރުކާރެވެ. އެކަން ނުކުރެވޭނަމަ އެއީ މައްސަލައެކެވެ. އަދީބުގެ އާއިލާއިން ޓެކްސްގެ ގޮތުގައި ސަރުކާރަށް ޖިޒީ ދައްކަނީ އަދީބަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ބަދަލެއްގެ ގޮތުންނެވެ.

އަދީބުގެ ސިއްޙީ ހާލަތަކީ ދިވެހި އެއްވެސް ރައްޔިތަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ. އަދީބަށް ކުރިމަތިވެފައިވާ ލޮލުގެ މައްސަލަތަކާއި، ސިއްޙީ އެހެނިހެން މައްސަލަތަކެވެ. ކެންސަރަށް ސްކްރީން ކުރުމަށް ޑޮކްޓަރު ލަފާދެއްވިތާ ދެ އަހަރުވީއިރު އެކަން ނުވެ އޮތުމެވެ. އަދީބުގެ ޙާލަތު މިފަދައިން ހުރިއިރު، ސަރުކާރުން އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދަނީ ޝަރުޢީ ކޯޓަކުން، އަދީބު ދައުލަތަށް ދައްކަން ޖެހޭކަމަށް އަދި މިހާތަނަށް ނިންމާފައި ނުވާ، ތަފްޞީލެއް ނެތް، އަދީބު ދައްކަން ޖެހޭ އެއްޗެއްކަން އެނގޭނެ ހެއްކެއް ނެތް ފައިސާތަކަކާއި އަޅުވައެވެ.

ދެން ޖަލުގައި އެ ހުންނެވީ ޚުދު ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ އަނެއް އަޙުމަދެވެ. ރައީސް ޔާމީންގެ ތުއްތޮންބެގެ ދޮށީ ފިރިހެން ދަރިކަލުން އަޙުމަދު ފާރިސް މައުމޫނެވެ.

ޙުކުމަކާއި ނުލައި ފާރިސް ޖަލުގައި ހުންނަވާތާ 150 ދުވަސް ވާން ގާތްވެފައިވާއިރު، ފާރިސް އާއި ދެކޮޅަށް ތުޙުމަތުކުރާ މައްސަލައިގެ ޝަރީޢަތް ކުރިއަށްދާ މަންޒަރެއްވެސް ނުފެނެއެވެ. ބަދަލުގައި ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ފާރިސް ހާޒިރުކޮށްނުދީ، ފާރިސް ތަމްޞީލުކުރައްވާ ދާއިރާގެ ރައްޔިތުންގެ ޙައްޤުތަކަށް ސަރުކާރުން އަރައިގަންނަމުންދާ މަންޒަރެވެ.

ފާރިސް މިނިވަން ކުރުމުގެ، ނުވަތަ ޖަލުން ނެރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތްކަން ހާމަވާއިރު، ސަރުކާރުން އަމަލުކުރަމުންދާ ގޮތުން ދޭހަވަނީ ޖަލުގައި ހުންނަވައިގެންވެސް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް ބާރު ފާރިސް ގެއްލުވާލައްވަފާނެ ކަމުގެ ބިރުފުޅު ރައީސް ޔާމީނަށް އޮތް ކަމެވެ. އަދި އެ ބޮޑު މަންޒަރުގައި ކުލަ ޖެހުނަ ނުދިނުމަށްޓަކައި، ކުރެވެން އޮތް ކޮންމެ ކަމެއް، ކޮންމެ މަގަކުން ކޮށްގެން ނަމަވެސް ދައުލަތުގެ ތިން ބާރަށް ބަރާބަރަށް ހަންފަތުރާފައި ބާއްވަން ސަރުކާރުން ބޭނުންވާ ކަމެވެ. މި ބިރުފުޅުގައި އުސޫލުތަކާއި ޚިލާފަށް މެޗުގެ މެދުތެރެއިން ޤަވާއިދު ބަދަލުކޮށް، ޤާނޫނުތަކަށް ހިތުހުރި އުނިއިތުރެއް ގެންވައި، މި ސަރުކާރުން އެ ދަނީ ދައުލަތުގެ ބާރުތަކުން އޮއްވަޅުގޮނޑި ކުޅެމުންނެވެ. ބަޔަކު 45 ސޮއި ހަމަކޮށްފާނެ ކަމުގެ ބިރަށް، ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މަންދޫބުންތަކެއްގެ މަޤާމަށް އެ ދަނީ ހިތުހުރި ގޮތެއް ހަދަމުންނެވެ.

ހަޤީޤަތަކީ، އަދީބު ކުޑަގޮޅީގައި އޮތަސް، ޙުކުމަކާއި ނުލައި އުމުރު ދުވަހަށް ފާރިސް ޖަލުގައި ބެހެއްޓިއަސް، ރައީސް ޔާމީނަށްވެސް ކޮންމެވެސް ދުވަހަކުން ބަލި ޤަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެވެ. ދެ އަޙުމަދު ދެކެ ގަންނަވާ ބިރުފުޅަކުން ބޭއިންސާފުން ކިތަންމެ ކަމެއް ކުރެއްވިޔަސް، ކޮންމެވެސް ދުވަހަކުން އިންސާފު އަރައި ހަމަކުރާނެ ކަމެވެ.

ރައީސް ޔާމީނެވެ. ބިރުފުޅުގަންނަވާންވީ ދެ އަޙުމަދު ދެކެއެއް ނޫނެވެ. ހެއްދެވި ފަރާތް ދެކެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް