Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިންތިގާލީ ސަރުކާރު

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ހުރި ގިނަ ބޭފުޅުން ތިއްބެވީ ހުކުމެއްގެ މަތީގައި

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2017 | އަންގާރަ 02:29
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ އެކު ރައީސް ނަޝީދު މަޝްވަރާކުރައްވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާ އެކު ރައީސް ނަޝީދު މަޝްވަރާކުރައްވަނީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބަހުސް ފެށިތާ އެތައް ދުވަހެކެވެ. އިންތިޚާބުގައި ވާދަކުރައްވާނެކަމުގެ ސީދާ ސިގްނަލެއް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނަށް ސަޕޯޓްކުރައްވާ ބޭފުޅުން ތަކުރާރުކޮށް ވަނީ ދެއްވާފައެވެ. ނަމަވެސް އެ ކަމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތާލުމަކީ ފަސޭހަ ކަމެއް ނޫންކަން މީގެ ކުރިން ވެސް އޮތީ އެނގިފައެވެ. މި ހަފްތާއާ ޖެހެންދެން އެމަނިކުފާނު ގެންދެވީ ސަޕޯޓަރުންނަށް 2018ގެ އުންމީދު ދެއްވަމުންނެވެ. ނަމަވެސް މި ހަފްތާގައި އެމަނިކުފާނު ދެއްވި އޯޑިއޯ ޚިތާބާއެކު މުޅިން އާ ބަހުސްއެއް ފެށިއްޖެއެވެ. އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް 2018 ގައި ފުރުސަތު ދިނުމުގެ ވާހަކައެވެ. ނުވަތަ އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެން އިންތިގާލީ ސަރުކާރެއް ގެނައުމުގެ ވާހަކައެވެ.

އިންތިގާލީ ސަރުކާރަކަށް ރައީސް ނަޝީދު ބަހުސް ހުޅުވާލެއްވުމުގައި ތަފާތު އެތައް ސަބަބުތަކެއް، އެތައް ހިކުމަތްތަކެއް ހުންނާނެކަން ކަށަވަރެވެ. ތިރީސް އަހަރުގެ ވެރިކަމެއް ނިމުމަކަށް ގެނައުމަށް އެމަނިކުފާނު ފައި ނެންގެވި އިރު ވެސް ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ފަދަ ޒާތެއްގެ ހުކުމެއް އެމަނިކުފާނުގެ މައްޗަށް އޮތެވެ. ވެލާނާ ގެއިން ވައްކަންކުރުމާ ގުޅިގެން ކޮށްފައި އޮތް ހުކުމެއްގެ ސަބަބުން ވެރިކަމަށް ކުރިމަތިލެއްވުމުގެ ޝަރުތުތައް އެމަނިކުފާނުގެ ނެތް ކަމަށް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ވާދަވެރިން ދިޔައީ ބުނަމުންނެވެ. ނަމަވެސް ސުންގަޑި ކައިރިވެފައި ވަނިކޮށް ހިނގައިދިޔަ މަޝްވަވަރާތަކަކަށް ފަހު ނުރަސްމީ ކޯލިޝަނެއްގެ ތެރެއިން އެމަނިކުފާނަށް ވެރިކަމަށް އައުމަށް ފުރުސަތު ތަނަވަސްވެގެން ދިޔައެވެ.

ދެން އޮތް ރިޔާސީ އިންތިޚާބަށް އަހަރަކަށް ވުރެ ކުޑަތަންވި އިރު ހާލަތު އޮތީ ކުރިއަށް ވުރެ ވެސް ނާޒުކު ކޮށެވެ. ޓެރަރިޒަމްގެ ދައުވާކޮށް ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ދެމި އޮތްހާ ހިނދަކު އެމަނިކުފާނަށް 2018ގައި ވާދަކުރެއްވުމުގެ ފުރުސަތެއް ގާނޫނުއަސާސީއަކުން ނުދެއެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއީ ނާއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް ވިޔަސް އެ ހުކުމަކީ މަރުތަޅެއް ކަމެވެ. އެހެންކަމުން އެ ހުކުމް ބާތިލްވުމާ ހަމައަށް ރައީސް ނަޝީދަކީ 2018 ގައި ޔަގީނުން ވެސް ޗޮއިސްއެއް ނޫނެވެ.

ދެން އޮތް ސުވާލަކީ ރައީސް ނަޝީދަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްކުރެވިދާނެ ހެއްޔެވެ؟ އެކަމަށް ފަރުވާއެއް ހޯދެއް އޮތީ ހަމައެކަނި ޝަރުއީ ދާއިރާއިންނެވެ. ނަމަވެސް ރާއްޖޭގެ ޝަރުއީ ދާއިރާ އޮތް ގޮތުން އެއީ ނުވާނެ ކަމެއްކަން މުޖައްރިބާ ގާތެވެ. އަނެއް ގޮތަކީ މި ވަރިކަން ގާނޫނުގެ ތެރެއިން ބަދަލުކުރުމެވެ. ނަމަވެސް އެކަމަށް އޮތް ހުރިހާ މަގެއް މިހާރުގެ ސަރުކާރުން ވަނީ ބަންދުކޮށްފައެވެ. އެއީ ނުވާނެ ކަމެއްކަން އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކޮށްފިކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ އިންތިގާލީ ސަރުކާރެއްގެ ވާހަކަ ފެށުމެވެ.

އިދިކޮޅު ފަރާތްތަކުން އިންތިގާލީ ސަރުކާރެއްގެ ބަހުސް ހުޅުވާލުމުގެ މައިގަނޑު މަގުސަދަކީ ވެސް އިދިކޮޅު ސިޔާސީ ބޮޑެތި ޕާޓީތަކުން ވެރިކަމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ތަނަވަސްކުރުމެވެ. ނަމަވެސް ކިރިޔާ ވެސް ވެރިކަމަށް ކުރިތިލައްވަފާނެހެން ހީވާ ބޭފުޅެއް ނަމަ މި ވަގުތު ތިއްބެވީ ޖަލުގައެވެ. ނުވަތަ ގާނޫނުއަސާސީ އަށް ގެނެވުނު ބަދަލަކުން އެ ފުރުސަތު އެވަނީ ގެއްލިފައެވެ. ރައީސް ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކާނަލް މުހައްމަދު ނާޒިމް ވެސް އެ ހުންނެވީ ޝަރުއީ ހުކުމެއްގެ މަތީގައެވެ. ގާނޫނުއަސާސީގައި ބުނާ އުމުރަށް ނުފެތޭތީ ވަގުތީ ސަރުކާރެއްގައި ވެސް ރައީސްކަން ކުރުމުގެ ޝަރުތު މިވަގުތު އިދިކޮޅުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ކިބަޔަކު ނެތެވެ. އެހެންކަމުން މި ހުރިހާ ހުރަސްތަކެއް ނައްތާލުމަށް އޮތް ހަތިޔާރަކީ އިންތިގާލީ ސަރުކާރެކެވެ. އިންތިގާލީ ވެރިއެކެވެ. ރައީސް ނަޝީދާއި ދެން ތިއްބެވި ބޭފުޅުންނަށް ވެސް އަލުން ވެރިކަމަށް އައުމަށް މަގު ކޮށައިދޭވޭނެ ހަމައެކަނި ގޮތަކީ އެއީ އެވެ.

ސުވާލަކީ ރައީސް ނަޝީދު 2018 އާ މެދު އުންމީދު ކަނޑުއްވާލައްވާފައި ގެންނަވަން އެ އުޅުއްވާ އިންތިގާލީ ސަރުކާރުގެ ވިސްނުން ކާމިޔާބުވާނީ ކިހާ ވަރަކަށްބާއެވެ؟ ކޯލިޝަނެއްގެ ތެރެއިން 2008 ވަނަ އަހަރު ވެސް ވެރިކަމެއް ގާއިމު ކުރެވި ވަނީ ނާކާމިޔާބުވެފައެވެ. އަދި 2013 ވަނަ އަހަރު ރައީސްކަމަށް އަބްދުﷲ ޔާމީން ވަޑައިގެންނެވީ ވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. ލިޔުމުން ބޮޑެތި އެއްބަސްވުންތައް ގާއިމު ކުރެވިގެންނެވެ. ނަމަވެސް އާޚިރުގައި ކޯލިޝަން ރޫޅުނު އިރު، ޕާޓީތަކުގެ ވެރިން ސޮއިކުރައްވައި، ސިއްކަ ޖަހާފައިވާ އެއްބަސްވުމުން ވީކަމެއް ނެތެވެ. އެންމެ ބޮޑު އެއް ސަބަބަކީ އެއީ އެފަދަ އެއްބަސްވުމަކަށް ގާނޫނުއަސާސީ ވެސް އަދި ގާނޫނުތައް ވެސް ތަން ނުދޭތީއެވެ. އެހެންކަމުން އެއީ ވެލިޑް ނުވަތަ ގާނޫނީ ބުރަދަނެއް ނެތް އެއްބަސްވުންތަކެކެވެ.

ކޯލިޝަނެއްގެ ތެރެއިން އިންތިގާލީ ވެރިކަމެއް ފެށި ނަމަވެސް އިންތިގާލީ ވެރިކަމެއްގެ ވާހަކަ ގާނޫނުއަސާސީގައި އަދި ގާނޫނުތަކުގައި ވެސް ނެތެވެ. އެހެންކަމުން އެކަމުގައި ގާނޫނީ ހައިސިއްޔަތެއް ވެސް ނެތެވެ. އޮތީ ހަމައެކަނި އިދިކޮޅު ފަރާތްތަކުގެ މެދުގައި ގާއިމުކުރެވޭ "އަންޑްސްޓޭންޑިންގް" އެކެވެ. މާނައަކީ ކުރިން ވެސް ހެދި ކޯލިޝަން އެއްބަސްވުންތައް ފަދައިން އެއީ ވެސް "ހޮޅި" އެއްބަސްވުމަކަށް ނޫނީ ނުވާނެއެވެ. ބޭނުންވެއްޖެ ހާލަތެއްގައި އުވާލެވޭނެއެވެ. ނަމަވެސް އެ އެއްބަސްވުން ހިފައިގެން ދާނެ ކޯޓެއް ނެތެވެ.

ދެން އޮތް ސުވާލަކީ އިންތިގާލީ ސަރުކާރެއް ގެނެސްގެން ވަކި އޮތް މޮޅަކީ ކޮބައި ހެއްޔެވެ؟ އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރުމަށް ޕާޓީތަކުގެ މެދުގައި ވި އެއްބަސްވުންތަކުން މިކަމަށް ރަނގަޅު މިސާލުތަކެއް ނެގިދާނެއެވެ. ޝަރުއީ ނިޒާމު އިސްލާހުކުރުމަށް އޭރު ލިބުނު ފުރުސަތު ގެއްލިގެން ދިޔައީ ސިޔާސީ ބޭނުމަށްޓަކައި ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހާލައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުންނެވެ. އިންތިގާލީ ވެރިކަމުގައި ޝަރުއީ ދާއިރާ އަށް ގެންނަ އިސްލާހުތަކާއި ކޮމިޝަންތަކަށް ގެންނަ އިސްލާހުތަކަށް ވެސް އަންނާނީ ސިޔާސީ ހައްލެކެވެ. މާނައަކީ ކޯޓުތަކުގެ ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ ގޮނޑިތައް ބެހިގެންދާނީ އިންތިގާލީ ސަރުކާރުގައި ބައިވެރިވާ ޕާޓީތަކާއި ނުފޫޒު ގަދަ ފަރާތްތަކުގެ މެދުގައި ކަމެވެ. އެ ފަރާތްތަކުން އެތަންތަނަށް ލާނީ އެ ފަރާތްތަކުގެ ކަރުގައި ހިފައި ފިއްތާނުލާނެކަން ކަށަވަރުވާ ފަރާތްތައްކަން ޔަގީނެވެ. ގޮނޑިތައް ބެހިގެންދާނީ ކޯލިޝަންގައި ވެސް ގޮނޑިތައް ބެހި އުސޫލުން، އެ ނިސްބަތުންނެވެ. ބޮޑު ޕާޓީ އަށް ގިނަ ގޮނޑިއެވެ. އެހެންކަމުން ހަގީގަތުގައި ވެސް އިންތިގާލީ ސަރުކާރަކުން މިހާރު އުފެދިފައި އޮތް މައްސަލަ އަށް ފުރިހަމަ ހައްލެއް ނުވަތަ އުންމީދީ ހައްލެއް ލިބޭނެ ހެއްޔެވެ؟ ހަގީގަތުގައި ހޯދަން މިއުޅޭ ހައްލަކީ އިސްލާހުކުރުން ހެއްޔެވެ؟ ނުވަތަ ސިޔާސީ ފަރާތްތަކަށް ވެރިކަމަށް ކުރިމަތިލުމަށް މަގުކޮށުން ހެއްޔެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

އަބުރުގެ ގާނޫނު: މަގުސަދާއި ނުކުތް ނަތީޖާ

03 މެއި 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު