ކ. މާލެ
|
21 ފެބްރުއަރީ 2017 | އަންގާރަ 22:08
މެޑަމް ފާތިމަތު އިބްރާހީމް: އާންމުންގެ މަގުބޫލުކަން އަންނަނީ އިތުރުވަމުން
މެޑަމް ފާތިމަތު އިބްރާހީމް: އާންމުންގެ މަގުބޫލުކަން އަންނަނީ އިތުރުވަމުން
ގޫގުލް
މެޑަމް ފާތިމަތު އިބްރާހީމް
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
 
ރައީސް ޔާމީނަށް ވާގިވެރިވި ގިނަ ބޭފުޅުން ތިއްބެވީ ޖަލުގައި ނޫނީ ގައުމުން ބޭރަށް އަރުވާލެއްވިގެން

އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންނަށް ވީގޮތް އެއީ ދިވެހި ތާރީހްގައި ލިޔެވި ރައްކާކުރެވިފައިވާ ވާހަކަތެކެވެ. ޖުމްލަކޮށް ބަލާ ނަމަ އެކަމުގައި އިސްކޮށް އުޅުއްވި ހުރިހާ ސިޔާސީ ލީޑަރުން ވަނީ ވަރުގަދަ ދަންތުރައެއްގައި ޖެހިފައެވެ. ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ވެސް ބަޔަކު އެބަ ވަރަށް މަސައްކަތްކުރެއެވެ. ސުވާލަކީ އެ ފަރާތްތަކަށް ވާނީ ކިހިނެއްބާއެވެ؟

ރައީސް ޔާމީނަށް ވެރިކަން ހޯދައިދިނުމުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ރައީސް ޔާމީނަށް ވުރެ ބޮޑަށް ކެމްޕެއިނުގައި އުޅުއްވިތަން ފެނިގެންދިޔައީ ވެސް ޑރ. ޖަމީލެވެ. ރަށްތަކަށް ވަޑައިގަތުމާއި އާންމު ރައްޔިތުންނާ ގިނައިން ބައްދަލުކުރައްވާތަން ވެސް ފެނިގެން ގޮސްފައި ވަނީ ޑރ. ޖަމީލެވެ. ވެރިކަން ލިބިވަޑައިގަތުމަށް ފަހު ވެސް ޑޯ.ޓު.ޑޯ ކެމްޕެއިން ޖައްސަވައި ރައްޔިތުންގެ އަރިހަށް އެ މަނިކުފާނު ވަޑައިގެންނެވިއެވެ.

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ވުރެ ޑރ. ޖަމީލުގެ މަގުބޫލުކަން އާންމު މެންބަރުންގެ މެދުގައި ބޮޑުވިއެވެ. މަގާމު ގެއްލުމާއި އެންމެ ފަހުން ނިއްކުރުފުޅުމަތީގައި "ބޭވަފާތެރިއެއްގެ" ސިއްކަ ޖެހިގެން ގައުމު ދޫކުރައްވައި އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުއްވާލެއްވިގެން އުޅުއްވަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ރައީސް ޔާމީނުގެ ނަން ފަނޑުވެ, ޑރ. ޖަމީލުގެ މަގުބޫލުކަން އިތުރުވުން ކަމަށް އެ މަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ތުހުމަތުކުރެއެވެ.

ޑރ. ޖަމީލެކޭ އެއްގޮތަށް ރައީސް ޔާމީނު ވެރިކަމަށް ގެންނެވުމުގައި އިސްކޮށް އުޅުއްވި އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވެސް ދިމާވީ ވަރަށް ހިތްދަތި ގޮތެކެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ހުންނެވީ ކަރުތާ ފެނުގައެވެ. ކިރިޔާ އަތަކަށް ޖެހިލިޔަސް ގެނބޭ ހާލުގައެވެ.

ވެރިކަން ހޯއްދަވައިދެއްވި ބޭފުޅުންގެ ތެރެއިން އެއްބަފާ ބޭބޭފުޅު އަދި އެންމެ ބުރަ މަސައްކަތެއް ކުރެއްވި މައުމޫނު އަބްދުލް ގައްޔޫމަށް ވެސް ޖެހިވަޑައިގެންނެވީ އެފަދަ ހާލެކެވެ. "ކަތިވަޅި ގެއްލި، ކޮށިދަނޑު ގެއްލި އެންމެ ފަހުން މަރިޔަބު ވެސް ގެއްލުނީ" އެވެ. ޕީޕީއެމްގެ ރައީސެއްގެ ގޮތުގައި ހުންނެވި ނަމަވެސް ޕާޓީގެ އެއްވެސް ބާރެއް ނެތެވެ. ކޯޓު މެދުވެރިކޮށް ޕާޓީ ވަނީ އަތުލާފައެވެ. ނުވިތާކަށް މުސްކުޅުފުޅުވި ދުވަހު ދަރިންކޮޅާ ވެސް ދުރުކުރީއެވެ.

މި ވެރިކަމުގައި ރައީސް ޔާމީނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ފަރާތްތަކަށް ވެސް ވީ ވަރަށް ބަދުނަސީބު ގޮތެކެވެ. އެމްޑަބްލިޔުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ރާއްޖެ އަށް ކުރިމަތިވި ފެނުގެ ކާރިސާގައި އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނުގެ މަގުބޫލުކަން އިންތިހާ އަށް އިތުރުވިއެވެ. ސަރުކާރުގެ އިންޖީނަކީ އޭރު ނާޒިމެވެ. ނަމަވެސް އެ މަގުބޫލުކަން އެންމެ ފަހުން ވީ ހިތި އެއްޗަކަށެވެ. އިސާހިތަކު ހަމަ ކުއްލިއަކަށް އެއްރެއެއްގެ ދަންވަރު ކޮޓަރި ތެރެއިން ފިސްތޯލައެއް ފެނިގެން ކަމަށް ބުނެ ދިގު މުއްދަތަކަށް ޖަލަށެވެ. ބުނެވޭ ގޮތުގައި އަސްލު ސަބަބަކީ ވެރިކަން ކުރެއްވުމުގެ ވިސްނުމެއް ނާޒިމުގެ އޮތުމެވެ.

ނާޒިމަށް ފަހު ސަރުކާރުގެ ހުރިހާ ކޮންޓްރޯލެއް ބަދަލުވެގެން ދިޔައީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބަށެވެ. "މުޅި އޮޑީގައި ހަސަނުގެ ދެފައޭ" ބުނާހެން މުޅި ސަރުކާރުގައި އަދީބުގެ ބާރެވެ. އެމަނިކުފާނުގެ ވާހަކަ ދައްކާނުލައި ނުވަތަ ޝުކުރާއި ސަނާ ކިޔުމެއް ނެތި ސަރުކާރު އިސް މީހެއްގެ ދަރިއެއްގެ އުފަންދުވަހުގެ ޕާޓީ ވެސް ނުބޭއްވޭ ވަރަށް ކަންކަން ގޮސް ސަނާ ކިޔާލުމުގެ ގޮތުން އިވެންޓްތައް ދިޔައީ ބާއްވަމުންނެވެ. އެންމެ ފަހުން ގާނޫނުއަސާސީ ވެސް ބަދަލުކޮށް ނައިބު ރައީސަކަށް ވެސް ހަމަޖެއްސީއެވެ. ނަމަވެސް އާހިރުގައި ރައީސް ޔާމީނުގެ ނަން މުޅިންހެން ފަނޑުވެ އަދީބުގެ މަޝްހޫރުކަން ބޮޑުވުމުގެ ނަތީޖާއަކަށްވީ ޖަލު ގޮޅިއެވެ. އުމުރު ދުވަހު ވެސް ސަލާމަތްނުވާ ވަރުގެ ހުކުމްތަކެއް އިއްވައި އަދި ވެސް އޮންނަނީ އިތުރު ހުކުމްތަކެއްގެ އިންތިޒާރުގައި ޖަލުގައެވެ.

ފާހަގަކުރި ހުރިހާ ފަރަތްތަކަކީ ވެސް އިއްތިފާގުން ނަމަވެސް ރައީސް ޔާމީނަށް ވުރެ އާންމުންގެ މަގުބޫލުކަން ލިބި ބާރާއި ނުފޫޒު ގަދަކުރައްވަމުން ގެންދެވި ބޭފުޅުންނެވެ. އެހެންކަމުން އެ ފަރާތްތަކުގެ ނިމުން ގުޅިފައި ވަނީ އެ މަގުބޫލުކަމާއި ބާރާއި ނުފޫޒާ ކަމަށް ގަބޫލުކުރުމުގެ ފުރުސަތު އެބަ އޮތެވެ.

އެ ބޭފުޅުންނަށް ފަހު އަނެއްކާ ވެސް އިތުރު ނަމެއް މި ވަނީ މަގުބޫލުވާން ފަށާފައެވެ. ސަރުކާރުން ބާއްވާ ކޮންމެ ހަފުލާއަކާއި ކޮންމެ އިވެންޓެއްގައި ވެސް އެ ނަމެއް ހާސް ފަހަރު އިއްވާ ނުލައި ފަރުޖެއްސެން ނެތް ފަރާތެއް މިހާރު އެބަހުންނެވިއެވެ. ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ސަނާ ކިޔުމާއި ޝުކުރު ދެންނެވުމުގެ ކަންކަން މިހާރު ހުރީ ހަމަ އަދީބެކޭ އެއް ދަރަޖައެއްގައެވެ. ސަރުކާރު ނުވަތަ ޕީޕީއެމްގެ އިވެންޓެއްގައި މެޑަމް ފާތުންނަށް ސަނާ ކިޔުމަކީ ޕޯޑިއަމަށް އަރާ ކޮންމެ ފަރާތަކަށް ލާޒިމް ކަމެކެވެ.

އަނެއްކޮޅުން އެކަމަނާ ވެސް ގެންދަވަނީ އެ މަގުބޫލުކަން އިތުރުކުރައްވަމުންނެވެ. އާންމު ގޮތެއްގައި ފަސްޓް ލޭޑީންގެ ކެމްޕެއިން ދަތުރުތަކާއި ރަސްމީ ދަތުރުފުޅުތަކަކީ ރައީސްއާ އެކު ކުރައްވާ ދަތުރުފުޅުތަކެވެ. ނަމަވެސް ދާދި ފަހަކުން މެޑަމް ފާތުން ވަނީ ރައީސް ޔާމީނާ ވަކިން ވެސް ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ސިޓީ އުރައެއް ވެސް ބައްސަވާފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރުގެ ސިއްކަ ޖެހި އެ ސިޓީގައި އުރައިގެ އެތެރޭގައި އޮތީ 500ރ. ގެ ނޫޓުތަކެކެވެ. މިފަދަ އެތައް ކަމަކާ ހުރެ އެކަމަނާގެ މަގުބޫލުކަން އާންމު މެންބަރުންގެ މެދުގައި ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ހާއްސަކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން އެކަމަނާ ހިންގަވަމުން ގެންދަވާ ހަރަކާތްތަކުން އެކަމަނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުވެފައެވެ.

ރައީސް ޔާމީނަށް ވުރެ މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވާން ފެށުމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ގެންދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި މީގެ ކުރިން ރައީސް ޔާމީނުގެ އެންމެ އަރިސް ބޭފުޅުންނަށް ވެގެން ދިޔަ ގޮތާ ގުޅުވައިގެން މެޑަމް ފާތުންނަށް ބައެއް ފަރާތްތަކުން ގެންދަނީ ހަމްދަރުދީ ވެސް ފާޅުކުރަމުންނެވެ. އަދި ނުރައްކާތެރިކަމެއްގެ ސިގުނަލު މިހާރު ވެސް އަޅަން ފަށައިފި ކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ގޮތުން ދާދި ފަހުން ބޭއްވި ދެ އިވެންޓަކުން އެކަމަނާ ނުފެނުމުން ވެސް އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެ ގޮތުން ޔޫތު މިނިސްޓަރު އިރުތިޝާމާއި މަޖިލިސް މެންބަރު ޝާހިދުގެ ކައިވެނީގެ ޕާޓީ އާއި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމްގެ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާގައި އެކަމަނާ ފެނިގެން ގޮސްފައެއް ނުވެއެވެ.

މިފަދަ މުހިންމު އަދި ބޮޑު ދެ އިވެންޓަކުން ރައީސް ޔާމީނު އެކަނި ފެނުމުން ފާޑުކިޔާ ފަރާތްތަކަށް ވަނީ ތުންތަޅުވާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. އަދި މާޒީގެ ފަތްފުށްތަކަށް ރިއާޔަތްކޮށް މެޑަމް ފާތުންނަށް ވާން މިއުޅެނީ ކިހިނެއްތޯ އެ ފަރާތްތަކުން މިހާރު ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެއީ ރައީސްގެ އަނބިކަނބަލުން ކަމަށް ވިޔަސް، އެއްބަފާ ބޭބޭފުޅަށް ވީ ގޮތުން މުސްތަގުބަލުގައި ކަން ވާނެ ގޮތެއް އަންދާޒާކުރަން ދަތި ކަމަށް އެ ފަރާތްތަކުން އެދަނީ ބުނަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
22 ފެބްރުއަރީ 2017 | ބުދަ 20:19
mammanu
kihaa hevvaa raeesu yameen ekan kuravvan fonuvva vaathee ehnu madam ah vadai gennevenee.