Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދުސްތޫރީ ފަސާނާ

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

ދުސްތޫރީ ފަސާނާއަކީ ހޭލުންތެރި ކުރުމުގެ ހަރަކާތްތަކެއް

ރާއްޖެ އެމްވީ | 30 އޯގަސްޓު 2017 | ބުދަ 10:44
ގާނޫނީ ވަކީލުންތައް ސުޕްރީމް ކޯޓު ބޭރުގައި

ގާނޫނީ ވަކީލުންތައް ސުޕްރީމް ކޯޓު ބޭރުގައި

އަހަރެމެން، މި ލިޔުމުގައި މި ސޮއިކުރާ ގާނޫނީ ވަކީލުން، ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ހާލަތާމެދު ކަންބޮޑުވަމެވެ. އަދި މިކަންކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

2008 ގެ ގާނޫނު އަސާސީ ތަންފީޒުކުރަން ފެށީއްސުރެ ޝަރުއީ ކޯޓުތަކުން ގާނޫނު އަސާސީ ދިފާއުކުރުމަށް ފަސްޖެހި، ގާނޫނު އަސާސީ އިން ކޯޓުތަކަށް ދީފައިވާ މަނަހުގެ ބޭރަށް ފިޔަވަޅުއަޅައި، އިންސާފާ ދުރުވެގަނެ، ގާނޫނަށްވުރެ ސިޔާސީ މަސްލަހަތަށް ލެނބިގަނެ، ގާނޫނު އަސާސީއާ ޚިލާފުވާގޮތަށް ކަމަށް ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިކަންކަމަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. ކޯޓުތަކުގެ ފަނޑިޔާރުންނާމެދު އާންމުންގެ މެދުގައި އުފެދިފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުން ދުރުވެގަތުމަށް، ކޯޓުތަކުން ނުވަތަ ޖުޑީޝަލް ސަރވިސްކޮމިޝަނުން އިސްނަގައިގެން ކަމެއް ކުރެވިފައެއް ނެތެވެ. ޖުޑިޝަރީގެ އިތުބާރު ހޯދުމަށް ޖުޑިޝަރީގެ އެތެރެއަށް ގެނެވިފައިވާ އިސްލާހެއް ނެތެވެ. ޝަރީއަތްކުރުމުގައި ބައެއް ފަނޑިޔާރުން އަމަލުކުރައްވާ ނޭދެވޭ އިޖުރާއަތުތައް އިސްލާހުކުރަން ކަމެއް ކުރެވިފައެއް ނެތެވެ. ކަންކަން ހުރީ އެއާ ދިމާ އިދިކޮޅަށެވެ. އެފަދަ ކަންކަންކުރަން ހިތްވަރު ލިބޭ ގޮތަށެވެ. ކޯޓުތަކަށް ފާޑުކިޔާ ފަރާތްތަކަށް އިންޒާރުދީ ނޫސްބަޔާން ނެރުމަކުން ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ނުކުރެވޭނެއެވެ. ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކޮށް ކޯޓުތަކަށް އާންމުން އިހުތިރާމުކޮށް އިތުބާރު ކުރާނީ ފަނޑިޔާރުންގެ ސުލޫކާއި ޝަރިއަތްކުރާ ގޮތަށް އިސްލާހު ގެނެވިގެންނެވެ. ސިޔާސީ ނުފޫޒުތަކުންނާ ކޮރަޕްޝަނުގެ ވަބާއިން ސަލާމަތްވެ ތިބިކަން ރައްޔިތުންނަށް އަމަލީގޮތުން ދައްކައިދީގެންނެވެ. ވަޒީފާގައި ދެމިތިބުމަށްވުރެ ބޮޑަށް ފަނޑިޔާރުން އިސްކަންދޭނީ އުސޫލުތަކުގައި ހިފަހައްޓައި އުސޫލުތަކުގެ މަތީގައި ދެމިތިބުންކަން އަމަލާއި ބަހުން ދައްކައިދީގެންނެވެ.

ޝަރީއަތްކުރާގޮތް

  1. ފަނޑިޔާރު ނިންމާ ނިންމުމަކީ ވަކިފަރާތަކަށް ނުޖެހޭ، އިންސާފުވެރި ނިންމުމެއް ކަމުގައި ވުމުގެ އެންމެ މައިގަނޑު ޝަރުތަކީ މައްސަލަ ބަލާ އިޖުރާއަތު ހިންގާފައިވަނީ، ފޮތުގައި އޮތްގޮތަށް އަކުރުން އަކުރަށް ކަމަށްވުމެވެ. އަދި ގާނޫނު އަސާސީގައިވާ ގޮތަށް ހުޅުވާލެވިފައިވާ ޝަރީއަތުގެ މަޖިލީހެއްގައި ހާމަކަމާ ހަމަހަމަކަމާއެކު ޝަރީއަތުގެ އިޖުރާއަތުތައް ހިންގުމެވެ. އަދި ދައުވާ ލިބޭފަރާތަށް ކުށުން ބަރީއަވުމަށްޓަކައި ތައްޔާރުވުމަށް އެކަށީގެންވާ ފުރުސަތާ ވަސީލަތްތައް ދިނުމެވެ. އަދި އެންމެންގެ މައްޗަށް ހިންގޭ ޝަރީއަތްތައް އެއްވެސް އިސްތިސްނާއެއްނެތި އެއްމަގަކުން އެއްގަވާއިދަކުން އެއް އުސޫލަކުން ހިންގުމެވެ. ވަކި މީހަކަށްވީމަ އެމީހަކަށް ޚާއްސަ ގޮތަކަށް ޚާއްސަ އިޖުރާއަތެއް ނުގެންގުޅުމެވެ. ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރެވޭ ދައުވާތައް ފަޓާސްބަރިއެއްހެން ބަލައި، އިޖުރާއަތުތައް ކުރު ގަޅުވާލައި، ދައުވާއިން ދިފާއުވުމަށް ފުރުސަތު ނުދީ ރެއާދުވާލު މެދުކެނޑުމެއްނެތި މައްސަލަބަލައި ދަންވަރު ހުކުމްކުރުމަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި 51 ވަނަ މާއްދާއާއި 17 ވަނަ މާއްދާއާއި 20 ވަނަ މާއްދާއާއި ޚިލާފުގޮތެކެވެ. ސިޔާސީ މީހުންގެ މައްޗަށް ހިންގޭ ޝަރީއަތްތައް ހިންގަންޖެހޭނީ އާންމުންގެ ތެރެއިން އެންމެ ދެރަނިކަމެތި މީހާގެ މައްސަލަވެސް ބަލާ އުސޫލުން އެއިޖުރާއަތުގެ ތެރެއިން އެއް ސްޕީޑެއްގައެވެ. ސިޔާސީ މީހުންނަށްވީތީ މައްސަލަ އަވަސް އަރުވާލައިގެން ނިންމައި އާންމު ނިކަމެތި މީހާގެ މައްސަލަ ނުބެލި ދިގުލައިގެން ދިއުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެކެވެ. ރައީސް ނަޝީދުގެ މައްސަލައާއި، ކާނަލް ނާޒިމުގެ މައްސަލައާއި، ޝައިޚު އިމްރާނުގެ މައްސަލައާއި އަދީބުގެ މައްސަލައާއި، މުހްތާޒު މުހްސިންގެ މައްސަލައާއި، ގާސިމް އިބްރާހިމްގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހުށަހަޅައި ހިންގުނު މައްސަލަތައް ބެލުމުގައި ރެޔާއިދުވާލު ހޭލައި ތިބެގެން އަވަސް އަރުވާލައިގެން މައްސަލަބަލައި ދަންވަރު ހުކުމްކުރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ފާއިތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ޝަރީއަތްތަކުގެ އަޑުއެހުންތައް ސިއްރުކުރެވިފައިވަނީ ދުސްތޫރީ އަދި ގާނޫނީ ހަމައެއް އަޅައިގެންނެއް ނޫނެވެ. ހަމައެކަނި ދައުވާލިބޭ މީހާއަކީ ސިޔާސީ މީހަކު ކަމަށްވުމުން ނުވަތަ އާންމުންގެ ޝައުގުވެރިކަން ހުރި މައްސަލައަކަށްވާތީވެއެވެ. މިއީ ގާނޫނު އަސާސީގެ 42 އާ ޚިލާފުގޮތެއް ކަމަށް ގަބޫލުކުރަމެވެ. ތިރީގައިމިވަނީ ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި ނޫސްތަކުގައި ޖަހާފައިހުރި ޚަބަރުތަކުގެ ސުރުޚީތަކެވެ.
  • ގާސިމްގެ ޝަރީއަތް ސިއްރުކޮށްފި 25 ޖުލައި 2017
  • ދައުވާއަށް ފާރިސް އިންކާރު ކުރައްވައިފި، ސާބިތުކުރުމަށް ސިއްރު ދެ ހެކިން 17 ޖުލައި 2017
  • ފާރިސްގެ މައްސަލަ އިސް ފަނޑިޔާރު ސެކްޝަނަށް ބަދަލުކޮށްފި ކަމަށް ކޯޓުން ބުނެފި 26 އޮގަސްޓް 2017
  • ހައި ކޯޓްގެ ދެކުނު ގޮފި ހުއްޓިފައިވާތާ ހަ މަސް، އިސްތިއުނާފު ހައްގެއް ނެތް 22 އޮގަސްޓް 2017
  • އަދީބުގެ ދެ ޝަރީއަތެއް ސިއްރުކޮށްފި 4 ޖޫން 2016
  • އަދީބަށް މިރޭ ހުކުމް ކުރަނީ، ޝަރީއަތުގެ މަޖިލިސް ސިއްރު! 5 ޖޫން 2016
  • ޝަރީއަތްތައް ސިއްރުކުރުން އާންމުވެ ހާމަކަން ގެއްލެނީ 16 ޖޫން 2016
  • "ފިނިފެންމާ" މައްސަލައިގެ ޝަރީއަތް ވެސް ސިއްރުކޮށްފި 5 ޖޫން 2016
  • ބީއެމްއެލްގެ ކުރީގެ މުވައްޒަފުގެ ޝަރީއަތް ސިއްރުކޮށްފި 29 ޖޫން 2016
  • ސްނައިޕަރު މައްސަލައިގެ މިއަދުގެ އަޑުއެހުން ސިއްރު 22 ސެޕްޓެމްބަރ 2016
  • އައްޑޫ ވިޔަފާރިވެރިޔާގެ މަރުގެ ޝަރީއަތް ސިއްރު ކޮށްފި 23 ނޮވެމްބަރ 2016
  • ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ ޝަރީއަތް ސިއްރުކޮށްފި 19 ޑިސެމްބަރ 2016
  • އިސް ގާޒީ ބާރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި 8 ފެބްރުއަރީ 2017
  • ރިޔާޒްގެ ޝަރީއަތް ސިއްރުކޮށްފި 20 އެޕްރީލް 2017
  • ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި 25 އެޕްރީލް 2017
  • ޒައިދާ ދެކޮޅަށް ސިއްރު ދެ ހެކިން ހުށަހަޅައިފި 3 މޭ 2017
  • ގާސިމްގެ ޝަރީއަތުގެ މިރޭގެ އަޑުއެހުން ސިއްރުކޮށްފި 25 ޖުލައި 2017
  • ގާސިމްގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ސިއްރުކޮށްފި 1 އޮގަސްޓް 2017
  • ބޮން ގޮއްވަން އުޅުނު މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފި 3 އޮގަސްޓް 2017
  • މަހުލޫފުގެ މައްޗަށް ހުކުމްކުރާ ޝަރީއަތް ސިއްރުކޮށްފި 18 ޖުލައި 2016
  • ޒިޔާދާގެ މަރުގެ ޝަރީއަތް ސިއްރުކޮށްފި 29 އޮގަސްޓް 2016
  • ބަންދު މައްސަލަތަކުގެ އިސްތިއުނާފު ޝަރީއަތް ސިއްރުކުރަން ނިންމައިފި 27 ޖެނުއަރީ 2015
  • މިއަދު ބާއްވާ ކަނާލް ނާޒިމްގެ އަޑުއެހުން ސިއްރުކުރަން ނިންމައިފި 28 ޑިސެމްބަރ 2015

ޓެރަރިޒަމްގެ ދައުވާ

  1. ސިޔާސީ މީހުންތަކެއްގެ މައްޗަށް ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅުނު ޓެރަރިޒަމްގެ ދައުވާތަކަކީ ޓެރަރިޒަމްގެ ގާނޫނަށް ފެތޭ ދައުވާތަކެއްނޫންކަން ފާޅުކޮށް އެނގެން އޮތް އިރު އެފަދަ ދައުވާތައް ސާބިތުވެފައިވަނީ ސިޔާސީ ވިސްނުމާ ނުފޫޒުނެތި ކަމަށް ގަބޫލެއް ނުކުރެވެއެވެ. މިގޮތަށް ގަބޫލުކުރެވޭ ސަބަބަކީ މައްސަލަބެލުމުގައި އަވަސް އަރުވާލައި، އިޖުރާއަތުތައް ކުރުގަޅުވާލައި، ރެއާދުވާލު ޝަރީއަތްކޮށް ދަންވަރު ހުކުމްކޮށްފައިވާތީވެއެވެ. އަދި ކާކުކަން ނޭނގޭ ސިއްރު ހެކީންގެ ހެކިބަހުގެ މައްޗަށް ބަލައި ހުކުމްކޮށްފައިވާތީއެވެ. މިފަދަ އިޖުރާއީ ނޭދެވޭ ކަންކަން އިސްލާހުކުރުމަށް ޖުޑިޝަރީއިން އިސްނަގައިގެންކުރި އެއްވެސް ކަމެއް ނެތެވެ. ނަތީޖާއަކީ ޝަރިއަތަކީ ޗަރުކޭހެއްކަމަށް އާންމުންނަށް ގަބޫލުކުރެވުމެވެ.

މުއްދަތު ޖެހުމުގައި ހަމައެއް ލަމައެއް ނެތުން

  1. ފުލުހުން ބަންދުކުރާ މީހުން ގެ މުއްދަތު އިތުރުކުރުމުގެ މަޖިލިސްތައް ހިނގަމުން އަންނަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ޚިލާފަށް ސިއްރު ކުރެވިގެންނެވެ. ސިޔާސީ މީހުންގެ މުއްދަތު ގިނަ ފަހަރަށް ޖަހަނީ އިންޓެލް ރިޕޯޓަށް ބިނާކޮށްވެ. އިންޓެލް ރިޕޯޓަކީ ހެކިކަމަށް ގަބޫލުކުރުމުން، ފުލުހުން ހުށަހަޅާ އިންޓެލް ރިޕޯޓު ސިޔާސީ މީހުން ހައްޔަރުކުރުމުގެ ހަތިޔާރަކަށް ވެފައިވެއެވެ. މީހަކުގެ ބަންދުގެ މުއްދަތު ޖަހަން ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި 4 ހާލަތެއް ބަޔާންކޮށްފައިވާއިރު އެފަދަ ސަބަބެއްނެތި އަދި ހެއްކެއް ނެތި، ހެކި ހޯދުމުގެ ބޭނުމުގައި ބަންދުގައި ބެހެއްޓުމަކީ ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމުގައިވީނަމަވެސް އެކަން އިސްލާހުކުރުމަށް ޖުޑިޝަރީއިން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޣައިރުހާޒިރުގައި ހުކުންކުރުން

  1. ގާނޫނު އަސާސީގެ 51 ވަނަ މާއްދާއިން، ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހާގެ ޣައިރުގައި ހާޒިރުގައި ހުކުމްކުރުމުގެ ބިރުން ދިވެހި އެންމެހާ ރައްޔިތުން ހިމާޔަތްކޮށްދީފައިވަނިކޮށް މި ހަފްތާގައިމިވަނީ ކޯޓުގައި ހުއްޓާ އަނބުރައި ގަތް ސިޔާސީ މީހަކު ހޮސްޕިޓަލުގެ ބަލިއެނދުގައި އޮއްވާ އެރޭ ދަންވަރު އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފައެވެ. އަނެއްދުވަހުގެ އިރު އަރަންދެންވެސް ގާޒީއަށް މަޑުކޮށެއް ނުލެވުނެވެ.

ސިއްރު ހެކިބަސް ނެގުން

  1. ސިޔާސީ މީހުންގެ މައްޗަށް ހިންގޭ ޝަރީއަތްތަކުގައި ސިއްރު ހެކީންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށްގެން ޝަރީއަތް ހިންގުމަކީ ގާނޫނާ އެއްގޮތަށް ކުރެވޭ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިކަން ހަމަމަގަށް އަޅުވައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާގައިވާ ގޮތަށް ޝަރީއަތުގެ އިޖުރާއަތުތައް ހާމަކަމާއެކު ހިންގުމަށް ޖުޑިޝަރީއިން ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފަނޑިޔާރުންގެ ސުލޫކު

  1. ބައެއް ފަނޑިޔާރުން ގަޑިއަށް ހުރުމަތްތެރިކޮށް ނުހިތައެވެ. ބައެއް ފަނޑިޔާރުން ޚަސްމުންނަށް އިޙްތިރާމް ނުކުރެއެވެ. ފަނޑިޔާރުން ރިޝްވަތުނަގާކަމުގެ ވާހަކަ ދައްކާއިރު އެ ތަސައްވަރު ބަދަލުކުރުމަށް ޖުޑިޝަރީއިން މަސައްކަތެއް ނުކުރެއެވެ. އަދި ސިޔާސީ ނުފޫޒަށް ލެބޭކަމަށް މީހުން ތުހުމަތުކުރާއިރު އެ ފަދަ ޝައްކަށް ޖާގަ ނުލިބޭނެ ގޮތަށް ފަނޑިޔާރުންގެ ސުލޫކު ބެހެއްޓުމަށް ކޯޓުތަކުން/ޖޭއެސްސީއިން އެއްވެސް ފިޔަވަޅެއް ނާޅައެވެ. ހަމައެކަނި ފިޔަވަޅު އަޅަނީ ވަކީލުންގެ މައްޗަށެވެ.

ފަނޑިޔާރުންނަށް ނުހައްގުން އަދަބު ދިނުމާއި ވަޒީފާގެ ބިރު

  1. ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ބިރުދެއްކުމުގެ ގޮތުން ތަފާތު އެކިއެކި ކަންތައްތައް ދަނީ ފަނޑިޔާރުންނާ ކުރިމަތިކުރަމުންނެވެ. މިގޮތުން ފަނޑިޔާރުންގެ ރުހުމެއްނެތި އަދި ޖަވާބުދާރީ ވާން ފުރުސަތު ނުދީ އެއް ކޯޓު އަނެއް ކޯޓަށް ބަދަލުކުރުމާއި ވަކި މުއްދަތެއްނެތި ފަނޑިޔާރުން ސަސްޕެންޑް ކުރުމާއި އިލްމީ ގާބިލު ފަނޑިޔާރުން މަގާމުން ދުރުކޮށް، އެ ބައެއްގެ ސުލޫކާމެދު ސުވާލު އުފެދޭ މީހުން ފަނޑިޔާރު ކަމަށް އައްޔަނުކުރުން ހިމެނެއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބައެއް މެންބަރުން ސީދާ ފަނޑިޔާރުންނަށް ގުޅައި ވަޒީފާގެ ނުތަނަވަސްކަން ފަނޑިޔާރުންނަށް ކުރިމަތިކުރައްވާފައިވެއެވެ.

ވަކީލުންގެ ކަންކަމާ ސުޕްރީމް ކޯޓުން ހަވާލުވުން

  1. ވަކީލުންގެ ބެލެނިވެރިއްގެ ހައިސިއްޔަތުން ވަކީލުންގެ އެންމެހައި ކަންތައްތައް ބަލަހައްޓަމުން އައިސްފައިވަނީ އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމުގެ ދަށުން ވަނީ ވަކީލުންގެ އެންމެހައި ކަންތައްތައް ބެލުމުގެ ޒިންމާ އަމިއްލަފުޅަށް ނަންގަވާފައެވެ. އަދި މިގޮތަށް ނެންގެވުމުގެ ނަތީޖާއެއްގެ ގޮތުން އަލަށް ކިޔަވާ ދަސްވެނިވާ ކުދިންނަށް ވަކާލާތު ކުރުުމުގެ ހުއްދަ ނުލިބި ލަސްވުމާއި ވަކީލުންގެ މަސައްކަތަށް ސުޕްރީމް ކޯޓުން ސީދާ ގޮތެއްގަައި ނުފޫޒު ފޯރުވައި ނުތަނަވަސްކަން އުފައްދަވާކަން ފާހަގަ ކުރަމެވެ. މިކަމަކީ ވަކީލުންގެ ފަރާތުން ވަރަށް ކަންބޮޑުވާކަމެކެވެ. އަދި ގާނޫނީ ވަކީލުންގެ ތެރެއިން ސުލޫކީ ފިޔަވަޅު އަޅަންޖެހޭ ވަކީލުންގެ މައްޗަށް ސުލޫކީ ފިޔަވަޅު ނޭޅޭކަންވެސް ފާހަގަކުރަމެވެ. އޭގެ ބަދަލުގައި ފިޔަވަޅު އެޅިގެންދާތަން ފެންނަނީ އިންސާފު ނުލިބިގެން އެވާހަކަ ދައްކާ ވަކީލުންގެ މައްޗަށެވެ. ވަކީލުން ތަމްސީކު ކުރާނޭ ވަކީލުންގެ ހައްގުތައް ހޯދާނާ މުއައްސަސާއެއް ނެތެވެ. އަދި ވަކީލުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓަށް މަސައްކަތް ކުރާނޭ ފަރާތެއް ނެތެވެ.

ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރުތަކުތެ ބޭރުން ސުޕްރީމް ކޯޓު އަމަލުކުރުން

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމްކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމެވުންކަމުގައެވެ. މިމާއްދާއިން ސުޕްރީމްކޯޓަށް ލިބިދީފައިވާ ބާރަކީ މުތްލަގުކޮށް ދިވެހިރާއްޖޭގައި ހިނގާ އެންމެހާކަމެއް ބެލުމުގެ ބާރު ލިބިދޭ މާއްދާއެއްނޫނެވެ. ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެކެވެ. ފަނޑިޔާރުން އަމަލުކުރަނީ ގާނޫނުއަސާސީ އާއި ގާނޫނަށްކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 142 ވަނަ މާއްދައި ބަޔާންކޮށްފައިވެއެވެ. ދިވެހި ދަޢުލަތް އުފެދިފައިވަނީ ތިން ބާރުގެ މައްޗަށްކަމުގައި ގާނޫނުއަސާާސީގައި ބަޔާންކޮށްފައިވާއިރު، ގާނޫނު ހެދުމުގެ ބާރު ލިބިގެން ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއަށް ސުޕްރީމްކޯޓުންވަދެ އުޞޫލުތަކާއި ސަރކިއުލާ އަދި ޤަރާރުގެ ނަމުގައި ދަނީ ގާނޫނުތައް ހަދަމުންނެވެ.

އެއް ފަނޑިޔާރުގެ މަސައްކަތައް އަނެއް ފަނޑިޔާރުން ނުފޫޒު ފޯރުވުން

  1. ކޮންމެ ފަނޑިޔާރަކީވެސް މިނިވަން މުސްތަގިއްލު ފަރާތެކެވެ. އެއް ފަނޑިޔާރެެއްގެ މަސައްކަތައް އެނެއް ފަނޑިޔާރަކު ނުފޫޒު ފޯރުވައިގެން ނުވާނެވެ. އަދި ހަމަ މިފަދައިން އެއް ކޯޓުން އަނެއް ކޯޓުގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެއެވެ. ނަމަވެސް ފެންނަ މަންޒަރު މިއާ ތަފާތެެވެ. ބައެއް ކޯޓުތަކުގައި ބަލަމުންދާ މައްސަލަތަކުގެ ފައިލް މަތީކޯޓުން ނެގިފައިވެއެވެ. އަދި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ މިނިވަންކަން ހަނިވެފައިވާ ކަން ފާހަގަކުރެވެއެވެ.

ތުހުމަތުގައި ބައްދުކުރެވޭ ފަރާތްތަކުގެ ހައްގުތައް

  1. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާން ކޮށްފައިވަނީ އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާކަމުގައެވެ. އެހެން ނަމަވެސް ތަފާތު އެކިއެކި ކުށުގެ ތުމުގަައި ހައްޔަރު ކުރެވޭ ފަރާތްތަކަށް ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ކޮންމެހެން ލިބެންޖެހޭ އަސާސީ ޙައްގުތަކުން މަހުރޫމުކުރެވިގެން ދާއިރު ކޯޓުތަކުން މިކަންތައްތައް އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާކަން ފާހަގަކުރެމެވެ.

ސަބަބެއް އެންގުމެއްނެތި ވަކީލުންނަށް ފިޔަވަޅު އެޅުން

  1. އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމަކީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިދީފައިވާ ޙައްޤެކެވެ. އަދި އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެ ކަމަށް ފެނިއްޖެނަމަ އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގަކީވެސް ކޮންމެ މީހަކަށް ގާނޫނުއަސާސީގެ ދަށުން ލިބިދީފައިވާ އަސާސީ ހައްގެކެވެ. ނަމަވެސް ސުޕްެރީމްކޯޓުން ވަކީލުންގެ ހުއްދަ ބާތިލްކުރާއިރު ޖަވާބު ދާރީވުމަށް ވަކީލުންނަށް ފުރުސަތެއް ނުދެއެވެ. އަދި އަޅާ އިދާރީ ފިޔަވަޅު ކޯޓަށް ހުށަހެޅުމުގެ ފުރުސަތުވެސް ނުދެއެވެ.

ޖޭއެސްސީ ހިނގުމުގައި ހަމައެއް ލަމައެއް ނެތުން

  1. ޖޭއެސްސީ ހިންގުމުގައި ސިޔާސީ ފަރާތްތަކުގެ ނުފޫޒު ފެތުރުމަށް ބާރު އެޅޭގޮތަށް ކަންކަން ރޭވިފައި ހުރިކަމަށް ގަބޫލުކުރަމެވެ. ޖޭއެސްސީއިން ހަމަޖެހިފައިވާ އިޖުރާއަތުގެ ތެރެއިން ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ސުޕްރީމް ކޯޓުން އެކަމުގެ ތެރެއަށް ވަނުމަކީ ވެގެންވާނެ ގޮތެއް ނޫނެވެ. ހައިކޯޓަށް ދިމާވެފައިވާ ފަނޑިޔާރުންގެ ދަތިކަން ހައްލުނުވެ ދިގުލާފައިވެއެވެ. ރާއްޖޭގެ ދެކުނުގައި ހުރި ހައިކޯޓުގެ ގޮފީގެ އެއް ފަނޑިޔާރަކު މާލޭގައި ހުންނަތާ 6 މަސް ވުމުން އެތަނުގައި މައްސަލަ ނުބެލެވެއެވެ. ފަނޑިޔާރުން ވަޒީފާ އަދާކުރާނޭ ކޯޓުގެ ޔަގީންކަމެއް ނެތެވެ. ޑްރަގް ކޯޓާއި ކުޑަކުދީންގެ ކޯޓު ފުރޭވަރަށް ފަނޑިޔާރުން ތިބިއިރު އެތަނުގައި ހުރީ ނުހަނު މަދު މައްސަލައެވެ. ފަނޑިޔާރުން ކޯޓުތަކަށް ބަދަލުކުރަނީ އެތަނުގައި ހުސް މަގާމެއް އޮތްތޯ ނުވަތަ ފަނޑިޔާރެއް ބޭނުންތޯ ބެލުމެއް ނެތިއެވެ. ރަށްރަށުގެ ގިނަ މެޖިސްޓްރޭޓުންނަށް އައު ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތު އެނގި ނުލައްވައެވެ.

ބަންޑާރަ ނާއިބާއި ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަސްއޫލިއްޔަތު

  1. ބަންޑާރަ ނާއިބާއި ޕްރޮސިކިއުޓަރ ޖެނެރަލް ގެ މަގާމު އަދާކުރަނީ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށް، ގާނޫނުގެ ވެރިކަން ދަމަހައްޓައި އާންމު މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ގާނޫނު އަސާސީ ދިފާއުކުރުމުގެ ގޮތުން މިއިން ފަރާތަކުން އެއްވެސް ކަމެއް ކުރައްވާފައެއް ނުވެއެވެ. ދައުވާ ކުރެއްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލް އެއްވެސް ހަމައެއް ގެންގުޅުއްވާކަމަކަށް ނުބެލެވެއެވެ. ދައުވާ ކުރުމުގައި ހެއްކާ ގަރީނާ ހުރިތޯ ބެލުމުގެ ބަދަލުގައި ޕްރޮސިކިއުޓަރ ޖެނެރަލް ސިޔާސީ ނުފޫޒުގެ ދަށުން މީސްމީހުންގެ މައްޗަށް ދައުވާކުރާ ކަމަށް ގަބޫލުކުރެވެއެވެ.

ވީމާ މިކަންކަމަށް އަވަސް ހައްލުތަކެއް ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އަހަރެމެން ގޮވާލަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ރާއްޖޭގެ 56 ގާނޫނީ ވަކީލަކު ސޮއިކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތްކުރި ޕެޓިޝަނެވެ. ނަމަވެސް، މި ޕެޓިޝަން އެ ކޯޓުން ބަލައިގަނެފައިނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

ގާނޫނީ ޒިންމާ އަދާކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ރައްކާތެރިކަން ނުލިބޭ!

17 ފެބުރުއަރީ 2019
ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

ގާބިލް ގާނޫނީ ވަކީލުން އެބަތިބި، އެކަމަކު މިގައުމުން އެކަމެއް ނުފެނޭ!

12 ނޮވެމްބަރު 2018
އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

އާޒިމާގެ ގާނޫނީ ލަފާ: ވަކި މީހަކު ބޭނުންވާ ގޮތަށް!

04 ނޮވެމްބަރު 2018
ގާނޫނީ ވަކީލު ހިސާން ރާއްޖޭގެ \"ވޮންޑަރ ވުމަން\" އަށް!

ގާނޫނީ ވަކީލު ހިސާން ރާއްޖޭގެ "ވޮންޑަރ ވުމަން" އަށް!

16 އޮކްޓޯބަރު 2018
އާޒިމާގެ ގާނޫނީ ލަފާ!

އާޒިމާގެ ގާނޫނީ ލަފާ!

12 މެއި 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު