ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފި
26 ނޮވެމްބަރު 2026 | ބުރާސްފަތި 04:22ހުޅުމާލޭ ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފައި. މި މީހުން އަތުލައިގަތް ސަރަހައްދު ބަލައި ފާސްކުރިއިރު ބަޔޮނެޓާއި، ކަޓަރު އަދި މޫނު ނިވާކުރަން ބޭނުންކުރާ މާސްކު ފެނިފައިވާ ކަމަށް ފުލުހުން ބުނޭ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން


ހުޅުމާލޭގެ ފޭސް-2 ގައި މާރާމާރީ ހިންގައިގެން މަގު ބަންދުކޮށްފައި. ފައިލް ފޮޓޯ | ފޭސްބުކް
ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ، ހުޅުމާލެ ދިއްގާމަގު ބީޗް ސަރަހައްދުގައި ބަޔަކު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 ނޮވެމްބަރ 25 ވަނަ ދުވަހުގެ ރޭ 22:50 އެހައިކަންހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ ސަރަހައްދަށް ގޮސް އެތަނުގައި ހުރި މީހަކު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށާއި، އޭނާ ހުރި ތަނާ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން، އެ ސަރަހައްދު އިތުރަށް ބަލައި ޕްރޮސެސްކުރުމުގެ ތެރޭގައި އެ ސަރަހައްދުން އިތުރު 2 ބަޔޮނެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.











