ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިންޒާރު ދީފި
13 ނޮވެމްބަރު 2026 | ހުކުރު 09:48މި އެއްވުމާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާތީ، ގާނޫނީ އިމުގެ ތެރެއިން އަމަލުކުރުމަށާއި އާންމުންނަށް ދަތިނުވާނެހެން ކަންކަން އިންތިޒާމުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައި. އަދި ގާނޫނާ ހިލާފު އަމަލުތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައި. މި އެއްވުމަކީ ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ހަރަކާތެއް


ބުދަ ދުވަހުގެރޭ ބޭއްވި މުޒާހަރާގައި ގައުމީ ހަރަކާތުގެ އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިންޒާރު ދީފި އެވެ.
ފުލުހުން ވަނީ ހުކުރު ދުވަހުގެރޭ ބާއްވަން ނިންމާފައިވާ އެއްވުމާއި ގުޅިގެން ނޫސްބަޔާނެއް ނެރިފަ އެވެ. އެގޮތުން، އެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ހިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ކުރިން އެންގުމަކާއި ނުލާ އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެ އެއްވުން އިންތިޒާމު ކުރާ ފަރާތްތަކަށް އަންގާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހަމައެއާއެކު، މިފަދަ އެއްވުމުގެ ސަބަބުން އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ތަފާތު ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އެ އެއްވުން އެއްވެސް ފަރާތަކަށް ދަތިނުވާނެހެން ގާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެ އެއްވުން އިންތިޒާމު ކުރުމަށް ނަސޭހަތްތެރިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ އެއްވުމުގައި ގާނޫނާއި ގަވާއިދާއި ހިލާފަށް ހިންގާ އަމަލުތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން އިންޒާރު ދީފައިވެ އެވެ.
ރަސްމާލެ ނުވަތަ ދިވެހި ބިމުގައި ބޭރުގެ ފަރާތްތައް ވަޒަންވެރިކުރުވުމާ ދެކޮޅަށާއި، މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާ ނޮވެންބަރު 13 ވާ ހުކުރު ދުވަހުގެރޭ 8:30 ގައި ބާއްވާ ބޮޑު އެއްވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.










