މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ދެ މީހަކު ހައްޔަރުކޮށްފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 07:59މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި. ފުލުހުން ފެނުމުން ފިލަން އުޅުނު މި ދެ މީހުން ބަލައިފާސްކުރިއިރު 297 ގުރާމަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާތީ، އެކަކު 10 ދުވަހަށް އަދި އަނެކަކު ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި


މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފި | ޕޮލިސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނޫރާނީވިލާ / އދ. ދިއްދޫ، ހުސައިން ޒަޔާން (21އ) އާއި ގ. ސިނަމާލެ 022-13 / މާލެ، މުހައްމަދު އިޔާޒް އަބްދުﷲ (21އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، އެ މީހުންނަށް ފުލުހުން ފެނުމުން ސައިކަލެއްގައި ފިލަން މަސައްކަތްކޮށްފައިވެ އެވެ. އެހެންކަމުން، އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ހަތް ދަޅާއި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓުގެ އިތުރުން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުސައިން ޒަޔާން 10 ދުވަހަށް އަދި މުހައްމަދު އިޔާޒް އަބްދުﷲ ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.











