ކޮންސެޓު ހޯލު ތެރެއަށް ދޫކޮށްލި "ގޮތް ނޭނގޭ މާއްދާއަކުން" ބަޔަކަށް ނޭވާލާން އުނދަގޫވެ، މެންޗެސްޓަރގެ އެރީނާއިން އެތައް ހާސް ބަޔަކު ނެރެފި
23 ނޮވެމްބަރު 2026 | ހޯމަ 08:52އިނގިރޭސިވިލާތުގެ މެންޗެސްޓަރގައި ކުރިއަށްދިޔަ ޑޮން ޓޮލިވަރގެ ކޮންސެޓެއްގެ ތެރެއަށް ގޮތް ނޭނގޭ މާއްދާއެއް ދޫކޮށްލުމާ ގުޅިގެން، 12،000 އަށްވުރެ ގިނަ މީހުން އެ ސަރަހައްދުން ހުސްކޮށްފި. މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުންގެ ނޭވާލާ ނިޒާމަށް އުނދަގޫތަކެއްވެގެން ފަރުވާދީފައިވާއިރު، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ކަން ތަހުގީގު ކުރަމުން


މެންޗެސްޓަރގެ 'ކޯ-އޮޕް ލައިވް' އެރީނާގައި ކުރިއަށްދިޔަ މިޔުޒިކް ޝޯއެއްގެ ތެރެއަށް "ގޮތް ނޭނގޭ" މާއްދާއެއް ދޫކޮށްލުމުން އެމްބިއުލާންސް ޚިދުމަތުގެ ޚިދުމަތްތެރިން ހަރަކާތްތެރި ވަނީ | ގެޓީ އިމޭޖަސް
އިނގިރޭސިވިލާތުގެ މެންޗެސްޓަރގެ 'ކޯ-އޮޕް ލައިވް އެރީނާ' ގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި މިއުޒިކް ކޮންސެޓެއްގެ ތެރެއަށް "ގޮތް ނޭނގޭ މާއްދާއެއް" ދޫކޮށްލުމާ ގުޅިގެން، އެ ތަނުން އެތައް ހާސް ބަޔަކު ރައްކާތެރިކަމާއެކު ނެރެ، އެ ތަން ހުސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ޑޮން ޓޮލިވަރގެ ޝޯ ނިމެން ކައިރިވެފައިވަނިކޮށް، މެންޗެސްޓަރ ގަޑިން ގާތްގަނޑަކަށް ރޭގަނޑު 22:00 ހާއިރު އެވެ. މި ހާދިސާގައި "ލޮލަށާއި ނޭވާލާ ނިޒާމަށް އުނދަގޫތަކެއް ވުމުގެ އަލާމާތްތައް" ފެނިގެން 50 އަށްވުރެ ގިނަ މީހުން ސަރަހައްދުގައި ޗެކްކޮށްފައިވާއިރު، އިތުރު ތަހުލީލުތަކަށް އެކަކު ހަސްފަތާލަށް ގެންގޮސްފައިވާ ކަމަށް އެ ސަރަހައްދުގެ އެމްބިއުލާންސް ޚިދުމަތުން ހާމަކުރި އެވެ.
ގޮތް ނޭނގޭ މާއްދާއެއްގެ އަސަރުކޮށްގެން ބަޔަކަށް އުނދަގޫތަކެއް ވަމުންދާ ކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެން، އެ ސަރަހައްދުގައި ބޮޑު ހާދިސާއެއް ނުވަތަ 'މޭޖަރ އިންސިޑެންޓެއް' އިއުލާންކުރި ކަމަށް ގްރެއިޓަރ މެންޗެސްޓަރ ޕޮލިސްއިން (ޖީއެމްޕީ) ބުންޏެވެ. ފުލުހުން ފުރަތަމަ ލަފާކުރީ އެއީ ކަރުނަ ގޭސް ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ކުއްލި ނުރައްކަލުގެ ހިދުމަތްދޭ ފަރާތްތައް އެރީނާ ކައިރިއަށް ޖަމާވިއިރު، އެ އިމާރާތުން ނުކުންނަމުން ދިޔަ ބައެއް މީހުން ކެއްސަމުން ދިޔަ މަންޒަރު ފެނެ އެވެ.
ފުލުހުންނާއި ކުއްލި ނުރައްކަލުގެ ހިދުމަތްތަކުގެ އިޖާބަ
ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގްރެއިޓަރ މެންޗެސްޓަރ ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނީ، އެރީނާގައި ތިބި 12،000 އަށްވުރެ ގިނަ މީހުން ރައްކާތެރިކަމާއެކު އެ ތަނުން ނެރެފައިވާ ކަމަށާއި، އޭގެ އަސަރުކުރި ގިނަ ބަޔަކު ޗެކްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އިސްކަމަކަށްވީ ކޮންސެޓަށް ހާޒިރުވި ކޮންމެ މީހެއްގެ ވެސް ރައްކާތެރިކަން ކަށަވަރުކުރުން،" ގްރެއިޓަރ މެންޗެސްޓަރ ޕޮލިހުގެ އެސިސްޓެންޓް ޗީފް ކޮންސްޓަބަލް ސްޓެފް ޕާކަރ ވިދާޅުވި އެވެ. "ގިނަ ބަޔަކަށް އެ ސަރަހައްދުގައި ފަރުވާދީފައިވާއިރު، މިހާތަނަށް އެކަކު ވަނީ ހަސްފަތާލަށް ގެންގޮސްފައި. މި ހަފުލާ ނިންމާފައި ދިޔަ ފަހުން ބަލިވެއްޖެ ނަމަ، އެ މީހަކު ހުރި ސަރަހައްދެއްގެ ހަސްފަތާލަށް ދިއުމަށް އިލްތިމާސްކުރަން."
މި ހާދިސާގެ ސަބަބުން އާންމުންނަށް، ހާއްސަކޮށް ރޭގެ ކޮންސެޓަށް ދިޔަ މީހުންގެ އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ކުރިމަތިވާނެ ކަންބޮޑުވުން އިހުސާސްކުރެވޭ ކަމަށް ޕާކަރ ވިދާޅުވި އެވެ. ހަމަމިއާއެކު، މި ކަމާ ގުޅިގެން ފިޔަވަޅު އަޅަމުން ދިޔައިރު އެންމެން ދެއްކި ކެތްތެރިކަމަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
ބޮޑު ހާދިސާއެއްގެ ގޮތުގައި ކަނޑައެޅުމުން، ކުއްލި ނުރައްކަލުގެ ހިދުމަތްދޭ އިދާރާތައް ގުޅިގެން ރައްކާތެރިކަމާއެކު ހަރަކާތްތެރިވުމަށް މަގުފަހިވި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. "މިއީ ކޮން މާއްދާއެއްކަމާއި މި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުރިހަމައަށް ދެނެގަތުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ފަށާނަން،" ޕާކަރ އިތުރަށް ވިދާޅުވި އެވެ.
ސިއްހީ ފަރުވާއާއި ކޯ-އޮޕް ލައިވްގެ ބަޔާން
މި ހާދިސާއާ ގުޅިގެން އެ ސަރަހަައްދުގެ އެމްބިއުލާންސް ހިދުމަތުން ބުނީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދު ސާފުކުރުމުގެ ނުވަތަ 'ޑީކޮންޓެމިނޭޝަން' މަސައްކަތް ކުރިއަށްދާ ކަމަށާއި، އިތުރު ތަހުލީލުތަކަށް އެކަކު މެންޗެސްޓަރ ރޯޔަލް އިންފަރމަރީއަށް ގެންގޮސްފައިވާ ކަމަށެވެ.
"އެ ސަރަހައްދުގައި ތިބި މީހުން ރައްކާތެރިކަމާއެކު ޗެކްކޮށް ފަރުވާދިނުމަށް އެހީތެރިވުމުގެ ގޮތުން، އަޅުގަނޑުމެންގެ 'ހެޒާޑަސް އޭރިއާ ރެސްޕޮންސް ޓީމު' ހިމެނޭހެން ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ގިނަ ޓީމުތަކެއް ވަނީ ނެރެފައި،" އެމްބިއުލާންސް ހިދުމަތުގެ ބަޔާނުގައި ބުންޏެވެ. "މިރޭގެ ހަފުލާގައި ބައިވެރިވި އެއްވެސް މީހަކަށް އޭގެ ފަހުން އެއްވެސް އުނދަގުލެއް އިހުސާސްކުރެވިއްޖެ ނަމަ ނުވަތަ ބަލިވެއްޖެ ނަމަ، ސިއްހީ ލަފާ ހޯދަންވާނެ."
ކޯ-އޮޕް ލައިވްއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް އެ ތަނުގެ އިސްވެރިން ފުލުހުންނާ ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "ކޯ-އޮޕް ލައިވްއަށް ޒިޔާރަތްކުރާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަންތައް. ގްރެއިޓަރ މެންޗެސްޓަރ ޕޮލިހުގެ ފަރާތުން އިތުރު މައުލޫމާތު ލިބުމާއެކު އަޅުގަނޑުމެން އެ ކަން ހިއްސާކުރާނަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޑޮން ޓޮލިވަރގެ 'ނައިޓްރަސް' ޓުއަރ
އަސްލު ނަމުން ނަމަ ކޭލަބް ޒެކަރީ ޓޮލިވަރ، މެންޗެސްޓަރގައި މި ޝޯ ހުށަހަޅައިދެމުން ދިޔައީ އޭނާގެ 'ނައިޓްރަސް' ޓުއަރގެ ދަށުންނެވެ. އުމުރުން 32 އަހަރުގެ މި މިއުޒީޝަން ވަނީ 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސްގެ ފަސް ދާއިރާއަކުން ނޮމިނޭޓްވެފަ އެވެ. މީގެ ތެރޭގައި އެންމެ މޮޅު އައު ފަންނާނު ނުވަތަ 'ބެސްޓް ނިއު އާޓިސްޓް' ގެ ކެޓަގަރީވެސް ހިމެނެ އެވެ.
މަސްދަރު: ބީބީސީ










