ރަޝިއާ-ޔޫކްރެއިން މަޝްވަރާތައް ކުރިއަށް ގެންދަން އެމެރިކާގެ މަންދޫބުންނާއި ޕުޓިން އެއްބަސްވެވަޑައިގަންނަވަފި
13 ނޮވެމްބަރު 2026 | ހުކުރު 06:03ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ބިމުގެ މިލްކުވެރިކަމާ މެދު ދެ ފަރާތުގެ މެދުގައި އަދިވެސް ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. މި މަޝްވަރާތައް ކުރިއަށްދިޔަ ވަގުތު ވެސް ދެ ޤައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، ވިލާތުގެ އިއްތިހާދުން ވަނީ ރަޝިއާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފަ އެވެ.


ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެމެރިކާގެ ދެ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރ އަދި ސްޓީވް ވިޓްކޮފްއާ މޮސްކޯގައި ބައްދަލުކުރައްވަނީ | ނިއުޔޯކް ޓައިމްސް
ނުވަ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރިއަށްގެންދާ ސުލްހައިގެ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އެމެރިކާއާއި ރަޝިއާއިން އެއްބަސްވެއްޖެ އެވެ. މި އެއްބަސްވުމަށް އާދެވުނީ ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާއި އެމެރިކާގެ ދެ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރއާއި ސްޓީވް ވިޓްކޮފް، ބުރާސްފަތި ދުވަހު މޮސްކޯގައި ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެވެ.
ކްރެމްލިންއިން ބުނީ ޕުޓިންއާއި އެމެރިކާގެ މަންދޫބުން ބޭއްވެވި މަޝްވަރާތަކަކީ ބޭނުންތެރި މަޝްވަރާތަކެއް ކަމަށެވެ. އަދި، އިރުމަތީ ޔޫކްރެއިންގެ ރަށަކަށް ގުޅިގެން އިންސާނީ އެހީތެރިކަމުގެ މިޝަނެއް ފޮނުވުމަށް ޕުޓިން ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމެރިކާއިން ތާއީދުކޮށްފައިވާ ކަމަށް ވެސް ކްރެމްލިންއިން ބުންޏެވެ.
މި މަޝްވަރާތަކާ ގުޅޭގޮތުން ކްރެމްލިންގެ މުޝީރު ޔޫރީ އުޝަކޯވް ވިދާޅުވީ، މި މަހުގެ ފަހުކޮޅު ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގައި ޔޫކްރެއިންގެ މައްސަލައާ ގުޅޭގޮތުން ޕުޓިންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރަށް މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހަމަމިއާއެކު، ހުޅަނގުގެ ދިފާޢީ އިއްތިހާދު (ނޭޓޯ) އިތުރަށް ފުޅާނުކުރެވޭނެ ކަން ރަޝިއާއިން އެމެރިކާގެ މަންދޫބުންނަށް ސާފުކޮށްދީފައިވާ ކަމަށާއި، ވިލާތުގެ އައު ސަލާމަތީ އޮނިގަނޑަކާ ބެހޭ މަޝްވަރާތަކަށް ވިލާތުގެ ޤައުމުތަކުން އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އުޝަކޯވް ވިދާޅުވި އެވެ.
މީގެ ކުރިން ޕުޓިން ވަނީ ޔޫކްރެއިންގައި ވިލާތުގެ ސިފައިން ދާއިމީކޮށް ބޭތިއްބުމަށް ހުށަހެޅޭ ކޮންމެ ހުށަހެޅުމަކަށް އިންކާރު ކުރައްވާފަ އެވެ. އެ ފަދަ ފިޔަވަޅަކީ ރަޝިއާގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި މޮސްކޯއިން ދެކޭ ކަމަށާއި، އެ ސިފައިންނަކީ ރަޝިއާގެ ހަމަލާތަކުގެ އަމާޒުފަތްގަނޑަކަށް ވާނެ ކަމުގެ އިންޒާރު ޕުޓިން ވަނީ ދެއްވާފަ އެވެ. މީގެ އިތުރުން، ޔޫކްރެއިނާއެކު އޮންނަ ބޯޑަރަކީ މިހާރު ހަނގުރާމައިގެ މައިދާނުގައި ދެ ފަރާތުގެ ބާރު ހިނގާ އިން ކަމަށް ޕުޓިން ވިދާޅުވި އެވެ. މިއީ 2022 ވަނަ އަހަރު ރަޝިއާއިން އެ ޤައުމުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، މިހާތަނަށް އެއްކޮށް ހިފިފައިނުވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދަށް މޮސްކޯއިން ކުރާ ދަޢުވާއަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ.
އަބޫ ދާބީގެ މަޝްވަރާތަކާއި ކިޔެވްގެ ނުތަނަވަސް ކަން
ބުރާސްފަތި ދުވަހުގެ ހެނދުނު ޖެރަޑް ކުޝްނާއާއި ސްޓީވް ވިޓްކޮފް މޮސްކޯއަށް ވަޑައިގެންނެވުމުން، އެއާޕޯޓުން އެ ދެ ބޭފުޅުންނަށް މަރުހަބާ ދެންނެވީ ޕުޓިންގެ ޚާއްސަ މަންދޫބު ކިރިލް ދިމިތުރިއެވް އެވެ. އޭގެ ފަހުން މޮސްކޯގެ މެދުތެރޭ ސަރަހައްދަކަށް ވަޑައިގަންނަވައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ޕުޓިންއާއެކު ރަސްމީ މަޝްވަރާތައް ވަނީ ފަށްޓަވާފަ އެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ، އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ) ވެރިރަށް އަބޫ ދާބީގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ ތިން ފަރާތުގެ ސުލްހައިގެ މަޝްވަރާތައް ބުދަ ދުވަހު ނިމުމާ ގުޅިގެންނެވެ. އެމެރިކާގެ މެދުވެރިކަމާއެކު ނުވަ މަސްދުވަހަށްފަހު ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ބޭއްވި މި ސީދާ މަޝްވަރާތަކުގައި، އަސީރުން ބަދަލުކުރުމުގެ އިތުރު އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، ފަސް އަހަރު ވާން ކައިރިވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.
އެމެރިކާއިން ބުނީ ބިމުގެ މިލްކުވެރިކަން ފަދަ ބޮޑެތި މައްސަލަތަކުގައި ދެ ފަރާތުގެ މެދުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަހުރި ކަމަށާއި، ނަމަވެސް ހަނގުރާމައަށްފަހު ދޭނެ ސަލާމަތީ ޔަގީންކަމާ ގުޅޭގޮތުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. ސުލްހައިގެ ބަދަލުގައި އިރުމަތީގެ ދޮންބާސް ސަރަހައްދު އެއްކޮށް ދޫކޮށްލުމަށް ޕުޓިން ކުރައްވާ ޝަރުތު ކީވްއިން ވަނީ ދެކޮޅު ހަދާފަ އެވެ.
މޮސްކޯގައި ބޭއްވި މަޝްވަރާތަކުން ނަތީޖާއެއް ނުކުންނާނެ ކަމަށް ޔޫކްރެއިންގެ ރައްޔިތުން ގަބޫލެއް ނުކުރެ އެވެ. "ވޭތުވެދިޔަ ދެ ދުވަހު ވެސް ފެނިގެންދިޔައީ ކުރީގެ މަޝްވަރާތަކެކޭ އެއްފަދައިން އަނެއްކާ ވެސް އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކަނި،" ކީވްގައި ހުރި މުރާސިލަކު ބުންޏެވެ. "މަޝްވަރާތަކަށް ބަލާއިރު، ދެ ފަރާތުގެ ސްޓޭންޑަށް މާ ބޮޑު ބަދަލެއް ނާދޭ. މި މަޝްވަރާތަކުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ކަމަކީ މަޝްވަރާތައް ބޭއްވުނުކަން އެކަނި."
ވިލާތުގެ ވެރިންގެ ބައްދަލުވުމާއި އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް
ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، ވިލާތުގެ ސަލާމަތީ ކަންކަމާ ގުޅޭ ޚާއްސަ ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް ވިލާތުގެ 40 އަށްވުރެ ގިނަ ޤައުމުގެ ވެރިން ބުރާސްފަތި ދުވަހު ވަނީ އަޔަލެންޑުގެ ވެރިރަށް ޑަބްލިންއަށް ޖަމާވެވަޑައިގަންނަވާފަ އެވެ.
ޔޫރަޕިއަން ޕޮލިޓިކަލް ކޮމިއުނިޓީގެ (އީޕީސީ) މި ބައްދަލުވުމުގައި ވިލާތުގެ އިއްތިހާދާއި (އީޔޫ) އިނގިރޭސިވިލާތް ހިމެނޭހެން ވިލާތުގެ އެހެނިހެން ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މި ގޮތުން ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާއި، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީގެ އިތުރުން ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުތޭ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
މިދިޔަ ޖަނަވަރީ މަހު ޕެރިހުގައި ބޭއްވި ބައްދަލުވުމަކަށްފަހު، ސަލާމަތީ ޔަގީންކަން އޮންނަންޖެހޭ ގޮތާ މެދު އެމެރިކާއާއި ވިލާތު އަދި ޔޫކްރެއިންގެ ވިސްނުން ވަރަށް ބޮޑަށް އެއްގޮތްވެފައިވާ ކަމަށް ރުތޭ ވިދާޅުވި އެވެ. "ނަމަވެސް، މިހާރު އަޅުގަނޑުމެންނަށް ބޭނުންވަނީ ސުލްހައިގެ އެއްބަސްވުމެއް، ނުވަތަ މަދުވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް،" ރުތޭ ވިދާޅުވި އެވެ.
ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް "ފުރުސަތުގެ ދޮރެއް" ހުޅުވިގެންދާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. މި ގޮތުން، އެމެރިކާގެ ކޮންގްރެސްގެ މިޑްޓަރމް އިންތިޚާބުގައި ޑިމޮކްރެޓުން ހޯދި ކާމިޔާބީއާއި، އަންނަ އަހަރު ފަރަންސޭސިވިލާތުގައި ބާއްވާ އިންތިޚާބުތައް އޭނާ ފާހަގަކުރެއްވި އެވެ. އަސީރުން ބަދަލުކުރުމަށް ހުށަހެޅި ހުށަހެޅުމަކީ ހެޔޮ ފާލެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ސުލްހައިގެ ބަދަލުގައި ރަޝިއާއިން އަތްގަދަކޮށްފައިވާ ޔޫކްރެއިންގެ އެއްވެސް ބިމެއް ދޫނުކުރައްވާނެ ކަމަށް ޒެލެންސްކީ ތަކުރާރުކޮށް ވިދާޅުވި އެވެ.
2022 ވަނަ އަހަރު އުފެއްދި އީޕީސީއަކީ 27 ޤައުމު ހިމެނޭ ވިލާތުގެ އިއްތިހާދުގެ މެންބަރު ޤައުމުތަކާއި އޭގެ ބޭރުގައިވާ ޤައުމުތައް ހިމެނޭހެން އުފައްދާފައިވާ މަންސައެކެވެ. ޕުޓިންއާއެކު ބޭއްވެވި މަޝްވަރާތަކަށްފަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރަޑް ކުޝްނަރއާއި ސްޓީވް ވިޓްކޮފް ހުކުރު ދުވަހު ޑަބްލިންގައި ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއާއެކު، ވިލާތުގެ އިއްތިހާދުން ރަޝިއާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް ފާސްކުރާނެ ކަމަށް ފަރަންސޭސިވިލާތުގެ ވިލާތުގެ ކަންކަމާ ބެހޭ ވަޒީރު ބެންޖަމިން ހައްދާދު ބުރާސްފަތި ދުވަހު ވަނީ އިޢުލާނު ކުރައްވާފަ އެވެ. "ހޯމަ ދުވަހު އަޅުގަނޑުމެން ރަޝިއާއާ ދެކޮޅަށް އައު ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނަން. އޭގެ ތެރޭގައި އިތުރު 150 މުއައްސަސާއަކާއި 50 ބޭންކެއް ހިމެނޭނެ. އަދި، އޭގެ ތެރެއިން ގިނަ މުއައްސަސާތައް ހިމެނުމަށް ހުށަހެޅީ ފަރަންސޭސިވިލާތުން،" ހައްދާދު ވިދާޅުވި އެވެ.
މަޝްވަރާތަކުގެ ތެރެއިން ދެ ފަރާތުން ބަދަލުކުރި ވަރުގަދަ ހަމަލާތައް
ސުލްހައިގެ މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، ރޭގަނޑުގެ ވަގުތުގައި ރަޝިއާއިން ވަނީ ޔޫކްރެއިންއަށް ބެލިސްޓިކް މިސައިލާއި ގިނަ އަދަދެއްގެ އަސްކަރީ ޑްރޯންތަކުން ހަމަލާދީ، އެކަކު މަރާލާފައި ކަމަށް ޔޫކްރެއިންގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުންޏެވެ.
ކީވްގެ މީހުން ދިރިއުޅޭ އިމާރާތަކަށް ޑްރޯނެއް އަމާޒުވެ އަންހެނަކު މަރުވެ، އިތުރު ފަސް މީހަކު ޒަޚަމުވެފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ވިދާޅުވި އެވެ. ރަޝިއާއިން ފޮނުވާލި 123 އަސްކަރީ ޑްރޯންގެ ތެރެއިން 89 ޑްރޯން ވައްޓާލާފައިވާ ކަމަށް ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ.
ހަމަމިއާއެކު، ރަޝިއާއިން ޔޫކްރެއިންގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދިން ހަމަލާތަކާ ގުޅިގެން ޔޫކްރެއިންގެ ނުވަ ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ހަކަތައާ ބެހޭ ވަޒީރުގެ ނައިބު އާޓެމް ނެކްރަސޯވް ވިދާޅުވި އެވެ. ކަރަންޓު ކެނޑުނު ސަރަހައްދުތަކުގެ ތެރޭގައި ވިނިޓްސިއާ، ނިޕްރޯޕެތުރޯވްސްކް، ޒިޓޯމީރް، ޒަޕޮރީޒިއާ، އޮދެއްސާ، ރިވްނޭ، ސޫމީ، ޚަރްކީވް އަދި ޗެރްކާސީ ހިމެނެ އެވެ.
މީގެ އިތުރުން، އޮކްޓޫބަރު 30 އިން ފެށިގެން ރަޝިއާގެ އެންމެ ބޮޑު ފަސް ތެޔޮ ސާފުކުރާ ކާރުޚާނާއަށް ހަމަލާދީފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އޮމްސްކް، ކިރިޝީ، ރިޔާޒާން، ނިޒްނީ ނޮވްގޮރޮދް އަދި ޔަރޮސްލާވްލްގައި ހުންނަ ކާރުޚާނާތައް ހިމެނެ އެވެ. ހަމަމިއާއެކު، ކުދި ދެ ކާރުޚާނާ ކަމަށްވާ ނޮވޮކުއިބިޝެވްސްކް އަދި ސަރަތޯވް ތެޔޮ ސާފުކުރާ ކާރުޚާނާއަށް ވެސް ހަމަލާދީފައިވާ ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފުން ބުންޏެވެ.
އަނެއްކޮޅުން، ބުރާސްފަތި ދުވަހު ރަޝިއާގެ ސެއިންޓް ޕީޓަރސްބަރގުގެ ޕުޝްކިންސްކީ ޑިސްޓްރިކްޓްގައި ރަޝިއާގެ އަސްކަރިއްޔާގެ މުވައްޒަފަކު ދުއްވަން އިން ކާރެއް ގޮއްވާލުމުގެ ސަބަބުން އޭނާ މަރުވެފައިވާ ކަމަށް ރަޝިއާގެ ތަހުގީގީ ކޮމިޓީއަކުން ބުންޏެވެ. މީގެ ކުރިން ވެސް ރަޝިއާގެ އިސް އަސްކަރީ އޮފިޝަލުންނާއި ހަނގުރާމައިގެ މަސައްކަތްތަކާ ގުޅުންހުރި ފަރާތްތައް އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށް މޮސްކޯއިން ތުހުމަތުކޮށްފައިވާއިރު، މި އެންމެ ފަހުގެ ހާދިސާއާ ގުޅޭގޮތުން ޔޫކްރެއިންއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
މަސްދަރު: ްއަލް ޖަޒީރާ











