ސުލްހައިގެ އުންމީދުތަކަށް ހިޔަނިއެޅި، ރަޝިއާއާއި ޔޫކްރެއިންގެ ވެރިރަށްތަކަށް ވަރުގަދަ ހަމަލާތަކެއް
12 ނޮވެމްބަރު 2026 | ބުރާސްފަތި 05:40އަބޫ ދާބީގައި ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި އަސީރުން ބަދަލުކުރުމަށް ރަޝިއާއާއި ޔޫކްރެއިނުން އެއްބަސްވި ނަމަވެސް، ބިމުގެ މިލްކުވެރިކަމާ ގުޅޭ ބޮޑެތި މައްސަލަތަކުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަހުރި. މި މައްސަލަތައް ހައްލުކުރުމަށް އެމެރިކާގެ މަންދޫބުން ރަޝިއާގެ ރައީސް ޕުޓިންއާ ބައްދަލުކުރެއްވުމަށްފަހު، އަޔަލެންޑުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި. އަބޫ ދާބީ މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިން ހިމެނުމަށް އެމެރިކާއިން ބާރުއަޅާއިރު، ރަޝިއާއިން ވަނީ އެ ކަމަށް އިންކާރުކޮށްފައި.


ޔޫކްރެއިންގެ ފައުޖުތަކުން 'ބީއެމް-21 ގްރެޑް' މަރުކާގެ މިސައިލުތަކެއް ބޭނުންކޮށްގެން ރަޝިއާގެ ސިފައިންގެ މަގާމުތަކަށް ހަމަލާދެނީ | އެކްސް/ޒެލެންސްކީ
ސުލްހައިގެ މަޝްވަރާތައް ނިމުނުތާ އެއް ދުވަސް ފަހުން، އަދި އެމެރިކާގެ މަންދޫބުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލުކުރެއްވުމަށް މޮސްކޯއަށް ވަޑައިގެންނެވުމަށް ތައްޔާރުވަމުން ގެންދަނިކޮށް، ބުރާސްފަތި ދުވަހުގެ ފަތިހު ރަޝިއާއާއި ޔޫކްރެއިނުން އެއް ޤައުމު އަނެއް ޤައުމުގެ ވެރިރަށްތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްއިން ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް މަންޒަރު ފެނުނު ފަރާތަކުން ބުންޏެވެ. މި ހަމަލާތަކުގައި އެ ރަށަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަން ސާފުވެފައެއް ނުވެ އެވެ.
މީގެ އިތުރުން، ރަޝިއާގެ ވެރިރަށް މޮސްކޯއާ ދިމާލަށް ދަތުރުކުރަމުންދިޔަ ފަސް ޑްރޯން ރަޝިއާއިން ވައްޓާލާފައިވާ ކަމަށް، އިތުރު ތަފްސީލެއް ނުދެއްވައި އެ ރަށުގެ މޭޔަރު ސެރްގޭ ސަބްޔާނިން ވިދާޅުވި އެވެ.
ބުދަ ދުވަހު އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) އަބޫ ދާބީގައި ނިމުނު ދެ ދުވަހުގެ ސުލްހައިގެ މަޝްވަރާތަކުގައި، އަސީރުން ބަދަލުކުރުމަށް ރަޝިއާއާއި ޔޫކްރެއިންގެ މަންދޫބުން ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް، ބިމުގެ މިލްކުވެރިކަމާ ގުޅޭ މައްސަލަތައް ހިމެނޭހެން މުހިންމު ބޮޑެތި ކަންކަމުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަހުރި ކަމަށް އެމެރިކާގެ މެދުވެރިން ފާހަގަކުރި އެވެ.
އެމެރިކާގެ މަންދޫބުން ކަމަށްވާ ޖެރަޑް ކުޝްނަރއާއި ސްޓީވް ވިޓްކޮފް، ރައީސް ޕުޓިންއާއެކު މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ބުރާސްފަތި ދުވަހު މޮސްކޯއަށް ވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގައި، ސުލްހައިގެ މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިން ހިމެނުމުގެ މައްސަލަ އެ ދެ ބޭފުޅުން ނަންގަވާނެ ކަމަށް ބެލެވެ އެވެ. މަޝްވަރާގެ މޭޒުގައި ވިލާތުގެ ބައިވެރިން ތިބެންޖެހޭނެ ކަމަށް ކުޝްނަރ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އަބޫ ދާބީގައި ބޭއްވި ބައްދަލުވުމުގައި ވިލާތުގެ ޤައުމުތަކުގެ ވެރިން ބައިވެރިވުމަށް މޮސްކޯއިން ވަނީ އިންކާރުކޮށްފަ އެވެ.
މޮސްކޯ ދަތުރުފުޅަށްފަހު އެމެރިކާގެ މަންދޫބުން ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އަޔަލެންޑަށެވެ. އެ ޤައުމުގައި ބާއްވާ ވިލާތުގެ ލީޑަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަޑައިގަންނަވާ ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީއާ އެ ބޭފުޅުން އަޔަލެންޑުގައި ބައްދަލުކުރައްވާނެ އެވެ.
މަސްދަރު: ރޮއިޓަރސް











