ސުނާމީ އަރާނެކަމުގެ އިންޒާރުދީ އެންޑީއެމްއޭ ނަމުގައި ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި
19 ނޮވެމްބަރު 2026 | ބުރާސްފަތި 17:20ސުމަތުރާއަށް އައި ބިންހެލުމަކާ ގުޅިގެން ރާއްޖެއަށް ސުނާމީ އަރާނެ ކަމަށް ބުނެ އެންޑީއެމްއޭގެ ނަމުގައި ދައުރުވަމުންދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި. ކާރިސާތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ މަންސަތަކަށް ބަރޯސާވުމަށާއި، މިފަދަ ހައްސާސް ކަންކަމުގައި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައި


ސުނާމީ އަރާނެ ކަމުގެ އިންޒާރު ދީ އެންޑީއެމްއޭ ނަމުގައި ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި | އެންޑީއެމްއޭ
ސުނާމީ އަރާނެ ކަމަށް ބުނެ އެއްވެސް އިންޒާރެއް ނުދެން ކަމަށާއި ސުނާމީ އަރާނެކަމުގެ އިންޒާރުދީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ނަމުގައި ދައުރުވަމުން ދަނީ ފޭކް ލިޔުމެއް ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުގެރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ. އެގޮތުން އިންޑޮނޭޝިއާގެ ސުމަތުރާއަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އުފެދިގެން މިސްރާބު ޖަހާފައިވާ ކަމަށާއި، ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ރައްކާތެރި ތަންތަނަށް މީހުން ބަދަލުވުމަށް ބުނެ އެންޑީއެމްއޭގެ ނަމުގައި ވަނީ ލިޔުމެއް ދައުރުވެފަ އެވެ.
ނަމަވެސް އެންޑީއެމްއޭގެ ނަމުގައި ދައުރުވަމުން އަންނަ ލިޔުމަކީ ހަޤީގީ މެސެޖެއް ނޫން ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި އެންޑީއެމްއޭއިން އާއްމުންނާ ހިއްސާކުރާ މައުލޫމާތާއި އިރުޝާދު ދެމުންގެންދާނީ އެ އޮތޯރިޓީގެ ރަސްމީ މަންސަތަކުން ކަމަށާއި މިކަން ހުރިހާ ފަރާތްތަކުން ވެސް ކަށަވަރުކުރުމަށް އެދޭ ކަމަށް އެންޑީއެމްއޭން ބުނެފައިވެ އެވެ.
ހަމައެއާއެކު، ކާރިސާތައް ފަދަ ހައްސާސް މައުލޫމާތު ހިމެނޭ ކަންކަމުގައި ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުކުރުމަށް އެންޑީއެމްއޭން ވަނީ އިލްތިމާސްކޮށްފަ އެވެ.











