ވިއްސާރައިގައި ޅ. ހިންނަވަރާ ކ. ގުރައިދޫގައި ފެންބޮޑުވެއްޖެ، ޕަންޕުތައް ހުރީ ހަލާކުވެފައި!
15 ނޮވެމްބަރު 2026 | އާދީއްތަ 09:37ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ކ. ގުރައިދޫ އާއި ޅ. ހިންނަވަރުގައި ފެންބޮޑުވެ، ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ. ފެންހިއްކުމަށް ބޭނުންކުރާ ޕަންޕުތައް ހަލާކުވެފައި ހުރުމުން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާއިރު، ބައެއް ރަށްތަކަށް ރިކޯޑު މިންވަރަކަށް ވާރޭވެހިފައިވާތީ މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައި


ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަމުން ދާތީ ގެތަކުގައި ވެލިބަސްތާ ޖަހަނީ | އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޅ. ހިންނަވަރު އަދި ކ. ގުރައިދޫ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މިކަންކަމުގެ ތަފްސީލް ހިއްސާކޮށް އެންޑީއެމްއޭ އިން ބުނީ ކ. ގުރައިދޫއަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވެ، ގެތަކަށް ފެންވަންނަ ހިސާބަށް ފެންގަނޑު އުފުލިފައި ވާ ކަމަށެވެ. އަދި ކައުންސިލްގެ 2 ޕަންޕުވެސް ހަލާކުވެފައި ހުރުމުން ފެންހިއްކުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި މުޅި ރަށުގައި ފެންބޮޑުވެ ގެތަކަށް ފެންވަންނަމުން ދާ ކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ. އެ އޮތޯރިޓީ އިން ބުނީ ފެންވަންނަ ގެތަކުގައި ވެލިބަސްތާ ޖެހުމާއި، ކައުންސިލްގެ އިސްނެގުމުގެ ދަށުން، ޕަންޕެއްގެ އެހީގައި ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާރްޑީސީގައި ހުރި ޕަންޕުތައް ވެސް ހަލާކުވެފައި ހުރުމާއެކު، އެމްއެންޑީއެފް ގެ އެހީތެރިކަމަށް މިހާރު އެދިފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެފައިވާތީ، މިދުވަސްވަރު ހުރިހާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުން ހުރި އިދާރާތަކުން އިލްތިމާސްކޮށްފައިވާއިރު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން އާދިއްތަ ދުވަހުގެ ހެނދުނު 8:00ށް ކ.ދިއްފުއްޓަށް ރިކޯޑު މިންވަރަކަށް ވަރޭ ވެހިފައިވާ ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ދިއްފުއްޓަށް 44 މިލިމީޓަރުގެ ވާރޭ، އއ.ތޮއްޑޫ އަށް 33.2 މިލިމީޓަރުގެ ވާރޭ އަދި ދަރަވަންދޫ އެއަރޕޯޓަށް 30.6 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.











