މިއަދު ވެސް މޫސުން ގޯސް، ކަނޑުދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފި!
14 ސެޕްޓެމްބަރު 2026 | ހޯމަ 04:05ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ދަތުރުވެރިން ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި. ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އެންޑީއެމްއޭ އިން އިރުޝާދު ދީފައިވާއިރު، ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުން


މޫސުން: ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރޭ | ރާއްޖެއެމްވީ
ހޯމަ ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާ އިން ބުނީ ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ މެދުރާއްޖެތެރެ އާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖެތެރޭ އަށް ބަލާއިރު ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައި ކަމަށާއި ދެކުނަށް ބަލާއިރު ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށެވެ.
އެހެން ކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އެ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ ގޮވާލާފަ އެވެ.
މި ވިއްސާރައިގައި ފެންބޮޑުވެފައިވާ ރަށްރަށުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން އަދި ރަށު ކައުންސިލްތައް ގުޅިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، އާންމުންގެ ގޯތިގެދޮރާއި ފިހާރަތަކާއި އޮފީސްތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.











