ސަރުކާރުން ބޭރު މީހުން ވަޒަންވެރިކުރުވަން އުޅޭ މައްސަލައިގައި ސިފައިންނާއި ފުލުހުންގެ ކަންބޮޑުވުން އެބައޮތް: ޝެއިޚް އިމްރާން
10 ނޮވެމްބަރު 2026 | އަންގާރަ 13:52ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް ހުވާކޮށްގެން ތިބި ސިފައިންނާއި ފުލުހުންގެ ބޮޑު ނުރުހުމެއް ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި. އެ މުއައްސަސާތަކުގެ މުވައްޒަފުން ފާޅުގައި ބަސްނުބުނި ނަމަވެސް، ގައުމާއި ދީނުގެ ދިފާއުގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް ނުސީދާ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި


އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރާއްޖޭގައި ޣައިރު ދީންތަކުގެ މީހުން ވަޒަންވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ މެދު ސިފައިންނާއި ފުލުހުންގެ މެދުގައި ބޮޑު ނުރުހުމެއް އެބައޮތް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވަނީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދޭ ކަމަށް ބުނާ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިއީ ގައުމީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި އަމަންއަމާންކަން ދެމެހެއްޓުމަށް ހުވާކޮށްގެން ތިބި އެންމެ މުހިންމު ދެ މުއައްސަސާއަކީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ފުލުހުންގެ ޚިދުމަތް ކަމަށެވެ. އަދި ސަރުކާރުން ކުރަން އުޅޭ ކަންކަމާ އެ ދެ މުއައްސަސާގެ ގިނަ މެންބަރުން ދެކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
މުއައްސަސާތަކުގެ އޮނިގަނޑާއި ގަވާއިދުތައް ހުންނަ ގޮތުން އެ ބޭފުޅުންނަށް ފާޅުގައި ނުކުމެ ވާހަކަދެއްކުމުގެ ފުރުސަތު ނެތް ނަމަވެސް، އެއީ ކޮން ބައެއްކަން ނޭނގޭ ގޮތަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ސިފައިންނާއި ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.
އެ ބޭފުޅުން ވަކި ފަރާތްތަކެއްކަން ނުވަތަ ވަކި ބައެއްކަން ނޭނގޭ ގޮތަށް ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ރައްޔިތުން ހޭލުންތެރިކުރުމަށާއި، ރައްޔިތުންގެ ޝައުޤުވެރިކަން މިކަމަށް އިތުރުކުރުމަށާއި، ރައްޔިތުންނަށް ހިތްވަރު ދެއްވުމަށްޓަކައި ވަރަށް ގިނަ މަސައްކަތް އެ ބޭފުޅުން އެބަ ކުރައްވާއިމްރާން އަބްދުﷲ
މީގެ އިތުރުން އިމްރާން ވިދާޅުވީ، ގައުމީ ސިފައިންނާއި ފުލުހުން އެ ކުރައްވާ މަސައްކަތްތައް ހިތުގެ އަޑިން ބަލައިގަންނަ ކަމަށާއި، އެ ބޭފުޅުން އަދާކުރައްވަމުން ގެންދަވަނީ އެ ބޭފުޅުން ވެފައިވާ ހުވަޔާ އެއްގޮތަށް ގައުމާއި ދީނުގެ ދިފާއުގައި އަދާކުރަންޖެހޭ ގައުމީ ވާޖިބު ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބޭރުގެ ބަޔަކު އަރައިގަތުމަށް ދިވެހި ރައްޔިތުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.











