ރަސްމާލެ ވިއްކުމާ ދެކޮޅަށް ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސީޓީ ކައުންސިލުގެ އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް: ޝެއިޚް އިމްރާން
25 އޮކްޓޯބަރު 2026 | އާދީއްތަ 14:20ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މޭޔަރު އާދަމް އާޒިމް ދެއްވައިފި. މި މަސައްކަތަކީ ރާއްޖޭގެ ބިން ވިއްކާލުމާ ދެކޮޅަށް ރައްޔިތުންގެ އަޑު އިއްވުމަށް ކުރާ ކަމެއް ކަމަށާއި، ސަރުކާރުން މި މަޝްރޫއު ހުއްޓާލަންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވި


ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ނޫސްވެރިންނާ ބައްދަލުކުރައްވަނީ | ރާއްޖެ އެމްވީ
ރަސްމާލެ ވިއްކާލުމާއި ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ފަށާފައިވާ ގައުމީ ހަރަކާތަށް މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ކައުންސިލުން ދީފައިވާ ކަމަށާއި އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ހުރި ކަންބޮޑުވުންތަކާމެދު މަޝްވަރާކުރުމަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުގެ ފަރާތުން މާލެ ސިޓީގެ މޭޔަރާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މޭޔަރު އާދަމް އާޒިމްގެ އިތުރުން ކައުންސިލްގެ އެއްބާރުލުން، ގާނޫނާ ގަވާއިދުތަކާ އެއްގޮތަށް ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެން ދިއުމަކީ އެ ހަރަކާތް އިތުރަށް ފުޅާވެގެންދާކަމުގެ ހެއްކެއް ކަމަށެވެ.
އަޅުގަނޑުމެންގެ އެދުމަކަށްވީ ދިވެހިރައްޔިތުންނަށް ކުރިމަތިވެފައިވާ މި މައްސަލައިގައި އަޅުގަނޑުމެން މިކުރާ އިހުތިޖާޖުގައި މޭޔަރާ އަދި ކައުންސިލްގެ ރައްޔިތުންގެ ފަރާތުން، ކައުންސިލްގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދިނުމަށް އެބޭފުޅުންގެ އަރިހުގައި އެދުނިން. އަދި މޭޔަރާއި ކައުންސިލުން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވި އެބޭފުޅުންނަށް ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހުމާއެކު މިކަން ފާހަގަކުރަން. އަދި އެބޭފުޅުންނަށް ޝުކުރު އަދާކުރަންއިމްރާން އަބްދުﷲ
މި ސަރަހައްދުގައި އުޅޭ އެންމެ ގިނަ ރައްޔިތުންގެ ވޯޓާއި ތާއީދު ލިބިގެން ހޮވިފައިވާ މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބުމަކީ މި މަސައްކަތް ފުޅާވެ ކުރިއަރަމުންދާކަމުގެ ހެއްކެއް ކަން ތަކުރާރުކޮށް ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ރާއްޖޭގެ 500 ހެކްޓަރުގެ ބިން ވިއްކާލުމަށް ދިވެހީންނެއް ނުރުހޭނެ ކަމަށާއި މި މަސައްކަތުގައި ކައުންސިލުން ވެސް ބައިވެރިވުމަށް ނިންމެވި ފަދައިން ރައްޔިތުންގެ ވެސް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ސަރުކާރުން ރަސްމާލެ މަޝްރޫއު ހުއްޓާލަން ދެން މި ހަރަކާތް ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފަ އެވެ. އަދި ރައްޔިތުންގެ އަޑު އެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގޮވާލައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ތެދުވަން ޖެހުނީ މި އުސޫލުތަކާއި ދެކޮޅަށްް ރައީސް މުއިއްޒު ކަންތައް ކުރެއްވުމުން ކަމަށާއި މިކަން ދިވެހި ރައްޔިތުންނާ އެކު ތެދުވެ މާތްﷲ އިރާދަކުރެއްވިއްޔާ ހުއްޓުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މިކަމާއި ދެކޮޅުކަން ވެސް އިމްރާން ވަނީ ފާހަގަކުރައްވާފަ އެވެ.











