ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އޮމަދޫގައި ކާމިޔާބު ކަލިނަރީ ޕްރޮގްރާމެއް ބާއްވައިފި
4 ނޮވެމްބަރު 2026 | ބުދަ 10:55ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާ ގުޅުވައިގެން، އދ. އޮމަދޫގެ އަންހެނުން ބާރުވެރިކުރުވުމަށް ކެއްކުމުގެ ތަމްރީނު ޕްރޮގުރާމަކާއި މުބާރާތެއް ބާއްވައިފި. މޯލްޑިވްސް ޝެފްސް ޔޫނިއަނާއި ރަށުގެ ޖަމިއްޔާތައް ގުޅިގެން ހިންގި މި ހަރަކާތުގައި ކެއްކުމުގެ ހުނަރުތަކުގެ އިތުރުން، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ވިޔަފާރީގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ދީފައިވޭ


ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އޮމަދޫގައި ކާމިޔާބު ކަލިނަރީ ޕްރޮގުރާމެއް ބާއްވައިފި | ރާއްޖެ އެމްވީ
ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އޮމަދޫގައި ކާމިޔާބު ކަލިނަރީ ޕްރޮގްރާމެއް ބާއްވައިފި އެވެ.
ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާ ގުޅުވައިގެން، އދ. އޮމަދޫގެ އަންހެނުން ބާރުވެރިކުރުވުމަށް މޯލްޑިވްސް ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އޮމަދޫގައި ކައްކަން ދަސްކޮށްދޭ ޚާއްސަ ތަމްރީނު ޕްރޮގުރާމަކާއި ކެއްކުމުގެ މުބާރާތެއް ވަނީ ބާއްވާފަ އެވެ. ކޮންމެ އަހަރެއްގެ އޮކްޓޫބަރު 20 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ޝެފުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތައް މި އަހަރު ކުރިއަށް ގެންގޮސްފައި ވަނީ އޮކްޓޫބަރު މަހުގެ 30 އަދި 31 ގަ އެވެ.
މި ޕްރޮގުރާމަކީ ތަޒްކީރު އެސޯސިއޭޝަނާއި އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިސްނަގައިގެން، މޯލްޑިވްސް ޝެފްސް ޔޫނިއަންގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ހަމައެއާއެކު، އޮމަދޫ ކައުންސިލުން ވެސް މި ހަރަކާތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ބައިވެރިވެ އެހީތެރިކަން ދީފައިވެ އެވެ.

ޝެފްސް ޔޫނިއަނުން ބައިވެރިވެގެން އޮމަދޫގައި ކާމިޔާބު ކަލިނަރީ ޕްރޮގުރާމެއް ބާއްވައިފި | ރާއްޖެ އެމްވީ
މި ތަމްރީނުތަކުގައި މޯލްޑިވްސް ޝެފްސް ޔޫނިއަނުން ވަނީ ކެއްކުމާއި، ޕޭސްޓްރީ އަދި ފޮނިކާތަކެތި ތައްޔާރުކުރުމުގެ އަމަލީ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފަ އެވެ. އަދި އަމިއްލަ މަސައްކަތުން ކާބޯތަކެތީގެ ކުދި ވިޔަފާރިތައް ފަށައި، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތްތަކަށް ހިތްވަރު ދިނުމާއި، ދަސްވި ހުނަރުތައް ދައްކާލުމުގެ ފުރުސަތު ބައިވެރިންނަށް ދިނުމުގެ ގޮތުން ފޯރިގަދަ ކެއްކުމުގެ މުބާރާތެއް ވެސް މި ޕްރޮގުރާމުގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ކާބޯތަކެތި ރަށު ފެންވަރުގައި އުފެއްދުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް މި ހަރަކާތުގައި ވަނީ މަޝްވަރާކޮށްފަ އެވެ. އަދި ރަށުގައި ތައްޔާރުކުރާ ތަކެތި ފަތުރުވެރިންނަށް ވިއްކައިގެން ރަށުގެ އިގުތިސާދު ވަރުގަދަ ކުރެވިދާނެ ގޮތްތަކާ މެދު ބައިވެރިން ހޭލުންތެރިކޮށްފައިވެ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ މި ޕްރޮގުރާމާއި މުބާރާތް ނިމިގެން ދިޔައީ ރަށުގެ ގިނަ އަންހެނުންތަކެއްގެ ބޮޑު ތަރުހީބަކާއެކުގަ އެވެ. މި ހަރަކާތުގެ ސަބަބުން ބައިވެރިންނަށް އައު ހުނަރުތަކެއް ދަސްވެ، ވާދަވެރި މާހައުލެއްގައި އަމިއްލަ ފެންވަރު ދައްކާލުމުގެ ފުރުސަތު ލިބި، ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދީފައިވެ އެވެ.







