ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު
4 އޮކްޓޯބަރު 2026 | އާދީއްތަ 07:402028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ވަގުތުން ރެފަރެންޑަމަކަށް ދިއުމަކީ އެ ޕާޓީގެ ސިޔާސަތެއް ކަމަށް ފައްޔާޒު ވިދާޅުވި. މި ބަދަލުތަކުގެ ސަބަބުން މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ވަރުގަދަ މުއައްސަސާއަކަށް ވެގެންދާނެ ކަމަށާއި، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް މަޖިލީހަށް މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި

އާދިއްތަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނަވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ޝަރަފުވެރި، ވަރުގަދަ އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ ތަނަކަށް ހެދޭނީ އެފަދަ ބަދަލުތަކެއް ގެނެސްގެން ކަމަށެވެ. އަދި ގެންނަން ވިސްނަވާ ބަދަލުތަކުގެ ވަރަށް ބޮޑު ކޮމްޕޯނަންޓެއް އަމާޒުވަނީ މަޖިލީހަށް ގެންނަ އިސްލާހުތަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅުތަކާ އެކު، މި ފުރުސަތުތަކަށް ވެސް ހުޅުވާލައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް (ރެފަރެންޑަމަކަށް) ދިއުމުގެ ފުރުސަތު ދެއްވުން މުހިންމު ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ކުރުމުގެ ފުރުސަތު ދޭނެހެން ހީނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ 2028 ގެ އިންތިޚާބު ކާމިޔާބުކޮށް، ވަގުތުން ރެފަރެންޑަމަކަށް ދިއުން ކަމަށެވެ. އަދި ރެފަރެންޑަމަކަށް ދިއުމަށް މަޖިލީހުގެ ރުހުން ބޭނުން ނުވާނެ ކަމަށާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ބަދަލުތައް ފާސްވެއްޖެނަމަ އެ ބަދަލުތައް ގެންނަން މަޖިލީހަށް މަޖުބޫރުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ، މި ސިޔާސަތަކީ ޕާޓީގެ ސިޔާސަތަކަށް ވެފައިވާތީ، 2028 ގެ ރިޔާސީ ޓިކެޓު ލިބޭ ކޮންމެ ކެންޑިޑޭޓަކު ވެސް މި ބަދަލުތައް ގެނައުމަށް ކެމްޕެއިނުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އަޅުގަނޑުމެން ވިސްނުން މިހުރީ އިރާދަފުޅުކުރެއްވިއްޔާ 2028 އަޅުގަނޑުމެން ކާމިޔާބުކޮށްގެން ރެފަރެންޑަމަކަށް ހަމަ ވަގުތުން ގޮސްގެން. އެއީ އަޅުގަނޑުމެން މިހާރު ޕާޓީގެ ސިޔާސަތަކަށް ވުމަށްފަހު އަޅުގަނޑުމެންގެ ކޮންމެ ކެންޑިޑޭޓަކު ރިޔާސީ އިންތިޚާބުގައި ޓިކެޓު ލިބުނު ކަމުގައި ވިޔަސް، މައިގަނޑު ގޮތެއްގައި މި ސިޔާސަތަށް ހުރިހާ އެންމެން ވެސް މި މަސައްކަތް ކުރަންޖެހޭނެ. އެހެންކަމަށްވަންޏާ އަޅުގަނޑުމެންގެ 2028 ގެ ކެމްޕެއިނުގައި ހުރިހާ ބޭފުޅުން ވެސް ދައްކާނެ ވާހަކައެއް މި ބަދަލުތައް ގެނައުމުގެ ވާހަކައަކީ. އެހެންކަމަށްވަންޏާ ރައްޔިތުންނާ ހިސާބަށް މި ވާހަކަތައް މި އޮތީ މިހާރުއްސުރެ ގޮސްފައި. އަޅުގަނޑުމެންނަށް ކާމިޔާބުވެއްޖެއްޔާމު ރިފަރެންޑަމަކަށް ވަގުތުން ދާނެ. ރައްޔިތުންގެ ހިސާބުންފައްޔާޒު އިސްމާއީލް
ވެރިކަން ބަދަލުވާ ހިސާބުގައި ވެސް މިހާރު އޮތް މަޖިލީހުގެ ދައުރުން ގާތްގަނޑަކަށް 6 މަސްދުވަސް އޮންނާނެކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، އެ މަޖިލީހުގެ އެއްބާރުލުން ލިބޭނެތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް، ވެރިކަން ބަދަލުވުމާއެކު މިހާރުގެ ރައީސް މުއިއްޒުގެ ނުފޫޒާއި ކަސްތޮޅުތަކުން މަޖިލިސް މެންބަރުން މިނިވަންވެ، އެ ބަދަލުތައް ގެނައުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ، މި ދައްކަވަނީ ރަނގަޅު ބަދަލުތަކެއްގެ ވާހަކަ ކަމަށާއި، ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުރެދާނެ ކަމަށެވެ. އެގޮތުން އެކި މީހުންގެ މެދުގައި ކަންކަމާމެދު ދެކޭގޮތާއި ވިސްނުން ތަފާތުވި ނަމަވެސް އެއީ އެއްވެސް ފަރާތެއްގެ މައްސަލައެއް ނޫން ކަމަށް އޭނާ ސިފަކުރެއްވި އެވެ.











