ކުޅުދުއްފުށި ސިޓީގައި ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވައިފި
3 ނޮވެމްބަރު 2026 | އަންގާރަ 03:25ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން، ކުޑަކުދިންގެ އަޚްލާޤާއި ރައްކާތެރިކަމަށް ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި. މި ސެޝަންތަކުގައި ކުދިންނާ މުއާމަލާތްކުރާނެ ރަނގަޅު އުސޫލުތަކަށް އަލިއަޅުވާލާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ މަޝްވަރާކޮށްފައި


ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީ އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ބޭއްވި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ބައިވެރިންނާއެކު ނަގާފައިވާ ފޮޓޯއެއް | ކުޅުދުއްފުށި ސިޓީ ކައުންސިލް
ހދ. ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުޑަކުދިންގެ ރައްކާތެރިކަމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.
ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީން އިސްނަގައިގެން، ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ބާއްވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 29 އިން 30 ގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެކި އުމުރުފުރާތަކުގެ ކުޑަކުދިންގެ އަޚްލާޤާއި މިޒާޖަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބެލެނިވެރިންނާއި ރައްޔިތުން އަހުލުވެރިކުރުވުމެވެ. މީގެއިތުރުން، ތަފާތު ހާލަތްތަކުގައި ކުދިންނާ އެކަށީގެންވާ ގޮތެއްގައި މުއާމަލާތްކުރާނެ ރަނގަޅު އުސޫލުތަކާއި، ދަތި އުނދަގޫ ދަނޑިވަޅުތައް މެނޭޖްކުރާނެ ގޮތްތަކުގެ މައުލޫމާތު މި ސެޝަންތަކުގައި ވަނީ ހިއްސާކޮށްފަ އެވެ. އަދި ކުދިންނަށް ރައްކާތެރިކަމާއި އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް މުޖުތަމައުގައި ބިނާކުރާނެ ގޮތްތަކަށް ވެސް މި ޕްރޮގްރާމްގައި އަލިއަޅުވާލާފައިވެ އެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ދަތުރުގެ ތެރެއިން ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީގެ އިސް ބޭފުޅުން ވަނީ ކައުންސިލާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި، ކުރިއަށް އޮތް ތަނުގައި ވެސް ކުޑަކުދިންގެ ހައްޤުތަކާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތްކުރެވޭނެ އިތުރު ފުރުސަތުތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.











