ހުޅުމާލޭގައި އަޅާ ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލް ހިމެނޭ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް!
23 އޮކްޓޯބަރު 2026 | ހުކުރު 17:11ހުޅުމާލޭގައި ތަރައްގީކުރާ ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ކޮމްޕްލެކްސްގެ މަސައްކަތް މިއަހަރުގެ ޑިސެންބަރަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތެރަޕީ ޕޫލާއި ތަމްރީނުދޭ ވަސީލަތްތަކާއެކު ބިނާކުރާ ތަނެއް. އަލީފުޅު ތޫތޫ ފައުންޑޭޝަންގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން އާންމުންނަށާއި ކުޅިވަރު ކުޅުންތެރިންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުވެ، ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެންދާނެ


ހުޅުމާލޭގައި ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒް ސްވިމިންގ ޕޫލް ހިމެނޭ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރަށް ކުރިއަށް! | ރާއްޖެ އެމްވީ
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ތަރައްގީކުރަމުންދާ ރާއްޖޭގެ ފުރަތަމަ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް ހިމެނޭ އެކުއެޓިކް ކޮމްޕްލެކްސްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް އެބަދެ އެވެ.
ހަތަރު ފަންގިފިލާއަށް އިމާރާތްކުރާ މި ފަތާ ކޮމްޕްލެކްސްގައި ދިގުމިނުގައި 50 މީޓަރުގެ އަދި ފުޅާމިނުގެ 25 މީޓަރުގެ ސްވިމިންގ ޕޫލްއާއި ވޯލްޑް އެކުއަޓިކްސް ސަރޓިފައިޑް ޑައިވިންގ ޕޫލްއެއްގެ އިތުރުން ތަމްރީނު ދޭނެ ވަސީލަތްތައް ހިމެނެ އެވެ. އަދި މި ތަނަކީ އެއްފަހަރާ 1،500 މީހުންނަށް މުބާރާތްތައް ބަލަން ތިބެވޭނެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވީ، މި ކޮމްޕްލެކްސްއަކީ ބައިނަލްއަގުވާމީ މުބާރަތްތައް ބޭއްވޭ ފެންވަރަށް ތަރައްގީ ކުރަމުންދާ ތަނެއް ކަމަށެވެ.
އެންމެ ބޮޑު ކަމަކީ ހަމަ އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލްއަކާއި، އަދި ހަމަ އިންޓަނޭޝަނަލް ސްވިމިންގ ފެޑަރޭޝަން ގަބޫލުކުރާ ޑައިވިންގ ޕޫލްއެއް އޮންނާނެ. ހަމައެއާއެކުގައި ޑައިވް ޕޫލްގައި ޑައިވްގެ ޕްރެކްޓިސްތައް ގެންދިޔުމަށްޓަކައި ޑައިވް ޓްރެއިނިންގ ސެންޓަރެއް އޮންނާނެ. މިތަނަށް ބޭނުންވާނެ ބޭރުގެ މުބާރަތްތަކާއި މިހުރިހާ ކަމަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އަޅުގަނޑުމެން މިބަލަނީ އިރާދަކުރެއްވިއްޔާ ބައިނަލްއަގުވާމީ ސްވިމިންގ ދާއިރާއިން ގަބޫލުކުރާ އިންޓަނޭޝަނަލް ސްވިމިންގ ފެޑަރޭޝަން ގަބޫލުކުރާ މިންގަނޑަށް މިތަނުގައި ގާއިމުކޮށްދެވޭތޯއިސްމާއީލް އަލީ
މިހާރު ހުޅުމާލޭގައި ހުންނަ ސްވިމިންގ ޕޫލްއަށް އާންމު ރައްޔިތުން ބޭނުން ވަގުތަކު ނުދެވޭކަން ފާހަގަކުރައްވައި އިސްމާއީލް ވިދާޅުވީ، މި ކޮމްޕްލެކްސް ހުޅުވުމުން އެ ހުރިހާ ކަމެއް ހައްލުވެގެން ދާނެ ކަމަށެވެ. އަދި އެހެން ކުޅިވަރުތަކުގެ ކުޅުންތެރިންނަށް ބޭނުންވާ ސައުނާ އަދި އައިސް ބާތު ފެސިލިޓީ ވެސް މި ކޮމްޕްލެކްސްގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެން ޕޫލް އަށް އާންމުކޮށް މިއަންނަ ބަލިކޮށް އުޅޭ މީސްމީހުންނަށް އިތުރު އެއްކަލަ ހާއްސަ އެހީތެރިކަން ބޭނުންވާ މީސްމީހުންނަށް ތެރަޕީއަށް ބޭނުންވާ މީސް މީހުންނަށް ވަކިން ހަމަ ތެރަޕީ ޕޫލް ހެދުން ވެސް އެއީ ހަމަ އަޅުގަނޑުމެންގެ މިކަމުގެ ތެރޭގައި. ދެން ވަރަށް ބޮޑަަށް އަޅުގަނޑު މި ބަލަނީ މިތަނުގައި މި ބިމަކީ 50 އަހަރަށް ތަރައްގީ ކުރަން ލިބިފައިވާ ބިމަކަށް ވާތީ މި ބިމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކޮށްގެން މިތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ މެއިންޓެނެންސް ކުރެވޭނެ ކަހަލަ ގޮތަކަށް މިތަނުން އޭގެ ފައިދާ ލިބޭނެ ގޮތަކަށް ހޯދޭނެ ގޮތަކަށް ކަންކަން ކުރުންއިސްމާއީލް އަލީ
އިސްމާއީލް އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ތަރައްގީކުރާ މި ކޮމްޕްލެކްސްގެ މަސައްކަތް ނިންމާލާ މިއަހަރުގެ ޑިސެންބަރު މަހު ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަޝްރޫއުގެ މައިގަނޑު އެހީތެރިއަކީ އަލީފުޅު ތޫތޫ ފައުންޑޭޝަނެވެ. މި އޮލިމްޕިކް ސައިޒުގެ ފަތާ ފެންގަނޑުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، އެ ފައުންޑޭޝަންގެ ފަރާތުން ހުސައިން އަފީފް ބައިވެރިވެވަޑައިގެންފައިވާއިރު، މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އަލީފުޅު ތޫތޫ ފައުންޑޭޝަން (އޭއެފްޓީއެފް) އަކީ ޗަމްޕާ އާއިލާގެ މެންބަރުންގެ މެދުގައި "އަލީފުޅު ތޫތޫ" ގެ ނަމުން މަޝްހޫރުވެފައިވާ މަރުހޫމް މޫސާ އަލީގެ ހަނދާނުގައި، 2000 ވަނަ އަހަރު އުފެއްދި ދިވެހި ޚައިރާތީ ޖަމިއްޔާއެކެވެ. އާއިލީ މަސައްކަތެއްގެ ގޮތުގައި ނޮވެމްބަރު 2000 ގައި ފެށި މި ފައުންޑޭޝަންގެ މައިގަނޑު މަގްސަދަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ކޮންމެ ދިވެއްސަކަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ.




