މާމެންދޫ ނަރުދަމާ ޕަމްޕު ހަލާކުވެ، ނަޖިސް ބޭރުކުރަނީ ގޮނޑުދޮށަށާއި މޫދަށް!
18 އޮކްޓޯބަރު 2026 | އާދީއްތަ 08:30ލ. މާމެންދޫ ނަރުދަމާ ނިޒާމުގެ ޕަމްޕު ހަލާކުވެ، ނަޖިސްތައް ރަށުގެ ގޮނޑުދޮށަށާއި މޫދަށް ބޭރުވަމުންދާތީ ރަށުތެރޭގައި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ. މި މައްސަލަ ހައްލުކުރުމަށް ރައީސް އޮފީހާއި ކަމާގުޅޭ އިދާރާތަކުގައި ކައުންސިލުން އެދިފައިވާއިރު، މުޅި ރަށުގައި ނުބައިވަސް ހިފާފައިވުމުގެ ސަބަބުން އާންމު ރައްޔިތުންގެ ސިއްހަތަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި

މާމެންދޫ ނަރުދަމާ ޕަމްޕު ހަލާކުވެ، ނަޖިސް ބޭރުކުރަނީ ގޮނޑުދޮށަށާއި މޫދަށް | ރާއްޖެ ޓީވީ
ލ. މާމެންދޫގައި ނަރުދަމާ ނިޒާމުގެ މައި ޖަންކްޝަންގައި ހުރި ޕަމްޕު ހަލާކުވެ، ނަޖިސް ބޭރުކުރަމުން ދަނީ ގޮނޑުދޮށަށާއި މޫދަށް ކަމަށް މާމެންދޫ ކައުންސިލުން ހާމަކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން މުޅި ރަށުގައި ނުބައި ވަސް ފެތުރިފައިވާއިރު، ރަށުގައި ބަލިމަޑުކަމެއް ފެތުރިގެން ދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
މާމެންދޫ ކައުންސިލް ރައީސް ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މި މަހުގެ ހަތްވަނަ ދުވަހު މި ކަންބޮޑުވުން ރައީސް އޮފީހާއި ކަމާ ގުޅުންހުރި އިދާރާތަކަށް ވަނީ ފޮނުވާފައި ކަމަށެވެ. އެގޮތުން ރައީސް އޮފީހާއި އެންވަޔަރމަންޓް މިނިސްޓްރީއަށްވެސް ކަންބޮޑުވުންތައް ހިއްސާކޮށްފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކައުންސިލް ރައީސް ވިދާޅުވީ، ފުރަތަމަ ނަޖިސް ހުސްކުރަމުން ދިޔައީ އަތިރިމައްޗަށް ކަމަށާއި ނަމަވެސް މިހާރު މޫދުން ދިހަ ވަރަކަށް ފޫޓު އަޑިއަށް ހޮޅިއެއް ބޭރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީވެސް ހައްލެއް ނޫން ކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.
މައި ޖަންކްޝަންގައި ހުރި ޕަމްޕު ހަލާކުވެފައިވާ ކަމަށާއި، މިހާރު ގިނަ ދުވަސްތަކެއްވެސް ވެފައިވާ ކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
މުޅި ރަށުތެރޭގައި ނުބައި ވަސް ފެތުރިފައިވާއިރު، މި މައްސަލައަކީ ރައްކާތެރިކަމާއި ސިއްހަތަށް ބޮޑު ނުރައްކަލެއް ކަމަށް ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރެ އެވެ. ނަރުދަމާގެ ނަޖިސް ބޭރުކުރަނީ ރަށުގެ ގޮނޑުދޮށަށާއި މޫދަށް ކަމުން، ރަށުގައި ބަލިމަޑުކަމެއް ފެތުރިގެން ގޮސްދާނެކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ނަރުދަމާ ނިޒާމަކީ ރަށްރަށުގެ ސިއްހީ ރައްކާތެރިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ނިޒާމެކެވެ. މި ނިޒާމު ހަލާކުވުމުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެ އެވެ.











