ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ތޮލާލު އާއި ހަބީބު އައްޔަނުކުރައްވައިފި
14 ސެޕްޓެމްބަރު 2026 | ހޯމަ 16:36ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް މުހައްމަދު ތޮލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އަހުމަދު ހަބީބު، މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓަރު ފެންވަރުގައި އައްޔަނުކުރެއްވި ދެ ބޭފުޅުން | ސަން
ރައީސް އޮފީހަށް މިނިސްޓަރު ފެންވަރުގައި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އާއި ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަބީބު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅަކު މިނިސްޓަރު ފެންވަރުގައި ހޯމަ ދުވަހު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ގ. ފިނިވިލު، މުހައްމަދު ތޮލާލް އައްޔަނުކުރައްވާފައި ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަގާމަށެވެ.
އަދި ގދ. ތިނަދޫ ޝިފާ، އަހުމަދު ހަބީބު އައްޔަނުކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ޕޮލިސީ ސެކްރެޓަރީގެ މަގާމަށް ހަބީބު އައްޔަނުކުރައްވާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހީމް އެ މަގާމުން ސެޕްޓެމްބަރު މަހު 14 ވަަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޓާޝަރީ ހެލްތު ސަރވިސަސްގެ މަގާމަށް އައްޔަނުކުރެއްވި ތޮލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ. މީގެ އިތުރުން، ތޮލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރ ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފަ އެވެ.
ހަބީބު މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ އަދާކުރައްވާފަ އެވެ.











