އިހުތިރާމް އަދާކުރަން ދަސްކޮށްދޭ ޤައުމީ މަޝްރޫއެއް ސަރުކާރުން ހިންގަނީ: މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަފުޅު ޕާޓީން ފަށަން ފެނޭ!
8 ސެޕްޓެމްބަރު 2026 | އަންގާރަ 09:04މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވައި ކުރިއެރުވުމަށްޓަކައި ސަރުކާރުން އައު ޤައުމީ މަޝްރޫޢެއް އިފުތިތާހުކޮށްފި. ނަމަވެސް، ސިޔާސީ ވާދަވެރިންގެ އަބުރަށް އަރައިގަތުމާއި ޒާތީ ގޮތުން ދަށު ދަރަޖައިގެ ހަމަލާތައް ދިނުން ހުއްޓުވުމަށްޓަކައި، މި މަޝްރޫޢު ފުރަތަމަ ސަރުކާރު ހިންގާ ޕާޓީގެ ތެރެއިން ފެށުން މުހިންމު. މި ސަގާފަތް ބަދަލުކުރުމަށް ސަރުކާރުން ފުރަތަމަ އިޚުލާޞްތެރިވާންޖެހޭ.


ޕީއެންސީން ބޭއްވި ޚާއްސަ ތަރާވީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ | ޕީއެންސީ
ނަތީޖާއެއް ނުނިކުތް ނަމަވެސް، މަޝްރޫއުތައް އިއުލާނު ކުރުމުގައި މި ސަރުކާރު ވަރެއް ނެތެވެ. ޅެމުން ފަރުވާދޭ މަޝްރޫއާއި، ކޮންމެ ދިވެއްސަކު ރިޒޯޓު ޝެއާހޯލްޑަރުންނަށް ހެދުމުގެ މަޝްރޫއާއި، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އެކި ނަންނަމުގައި މޮޅެތި އެތައް މަޝްރޫއުއެއް ފައްޓަވަމުންގޮސް، މިހާރު އަނެއްކާ ވެސް އައު މަޝްރޫއެއްގެ ވާހަކަ އެވެ.
ދިވެހި މުޖުތަމައުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވައި، އެކަން ކުރިއެރުވުމަށް އަމާޒުކޮށްގެން އާ ޤައުމީ މަޝްރޫއެއް މިފަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިވަނީ އިއުލާނު ކުރައްވާފަ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިކަމާ ގުޅޭ ހުށަހެޅުން ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، މިހާރު އެ މަޖިލީހުން އެކަން ފާސްކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ނުހަނު ސީރިއަސްކަމާއެކުގަ އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާނެ ރޭވުމާއި، ބަޖެޓާއި، ތާވަލުވެސް މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
އެހެންނަމަވެސް، މުޅި ޤައުމަށް އިޙްތިރާމް ކުރަން ދަސްކޮށްދޭން ސަރުކާރުން ފެށުމުގެ ކުރިން، މިކަމުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން އަމިއްލަ ގޭތެރެއިން ނުވަތަ އަމިއްލަ ސިޔާސީ ޕާޓީގެ ތެރެއިން ފެށުން މާ ބުއްދިވެރި ކަމަށް ފެނެ އެވެ.
ފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ބާއްވަމުންދާ ސިޔާސީ އެއްވުންތަކަށް ބަލާލުމުން އެކަން އޮތީ ފެންނާށެވެ. އެ އެއްވުންތަކުގައި ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށް ޒާތީ ގޮތުން ހަމަލާދިނުމާއި، މަލާމާތްކުރުމާއި، އެކި ކަހަލަ ތުހުމަތުތައް އެޅުވުމާއި، ލަދުގަންނަވައިލުމަށް ދައްކާ ވާހަކަތަކާއި، އަބުރު ކަތިލުމާއި، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އާއިލާއާއެކު އަޑުއަހާލަން ތިބެން ނުކެރޭ ހިސާބަށްވެސް ބައެއް ފަހަރު ދަނީ އެވެ.
މިފަދަ ޙާލަތެއްގައި އޮވެ، ސަރުކާރުން މިހާރު ބޭނުންވަނީ މުޅި ޤައުމަށް އެކަކު އަނެކަކަށް އިޙްތިރާމް ކުރަން ދަސްކޮށްދޭން ހެއްޔެވެ؟
އެކަކު އަނެކަކަށް ގަދަރުވެރިކަމާއެކު މުއާމަލާތް ކުރުމަށް ހިތްވަރުދޭ ޤައުމީ މަޝްރޫއެއް ހިންގުމަކީ ގޯސް ކަމެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މަޝްވަރާތައް މިއަށްވުރެ ދުޅަހެޔޮ ގޮތެއްގައި ކުރިއަށް ދިއުމަކީ ޤައުމަށް އޭގެ ފައިދާ ކުރާނެ ކަމެކެވެ. ނަމަވެސް، މި ސަގާފަތް ބަދަލުކުރުމަށް ސަރުކާރުން ހަގީގަތުގައިވެސް ސީރިއަސް ނަމަ، ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީން މިހާ ދަށު ދަރަޖައިގެ އަމަލުތައް ހިންގަމުންގެންދާއިރު، އެކަން އެންމެ ކުޑަމިނުން ރައީސް ކުށްވެރިކޮށްލައްވަން ވާނެ އެވެ.
އެހެންކަމުން މި މަޝްރޫއު ފުރަތަމަ ރައީސްގެ އަމިއްލަ ޕާޓީން ފައްޓަވާށެވެ.
މި މަޝްރޫއުގެ ފުރަތަމަ ސެޝަންތައް ޕާޓީގެ އިސްވެރިންނަށާއި، އެކްޓިވިސްޓުންނަށާއި، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށާއި، ޕާޓީގެ ޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ބޭފުޅުންނަށް ބާއްވާށެވެ. އިހުތިރާމާއެކު ވާހަކަދައްކާނެ މިންގަނޑުތަކެއް ކަނޑައަޅާށެވެ. ކޮންމެ މީހަކަށް އަމާޒުވި ނަމަވެސް، ޒާތީ ގޮތުން މީހުން ލަދުގަންނަވައިލުން ކުށްވެރިކުރާށެވެ. ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުގެ ތެދުދޮގު ކަށަވަރުކުރުމަށް ބާރުއަޅާށެވެ. ޚިޔާލު ތަފާތުވުމަކީ އަނެކާގެ އަބުރަށް އަރައިގަންނަންޖެހޭ ކަމެއް ނޫންކަން ސާފުކޮށްދޭށެވެ.
އޭގެ ފަހުން މި މަޝްރޫއު މުޅި ރާއްޖެއަށް ފުޅާކުރާށެވެ.









