ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ދައުލަތުގެ މުއައްސަސާތަކުން ގޮތެއް ނިންމަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރިއަށްގެންދާނަން: ސައީދު
18 އޮކްޓޯބަރު 2026 | އާދީއްތަ 06:07އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ތަކުރާރުކޮށް ދޫކޮށްލާތީ، ދައުލަތުގެ ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ މުޙައްމަދު ސައީދު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު މަޖީދީމަގުގައި ދަނީ ކުރިއަށް. މި މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ޒިންމާދާރު ފިޔަވަޅެއް އަޅައި، އެ މީހާއާ މެދު އަމަލުކުރާނެ ގޮތެއް ސާފުކޮށްދެންދެން އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައި


މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލާގައި އިންސާފު ހޯދުމަށް ގޮވާލާ ސައީދު ކުރަމުންދާ ބަނޑުހައިހޫނުކަމުގެ އިހުތިޖާޖުގެ ތެރެއިން މިނިސްޓަރ އިހުސާން ބައްދަލު ކުރައްވަނީ | ސޯޝަލް މީޑިއާ
ޒިންމާ އަދާކުރުމުގައި ނާކާމިޔާބުވެފައިވާ ދައުލަތުގެ މުއައްސަސާތަކުން، ކަމާގުޅޭ ފަރާތާމެދު އަމަލުކުރާނެ ގޮތެއް ސާފުކޮށްދެންދެން މިހާރު ކުރިއަށްގެންދާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމަށް މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އާއިލާތަކަށް ބިރުދައްކައި ފުރައްސާރަކުރާ މީހަކު ހައްޔަރުކުރުމަށްފަހު ތަކުރާރުކޮށް ދޫކޮށްލާތީ، މުޅި ނިޒާމު ފެއިލްވެފައިވާ ކަމަށް ބުނެ ސައީދު ހޮނިހިރު ދުވަހު ފެށި ބަނޑުހައިހޫނުކަމުގެ ހަޅުތާލު 14 ގަޑިއިރަށްފަހު، އާއިލާއާއެކު ހޮނިހިރު ދުވަހުގެ ރޭ ވަނީ މަޖީދީމަގަށް ބަދަލުކޮށްފަ އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައިގައި ޒިންމާދާރުކަމާއެކު ފިޔަވަޅު އަޅައި، އެ މީހާއާ މެދު އަމަލުކުރާނެ ވަކި ގޮތެއް ސާފުކޮށް ނާންގަނީސް މިހާރު ކުރަމުންދާ އިހުތިޖާޖު މެދުކަނޑައެއް ނުލާނެ އެވެ.
ސައީދު އިތުރަށް ވިދާޅުވެފައިވަނީ، ރޭގެ ވަގުތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވަނީ އޭނާ އާއި ބައްދަލު ކޮށްފައި ކަމަށެވެ. މި ބައްދަލުވުމުގައި، ސަރުކާރުގެ ފަރާތުން މި މައްސަލައިގައި ކަންކަން ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަޒީރު ވަނީ ސައީދު އާއި ހިއްސާކުރައްވާފައި ކަމަށާއި، ސަރުކާރަށާއި ކަމާބެހޭ އިދާރާތަކަށް އޭނާ ދޭން ބޭނުންވާ މެސެޖުތަކާއި ކަންބޮޑުވުންތައް ވެސް ރައްދުކޮށްފައިވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"މިނިސްޓަރ މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާ ކަމަށް ވިދާޅުވި، އަދި މި މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވާފައި" ސައީދު ވިދާޅުވި އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސައީދު - ކަމާބެހޭ މުއައްސަސާތަކުން މި މައްސަލައިގައި ޒިންމާދާރުކަމާއެކު ފިޔަވަޅު އަޅައި، އެ މީހާއާ މެދު އަމަލުކުރާނެ ވަކި ގޮތެއް ސާފުކޮށް ނާންގަނީސް މިހާރު ކުރަމުންދާ އިހުތިޖާޖު މެދުކަނޑައެއް ނުލާނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައި | ރާއްޖެ އެމްވީ
ސައީދު ކުރިން ފާގަކުރެއްވި ގޮތުގައި، ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 25 އާއި 30 އާ ދެމެދުގެ އަދަދަކަށް އޭނާ ހައްޔަރުކުރި ނަމަވެސް، އެންމެ ގިނަވެގެން ވެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭނާ ދޫކޮށްލަ އެވެ. އަދި އޭނާ ހައްޔަރުކުރުމަކީ އާއިލާއަށް ލިބޭނެ އެއްވެސް ތަސައްލީއެއް ނޫން ކަމަށް ވެސް ސައީދު ފާހަގަކުރެއްވި އެވެ. އެހެންކަމުން، އާއިލާއިން ފަށާފައިވާ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު އެކަމަށް އަޑު އުފުލަމުން ދަނިކޮށް، ފާރިސް ނަމަކަށް ކިޔާ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ހޮނިހިރު ދުވަހު ގެންގޮސްފައިވާއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން އިހުތިޖާޖު ނިންމާލުމަށް ފުލުހުން އެދުނު ނަމަވެސް، ނިޒާމަށް އިތުބާރު ނެތް ކަމަށް ބުނެ އިހުތިޖާޖު ކުރިއަށްގެންދާނެ ކަމަށް ސައީދު ވަނީ ހާމަކޮށްފަ އެވެ.
ސައީދު އޭނާގެ ފޭސްބުކް އެކައުންޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، މިހާރު މި ހަޅުތާލު ކުރިއަށްދަނީ 14 ގަޑިއިރަށްފަހު މަޖީދީ މަގުގަ އެވެ. މިހާތަނަށް މި މައްސަލަ ހައްލު ކުރުމަށް އެކި އިދާރާތަކަށް ހުށަހެޅުމުން ކަން ހިނގާފައިވާ ގޮތް ސައީދު ވަނީ ހާމަ ކުރައްވާފަ އެވެ. އެގޮތުން މި މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި، އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އަންނަ ހަފުތާއަށް ބައެއް ޕްރެޒެންޓޭޝަންތައް ވަނީ ތާވަލުކޮށްފައި ކަމަށްވެސް ފުލުހުންނާ ހަވާލާދީ ސައީދު ވަނީ ފާހަގަކޮށްފަ އެވެ.

ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސައީދު | ރާއްޖެ އެމްވީ
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން އޭނާއަކީ ޝަރުތު ހަމަވާ މީހަކަށް ނުވާތީ، އެ އިދާރާއަށް ބަލައިގަނެވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. އެޗްޕީއެސްއެން އިން އޭނާއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުރި މީހަކަށް ނުވާތީ، އެ ތަނުން ޒިންމާ ނުނެގޭނެ ކަމަށް ބުނި ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ބުނެފައިވަނީ، އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުން ކޯޓު މަރުހަލާ ކުރިއަށް ނުގެންދެވުނު ކަމަށެވެ. މި ހުރިހާ ކަމަކަށްފަހު ސައީދު ވިދާޅުވެފައިވަނީ މިއީ މުޅި ނިޒާމު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ސައީދު ވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ވެސް ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ގޮސްފަ އެވެ. ނަމަވެސް ފުލުހުން ވަނީ އިމާރާތުން ނުކުތުމަށް އަންގާފަ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ވަކި މަގްސަދެއް ހާސިލުކުރުމަށް ފުލުހުންގެ މަރުކަޒެއްގައި ހަޅުތާލުކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ. ނަމަވެސް، އެމީހާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައި، އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައިވަނީ، ސައީދުގެ ކަންބޮޑުވުންތަކާ ގުޅިގެން ފުލުހުންވެސް ކަންބޮޑުވާ ކަމަށެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ ސައީދުއާ ބައްދަލުކުރެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ އެތަނަށް ވަޑައިގެންފަ އެވެ.
އުނދަގޫކުރާ ކަމަށް ބުނާ އެ މީހާއަކީ އެތައް ފަހަރަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ. މުޅި ހެންވޭރު ދެކުނު ދާއިރާއަށް އޭނާގެ ފަރާތުން ނުރައްކާ ކުރިމަތިވެފައިވާއިރު، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ފުރައްސާރަކޮށް، ޖިސްމާނީ ގޮތުންވެސް މީހުންނަށް ހަމަލާދީ ހަދާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ވަނީ ބުނެފަ އެވެ.
މާލޭގެ ކަށިމާ ހިނގުމާއި ދޫހިމެރި މަގުން ހިނގާފައި އަދި ދަތުރުކުރާ އާންމުންނަށް އަމާޒުކޮށް ފާރިސް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. އެގޮތުން، މަގުމަތިން ދާ މީހުންނާ ދިމާއަށް އަޑުގަދަކޮށް، ތަކެތި އުކާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީގެ ކުރިން ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، އޭނާ މަގުމައްޗަށް ނުކުމެ އުޅެނީ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ހެދުމުގައި ކަން ވެސް ފާހަގަކުރެވެ އެވެ.











