ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން: ފައިސަލް
15 އޮކްޓޯބަރު 2026 | ބުރާސްފަތި 12:24ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން އާންމުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދޭނީ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ކަމަށް ވިދާޅުވި. އަދި 2028 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު ޓެކްސީ ޑްރައިވަރުންނަށް ދިމާވާ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވަނީ | ސޯޝަލް މީޑިއާ
ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ޓެކްސީ ޑްރައިވަރުންނާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ފައިސަލް ވިދާޅުވީ، ދަތަރުފަތުރުގެ ކަންކަމަކީ އެންމެ އާންމު މީހާއާ ގުޅިފައިވާ ކަންކަން ކަމަށެވެ. އަދި 2028 ގައި އެމްޑީޕީގެ ވެރިކަމެއް އަންނައިރު ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވަން ބޭނުންވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވަނީ އެމްޑީޕީގެ ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ޕާކިންގ މައްސަލައަށް ހައްލު ހޯދައިދިނުން ކަމަށެވެ.
ޕާކިންގ ބިލްޑިންގތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުން އަޅުގަނޑުމެންގެ ހަމަ ސަރުކާރެއްގައި އެނގޭތޯ އެންމެ ފުރަތަމަ ވެސް ކުރާނީ އެ މަސައްކަތް. ތަނެއް ދައްކަން އެބަ ޖެހޭ ކޮންމެވެސް ވަރަކަށް. މީގެ ކުރިން ވެސް ކޮންމެވެސް ވަރަކަށް އެ މަސައްކަތް ކުރެވުނު. ދެން ހަމައެއާއެކު ސަރުކާރުން މި ވިޔަފާރިތެރެއަށް ވަނުން އެއީ ހަމަ ގައިމު ވެސް އަޅުގަނޑު އެހާ ބަލައިގަންނަ ކަމެއް ނޫންފައިސަލް ނަސީމް
ސަރުކާރުން އާންމުންގެ ވިޔަފާރިތަކުގެ ތެރެއަށް ވަނުމުން އާންމުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، އެމްޑީޕީ ސަރުކާރެއްގައި ބަލާނީ އާންމު ރައްޔިތުންނާއި ޓެކްސީ ޑްރައިވަރުންނަށް ވީހާވެސް ފަސޭހަގޮތަކަށް ކަންތައްތައް ކުރެވޭނެ ގޮތް ހަމަޖައްސައިދެވޭތޯ ކަމަށެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.











