މި ސަރުކާރުގައި ތައުލީމީ ނިޒާމަށް ގެންނަ ކުއްލި ބަދަލުތަކުން ދަރިވަރުންނާއި ޓީޗަރުންނަށް ނަފްސާނީ މައްސަލަތައް ދަނީ ކުރިމަތިވަމުން: ފައިސަލް
14 އޮކްޓޯބަރު 2026 | ބުދަ 19:27ތައުލީމީ ނިޒާމަށް އެކަށީގެންވާ ދިރާސާއެއް ނެތި ކުއްލި ބަދަލުތައް ގެންނާތީ، ކުރީގެ ނައިބު ރައީސް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. އެކަޑެމިކް ކެލެންޑަރާއި ސިލަބަހަށް ގެންނަ މި ބަދަލުތަކުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި، ކަންކަން ނިންމުމުގައި ފަންނީ ބޭފުޅުންގެ މަޝްވަރާ ހޯދުމަށް އެމަނިކުފާނު ގޮވާލެއްވި


ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ | އެމްޑީޕީ
ތައުލީމީ ނިޒާމަށް ކުއްލި ބަދަލުތައް ގެންނަމުންދާތީ ދަރިވަރުންނާއި ޓީޗަރުންނަށް އޮތް ޕްރެޝަރު ބޮޑުވެ، ނަފްސާނީ ގޮތުން އެތައް މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ އެމްޑީޕީގެ ދެ ސަރުކާރުން ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ކަމަށެވެ.
އެގޮތުން ސްކޫލްތައް ބިނާކުރުމާއި، ވަސީލަތްތައް ފުރިހަމަކުރުމުގެ އިތުރުން ޓީޗަރުން ތަމްރީނުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އޭރު މަސައްކަތް ކުރީ ހަމައެކަނި ފޮތުގެ ދެލިގަނޑު ދަސްކޮށްދިނުމުގެ ބަދަލުގައި، އަމަލީ މައިދާނަށް އަދި މަސައްކަތްތެރި ދިރިއުޅުމަކަށް ތައްޔާރުވެފައިވާ ދަރިންތަކެއް ބިނާކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، މިސަރުކާރާއެކު، މިއަދު ތައުލީމީ ދާއިރާ އޮތީ ވާނުވާ ނޭނގޭ ހާލަތެއްގައި ކަމަށާއި، ކުއްލި ކުއްލިއަށް އެކަޑެމިކް ކެލެންޑަރާއި ކަރިކިއުލަމަށް ބަދަލުތައް ގެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވީ، ތައުލީމީ ދާއިރާއަށް މިފަދަ ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ދިރާސާތައް ހަދައި، ދާއިރާގެ ގުޅުންހުރި ފަންނީ އެތައް ބަޔަކާ މަޝްވަރާކޮށްގެން ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރަނީ އެ އުސޫލުން ކަމަށެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، އެއްވެސް ބެލުމެއް ނެތި ސިލަބަހާއި އެކަޑެމިކް ކެލެންޑަރަށް ކުއްލި ބަދަލުތައް ގެނައުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެ ބަދަލުތަކުގެ ސަބަބުން މިހާރު ހޮނިހިރު ދުވަހަކީ ވެސް ސްކޫލްތަކުގައި ކިޔަވައިދޭ ދުވަހަކަށް ބަދަލުވެފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ޓީޗަރުންނާއި ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި އަސަރުތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ކަރިކިއުލަމް. މިއީ ބަދަލުތަކެއް ގެންނަ ކަމަށް ވަންޏާ ވަރަށް ގިނަ ރިސާޗްތަކާއި ސްޓަޑީތައް ހަދައި، އެ ކަމުގެ ދާއިރާގައި ގުޅުންހުރި އެތައް ޕްރޮފެޝަނަލް އެތައް ބަޔަކާ މަޝްވަރާ ކޮށްގެން ނޫނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުކުރާ ކަންތައް. އަޅުގަނޑުމެންނަށް ސިލަބަސް ބަދަލުކޮށްލުން، ކަރިކިއުލަމް ބަދަލުކޮށްލުން ހަމަ ކުއްލި ކުއްލިއަށް ޓައިމް ޓޭބަލް ނޫނީ އެކަޑެމިކް ކެލެންޑަރު ބަދަލުކޮށްލުމަކީ ހަމަ ދެން އެއްވެސް ކަމަކަށް ނުވޭ. ވިސްނަންޖެހޭ ކަމަކީ އޭގެ ސަބަބުން މިއަދު ދަރިވަރުންނަށް އޮތް ޕްރެޝަރު، ޓީޗަރުންނަށް އޮތް ޕްރެޝަރފައިސަލް ނަސީމް
ފައިސަލް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައިދޭން ޖެހޭ ކަމަށާއި، މިފަދަ ކަންކަމުގައި ދަރިވަރުންނާއި ޓީޗަރުންގެ މަސްލަހަތު އިސްކުރަންޖެހޭ ކަމަށެވެ.











