އެލްޖީއޭގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ: އެލްޖީއޭ
8 އޮކްޓޯބަރު 2026 | ބުރާސްފަތި 11:46ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްތައް އުވާލައި، އެލްޖީއޭގެ ގޮފިތަކަށް ބަދަލުކުރުމުން އެ ތަންތަނުގެ އިދާރީ ހަރަދުތައް ބޮޑުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި. ބަޖެޓަށްވުރެ އިތުރަށް ހަރަދުވެފައިވަނީ މި ގޮފިތަކުގެ މުސާރައާއި ހިންގުމުގެ ހަރަދުތައް ހިމެނުމުން ކަމަށާއި، އެ ހުރިހާ ހަރަދެއް ވެސް ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެލްޖީއޭއިން ބުނޭ


އެލްޖީއޭ އިން ތ. މަޑިފުށީ ކައުންސިލަށް ދިމާވާ ދަތިތަކާއި އަދި އެހީތެރިކަން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން | އެލްޖީއޭ
ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހަރަދު ބަޖެޓަށްވުރެ އިތުރުވާކަމަށް ފެންނަނީ 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވާތީ ކަމަށް އެލްޖީއޭއިން ބުނެފި އެވެ.
އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެލްޖީއޭއަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތާއި ގުޅުވައި، ބައެއް ނޫސްތަކުގައި ހަބަރު ޝާއިއުކޮށްފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 17 ވަނަ އިސްލާހާ ގުޅިގެން، ކުރިން ހިންގަމުން އައި އަތޮޅު ކައުންސިލް އިދާރާތައް އުވާލައި އެލްޖީއޭގެ ގޮފިތަކެއް 2026 މެއި 17 ވަނަ ދުވަހުން ފެށިގެން އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ކަމަށާއި މިބަދަލާއެކު އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި އެ އޮފީހުން އެކި ފަރާތްތަކަށް އަދާކުރަންޖެހޭ ފައިސާތައް ދެއްކުމާއި، އެ އިދާރާތައް ހިންގުމަށް ބޭނުންވާ އެންމެހައި އިދާރީ ހަރަދުތައް ކުރުމުގެ ޒިންމާ އެލްޖީއޭއަށް މަތިކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އެގޮތުން، 2026 ވަނަ އަހަރު ދައުލަތުން ފާސްކޮށްދެއްވާފައިވާ ޖުމްލަ ބަޖެޓަކީ 37.3 މިލިއަން ރުފިޔާ ކަމަށް އެލްޖީއޭއިން ބުނެ އެވެ. އަދި މި ބަޖެޓުން 2026 އޮކްޓޫބަރު 6 ގެ ނިޔަލަށް 18.5 މިލިއަން ރުފިޔާ އޮތޯރިޓީ ހިންގުމަށާއި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހަރަދުކޮށްފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.
2026 ވަނަ އަހަރަށް އެލްޖީއޭއަށް ދައުލަތުގެ ބަޖެޓުން ފައިސާ ކަނޑައަޅާފައިވަނީ، އަތޮޅު ގޮފިތައް އެ އޮތޯރިޓީއާ ހަވާލުވުމުގެ ކުރިން، އޮތޯރިޓީގެ ކުރީގެ ހިންގުމުގެ ދާއިރާއަށް ބަލައިގެންކަން ފާހަގަކޮށް އެލްޖީއޭއިން ބުނީ، އަތޮޅު ގޮފިތައް ހިންގުމަށް ބޭނުންވާ ފައިސާ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާ އެލްޖީއޭގެ ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށާއި، މުވައްޒަފުންގެ މުސާރައާއި އިނާޔަތަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީގައި އެދުމުން ބަޖެޓަށް އިތުރުކޮށްދީފައިވާ ކަމަށެވެ. އަދި އަތޮޅު ގޮފިތަކުން ކުރަންޖެހޭ އެންމެހާ ހަރަދެއް ކޮށްފައިވާނީ ފިނޭންސް މިނިސްޓްރީން އިތުރުކޮށްދީފައިވާ ފައިސާއިން ކަމަށާއި، 17 މެއި 2026 އިން ފެށިގެން އަތޮޅު ގޮފިތައް ހިންގުމަށް 6 އޮކްޓޫބަރު 2026 ގެ ނިޔަލަށް ޖުމްލަ 61.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، އެލްޖީއޭގެ ހަރަދު ބަޖެޓަށް ވުރެ އިތުރުވާ ކަމަށް ފެންނަނީ 2026 ވަނަ އަހަރަށް އެ އޮތޯރިޓީއަށް ފާސްކޮށްފައިވާ ބަޖެޓުގެ އިތުރުން އަތޮޅު ގޮފިތަކުގެ ހަރަދުތައް އެ އޮތޯރިޓީގެ ހަރަދުތަކުގެ ގޮތުގައި ހިމަނާފައިވުމުގެ އިތުރުން، އެ ހަރަދުތައް ކޮށްފައިވާނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ފިނޭންސް މިނސްޓްރީން ކަނޑައަޅާފައިވާ ނިޒާމުގެ ތެރެއިން އެ މިނިސްޓްރީގެ ހުއްދައާއެކު ކަމަށް އެލްޖީއޭއިން ވަނީ ބުނެފަ އެވެ.










