ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު
5 އޮކްޓޯބަރު 2026 | ހޯމަ 05:52ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގަން ފެށިތާ ތިން ދުވަސް ތެރޭގައި އެ ނިންމުން ބަދަލުކުރަން ސަރުކާރުން ނިންމުމަކީ ދެކޮޅުނުޖެހޭ ސިޔާސަތެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ނިންމުންތަކަކީ އެކަށީގެންވާ މަޝްވަރާއާއި ދިރާސާއެއް ނެތި ނިންމާ ނިންމުންތަކެއް ކަމަށް

ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު | ރާއްޖެ ޓީވީ
ބޭރުގެ ޓުއާ އޮޕަރޭޓަރުން ވެސް ޓީޖީއެސްޓީ ދައްކަންޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށިތާ ތިން ވަނައަށްވީ ދުވަހު، އިންޑަސްޓްރީގެ ކަންބޮޑުވުން ހުރިކަމަށް ބުނެ ޤާނޫނު ބަދަލު ކުރަން ސަރުކާރުން ނިންމުމުން ދޭހަވަނީ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތައް ދެކޮޅު ނުޖެހޭ މިންވަރުކަމަށް ކުރީގެ ރައީސް އިބްރާހީ މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް ސޯލިހު އެހެން ވިދާޅުވީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރާއްޖެޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ، ޖީއެސްޓީގެ ޤާނޫނަށް ސަރުކާރުން ބަދަލު ގެނައީ މަހެއްހާ ދުވަސް ކުރިން ކަމަށާއި، އެ ބަދަލު ގެނައީ އެކަން އެހެން ނުކުރުމަށާއި އެ ބަދަލު ތަންފީޒު ނުކުރެވޭނެކަމަށް އެތައް ބަޔަކު ބުނަމުން ދަނިކޮށް ކަމަށެވެ.
އެހެންނަމަވެސް އެ ބަދަލަށް އަމަލު ކުރަން ފެށިތާ 3 ދުވަސްތެރޭގައި ޤާނޫނު އިސްލާހު ކުރަން ނިންމާފައިވާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެކަމުން އެނގިގެންދަނީ ސަރުކާރުން ނިންމާ ނިންމުމަކީ އެއްވެސް ވަރަކަށް ދެކޮޅު ބެލުމެއް ނެތި، ބަލަންޖެހޭ ކަންކަން ވެސް ބެލުމެއް ނެތި ނިންމާ ނިންމުންތަކެއްކަން ކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ވިދާޅުވީ މިއީ މަޝްވަރާކޮށްގެން، ހަގީގަތާ އެއްގޮތަށް ނިންމާ ނިންމުންތަކެއް ނޫންކަމަށާއި، އަނެއްކާ ވެސް ބަދަލުތައް ގެންނަން ޖެހެނީ އެހެންވެގެން ކަމަށެވެ.
ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ގޮތް ބަދަލުކޮށް، ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓުތައް ވިއްކާ ބޭރުގެ ވިޔަފާރިތަކުން ވެސް ޓީޖީއެސްޓީ ދައްކަން ޖެހޭ ގޮތަށް ގެނައި ބަދަލުތަކާ ގުޅިގެން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ޖަމިއްޔާއިން ދިވެހި ސަރުކާރަށް ގޮވާލާފައިވަނީ މި ބަދަލުތައް ތަންފީޒުކުރުމުގެ ކުރިން އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު ހިއްސާދާރުންނާ މަޝްވަރާކޮށް، މި ނިންމުން އަލުން މުރާޖައާ ކުރުމަށެވެ.
އެ ހުށަހެޅުންތަކަށް ބެލުމަށްފަހު ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނު ބަދަލު ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން އިއުލާނު ކުރެއްވީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ބާއްވާ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމުގެ ވަޒީރު މުހައްމަދު އަމީނު އެވެ.
ނަމަވެސް އެންމެ ފުރަތަމަ މި ބަދަލުތައް ފާސްކުރިއިރު ވެސް އެތައް ބަޔަކު ގެންދިޔައީ އެކަން އެހެން ނުކުރުމަށް ގޮވާލަމުންނެވެ.











