ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި
22 އޯގަސްޓު 2026 | ހޮނިހިރު 09:01ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓް ކާސްޓުކުރުމުގެ މަސައްކަތް ވަނީ ފަށާފައި. ބްރިޖުގެ މަޝްރޫއަށް ބޭނުންވާ ބައެއް އާލަތްތައް ލިބުން ލަސްވުމާއި، މޫސުމީ ސަބަބުތަކާ ހުރެ މަސައްކަތް ލަސްވި ނަމަވެސް، އަންނަ މަހުގެ ތެރޭގައި ހުރިހާ ސެގްމަންޓުތަކެއް ގުޅުވާލެވޭނެ ކަމަށް އެފްކޮންސް އިން ބުނޭ


ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފެށުން | ރާއްޖެއެމްވީ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ފެށި ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގަ އެވެ.
އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރއިން މައުލޫމާތުދޭ ގޮތުގައި ހޮނިހިރު ދުވަހު މިފަހު ސެގްމަންޓް ކާސްޓު ކުރުމުގެ މަސައްކަތް ފަށާއިރު، ބްރިޖުގެ ހުރިހާ ސެގްމަންޓުތައް އަންނަ މަހުގެ ތެރޭގައި ގުޅުވައި ހުރިހާ މަސައްކަތެއް ނިމޭނެ ކަމަށެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ފެށީ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި | ރާއްޖެއެމްވީ
މީގެ އިތުރުން އެފްކޮންސް އިން ބުނީ، ވަކި ތާވަލަކަށް ބަހާލައިގެން ބްރިޖުގެ މަސައްކަތްތަކަށް ކުރި ނަމަވެސް، މީގެ ކުރިން ދީފައިވާ ޓައިމްލައިންއާ އެއްގޮތަށް މަސައްކަތްތައް ނުނިމުނީ ދިމާވި ބައެއް ސަބަބުތަކާއި ގުޅިގެން ބައެއް އާލާތްތައް ލިބުން ދަތިވެ، އަދި މޫސުމާ ގުޅިގެން މަސައްކަތް ނުކުރެވި ދުވަސްތަކެއް ފާއިތުވެގެން ދިއުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް މަސައްކަތް ދާ ސްޕީޑާ މެދު ހިތްހަމަޖެހޭ ކަމަށާއި، ފަހު ސެގްމެންޓްގެ މަސައްކަތް ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެފްކޮންސް އިން ބުނެ އެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް އެފްކޮންސްއާ ހަވާލުކޮށްފައި ވަނީ 26 އޮގަސްޓް 2021 ގަ އެވެ. މި މަޝްރޫއުގެ 75 އިންސައްތަ އަށް ވުރެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ ނިންމާފަ އެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުގައި ފެށި ''ތިލަމާލެ ބްރިޖު'' މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވާލާ ފަހު ސެގްމަންޓްގެ މަސައްކަތް ކުރިއަށް ގެންދަނީ | ރާއްޖެއެމްވީ
ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މައިގަނޑު ތިން ބްރިޖެއް އަޅާއިރު، އެއީ މާލެ އާއި ވިލިމާލެ ގުޅާލާ ބްރިޖު، ވިލިމާލެ އާއި ގުޅީފަޅު ގުޅާލާ ބްރިޖު އަދި ގުޅީފަޅާއި ތިލަފުށި ގުޅާލާ ބްރިޖު ހިމެނެ އެވެ.
ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި މަސައްކަތް ފެށި މި ބްރިޖަކީ މުޅި ދުނިޔޭގައި ވެސް އެންމެ އުސްކޮށް ހަދާ ޕްރީކާސްޓް ސެގްމަންޓުތައް ހުންނަ ބްރިޖުގައި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މީގެ ކުރިން ބުނެފައިވެ އެވެ. އެގޮތުން، ތިލަމާލެ ބްރިޖުގެ ސުޕަރ ސްޓްރަކްޗަރގެ ޕްރީކާސްޓް ސެގްމަންޓްތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.
މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި ކޯޒުވޭ، އަދި މަގުތަކުގެ ނެޓްވޯރކް ހަދާއިރު ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. މީގެއިތުރަށް ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށްޓަކައި އިންޓަރޗޭންޖް ޕޮއިންޓްތަކާއި ޕާކިންގ ސަރަހައްދުތައް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެ އެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ތިލަމާލެ ބްރިޖްގެ މަޝްރޫއަކީ ރާއްޖޭގައި ހިންގާ އުމްރާނީ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ވާއިރު، އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރާ އެވެ.













