ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ: ރައީސް ސޯލިހު
19 އޯގަސްޓު 2026 | ބުދަ 14:07ބޭރު ފައިސާއާ ބެހޭ ބިލަށް މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހާ ގުޅިގެން، ނޫސްވެރިކަމަށް ހުރަސްއެޅޭނެ ގާނޫނެއް ފާސްކޮށްގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވެއްޖެ. އެމްއެމްއޭގެ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ އަގުތައް ހާމަކުރުން ކުށަކަށް ހަދަން ނިންމުމަކީ، ތެދު މައުލޫމާތު ފެތުރުމަށް އޮތް ހުރަހެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި


ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި | އެމްޑީޕީ
ނޫސްވެރިކަމަށް ހުރަސްއެޅޭނެ ޤާނޫނެއް ފާސްކޮށްގެން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިންނަކީ އާންމު މަަސްލަހަތާ ގުޅުންހުރި ކޮންމެ ކަމަކަށް ވެސް ފާރަވެރިވާން ޖެހޭ ބައެއް ކަމަށާއި، ތެދު މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ނޫސްވެރިން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ވަގުތުން ގެނެސްދިނުމަކީ ވެސް ނޫސްވެރިންގެ ޒިންމާއެއްގެ އިތުރުން ގާނޫނު އަސާސީން ނޫސްވެރިންނަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެއިތުރުން ޑޮލަރުގެ އަގު ބޮޑު ވާނަމަ އެކަން ހާމަ ކުރަން ޖެހޭނެ ކަމަށާއި، ޑޮލަރު އަގު ދަށް ވާނަމަ އެކަން ވެސް ހަމަކުރަން ނޫސްވެރިންނަށް ޖެހޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރުދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ބުދަ ދުވަހު ވަނީ އިސްލާހު ގެނެސްފައި އެވެ.
އެގޮތުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިސްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.











