މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟
26 ސެޕްޓެމްބަރު 2026 | ހޮނިހިރު 14:16ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހިންގުމުގެ ބާރު ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ދީފައިވަނިކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދިފާޢީ އަދި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމުން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައި. މި ދަތުރުފުޅުގެ ޚަރަދުތަކާއި މަޤްޞަދާ މެދު ދެބަސްވުންތަކެއް ހުރިއިރު، މިއީ މަޖިލީހުގެ ރައީސްގެ އިޚްތިޞާޞްގެ ބޭރުން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ބެލެވޭތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި


24 ސެޕްޓެމްބަރގައި ރާއްޖޭގެ މަޖިލިސް ރައީސް ޕާކިސްތާކުގެ ސިފައިންގެ އެންމެ އިސްވެރިޔާއާއި ބައްދަލުކުރަންވަނީ. | އިންޑިއާ ޓައިމްސް
ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމުން އަދި ސިޔާސީ ކަންކަމުން އަދި، އެކަހެރިއެއް ނުވެ އެވެ. 24 ސެޕްޓެމްބަރގައިވެސް ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ގައުމީ ދުވަހުގެ ހަފްލާއެއްގައި ބައިވެރިވެލެއްވި އެވެ. އަދި 23 ސެޕްޓެމްބަރގައި ސައުދީ އަރަބިއްޔާގެ ގައުމީ ދުވަހުގެ ހަފްލާއެއްގައިވެސް ބައިވެރިވެ ވާހަކަ ދެއްކެވި އެވެ.
ނަމަވެސް ފެންނަ މަންޒަރުތަކުން، މިހާރު އުފެދޭ ސުވާލަކީ "ރައީސް ކޮބައިތޯ އެވެ؟" ނަމަވެސް މިއީ އަދި އެންމެ މުހިއްމު ސުވާލެއް ނޫނެވެ. އަސްލު ސުވާލަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދަނީ ކާކު؟ އަދި ކޮން ބާރެއްގެ ދަށުން؟ ތޯ ކުރެވޭ ސުވާލެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުގައި ހުންނެވި އިރު، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް، ޕީއެންސީގެ ބޮޑު ޕާލިމެންޓަރީ ވަފުދެއްގައި އިސްވެ ހުންވައިގެން ޕާކިސްތާނަށް ދަތުރުކުރެއްވި އެވެ. ޕާކިސްތާނުގެ ރަސްމީ ބަޔާންތަކުގައި މި ދަތުރަކީ ރަސްމީ ދަތުރެއް ކަމަށް ބުނެ އެވެ. ނަމަވެސް، މި ދަތުރު ޕާލިމެންޓަރީ ގުޅުންތަކުން ބޭރުވެ، އިޤްތިޞާދީ ގުޅުމާއި، ސަރަހައްދީ ގުޅުންތަކާއި، ސަލާމަތް، ދިފާޢު، ޓެކްނޮލޮޖީ، ވިޔަފާރި، އެވިއޭޝަން އަދި ދެގައުމުގެ ސަލާމަތާއި ގުޅުންހުރި ދާއިރާތަކަށް ފެތުރިގެން ދިޔަ އެވެ.
ޤާނޫނުއަސާސީން ޚާރިޖީ ސިޔާސަތުގެ ބާރު ރައީސަށް
ރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގައި، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ނިންމައި، ކުރިއަށް ގެންދިއުމާއި ބަލަހައްޓަން ރައީސުލްޖުމްހޫރިއްޔާއަށް މުތުލަގަށް ބާރުދެ އެވެ. އަދި ބޭރު ގައުމުތަކާ އަދި ދުނިޔޭގެ ޖަމްޢިއްޔާތަކާ ޑިޕްލޮމެޓިކް ގުޅުން ކުރިއަށް ގެންދިޔުންވެސް ރައީސްގެ ބާރުތަކުގެ ތެރޭގައި ހިމެނެ އެވެ.
އެއާ ޚިލާފަށް، މަޖިލީހުގެ ރައީސްގެ ޤާނޫނުއަސާސީގައި ބަޔާންކުރާ ދައުރަކީ މަޖިލިސް ބައްދަލުވުންތައް އިސްކޮށް ހިންގުމާއި މަޖިލީހުގެ ކަންކަން އިދާރީ ގޮތުން ބެލެހެއްޓުމެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ނިންމުމާއި ހިންގުމުގެ ބާރެއް މަޖިލީހުގެ ރައީސަށް ޤާނޫނުއަސާސީން ދީފައެއް ނެތެވެ.
މިކަން މިހެން އޮތް ނަމަވެސް، މަޖިލީހުގެ ރައީސަށް ބޭރު ގައުމަކަށް ދަތުރުކޮށް އެ ގައުމެއްގެ ޕާލިމެންޓުގެ ވެރިންނާ ބައްދަލުކުރުމެއް މަނާވެގެނެއް ނުވެ އެވެ. ޕާލިމެންޓަރީ ޑިޕްލޮމެސީ އަކީ ދުނިޔޭގައި އާންމުކޮށް ހިނގާ ކަމެކެވެ. ނަމަވެސް، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ގައުމެއްގެ ރަސްމީ ޚާރިޖީ ސިޔާސަތަކީ ދެ ތަފާތު ކަމެކެވެ. މި ދެ އަސާސުގެ ހައްދު މުހިންމުވަނީ، ބޭރު ގައުމެއްގެ ދިފާއީ ވެރިންނާ ބައްދަލުކޮށް، ގައުމީ ސަލާމަތާއި ދިފާޢީ ކަންކަން ފަދަ ކަންކަން މަޝްވަރާކުރާއިރުގަ އެވެ.
ޕާކިސްތާނުގައި އަބްދުއްރަޙީމް ކުރައްވަނީ ކޮންކަމެއް؟
22 ސެޕްޓެމްބަރގައި އަބްދުއްރަޙީމްއާއި ރާއްޖޭގެ ވަފުދު އިސްލާމާބާދުގެ ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރުދާރ އަޔާޒް ޞާދިޤު ރަސްމީ ގޮތުން ބައްދަލުކުރެއްވި އެވެ. އެ ބައްދަލުވުމުގައި ދެ ގައުމާ ދެމެދުގެ ގުޅުން، ޕާލިމެންޓަރީ ގުޅުން އަދި އިދާރީ ކަންކަމުގައި އެހީތެރިވުމާމެދު މަޝްވަރާކުރެވުނެވެ. އެއަށް ފަހު ދަތުރާއި މަޝްވަރާތައް އިތުރު ދާއިރާތަކަށް ފެތުރިގެން ދިޔަ އެވެ. ރާއްޖޭގެ ވަފުދު ޕާލިމެންޓަރީ ފައިނޭންޝަލް އޯވަރސައިޓް އަދި ބަޖެޓް އެކުލަވާލުމާއިގުޅޭ މަޝްވަރާތަކުގައި ބައިވެރިވެ، ޕާކިސްތާނު އަދި މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް ގުރޫޕާ އެކު މަޝްވަރާކޮށް، އިޤްތިޞާދީ ގުޅުން، ފައިނޭންސް، އެވިއޭޝަން، ޓެކްނޮލޮޖީ އަދި ސަޤާފީ ގުޅުންތަކާމެދުވެސް ބައްދަލުވުންތައް ބޭއްވި އެވެ. މި ދަތުރުގެ އެންމެ ބޮޑު މައުޟޫއެއް ކަމަށް ފެންނަނީ، އަބްދުއްރަޙީމް ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް އަދި އާމީ ޗީފް، ފީލްޑް މާޝަލް ސައިދު އާސިމް މުނީރާ ޖެނެރަލް ހެޑްކުއާޓަރސް (GHQ) ގައި ބައްދަލުކުރި ކަމެވެ. ޕާކިސްތާނުގެ ރަސްމީ ބަޔާނުގައި، މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ސަލާމަތާއި ދެ ގައުމުގެ ގުޅުން އަދި ދެ ފަރާތަށް މުހިންމު ކަންކަން މަޝްވަރާކުރެވުނު ކަމަށް ބުނެ އެވެ. އަދި ސަރަހައްދީ ސުލްހައަށް ޕާކިސްތާނުން ކުރާ މަސައްކަތަށް މަޖިލިސް ތަޢުރީފުކުރެއްވި އެވެ. މިއީ މަޖިލީހުގެ ރައީސަށް، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބާރު މަޝްވަރާކުރުމާއި ގޮތް ނިންމުމަށް ޤާނޫނުއަސާސީން ލިބޭނެ ބާރެއް ނޫނެވެ.
ނަމަވެސް މުހިންމު ސުވާލަކީ މަޖިލިސް ރައީސް މި މަޝްވަރާތަކުގައި މަތީގައި ބަޔާންކުރެވުނު އިމުން ނުވަތަ ރޮނގުން އެތެރެއަށް ވަންނަށް ފުރުސަރުދެވިފައިވޭތޯ އެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މި ކަންކަން އެނގިފައިވޭތޯ އެވެ.
ޚާރިޖީ ވުޒާރާ ރަސްމީގޮތުން މި ދަތުރުގައި ބައިވެރިވިތޯ އެވެ.
ސަރުކާރު ރަސްމީ ބްރީފެއް މަޖްލިސް ރައީސް އަބްދުއްރަހީމަށް ދީފައިވޭތޯ އެވެ.
އަބްދުއްރަޙީމް ވާހަކަ ދައްކަވަނީ މަޖިލީހުގެ ނަމުގައިތޯ، ޕީއެންސީގެ ނަމުގައިތޯ، ރައީސް މުއިއްޒުގެ ސަރުކާރުގެ ނަމުގައިތޯ، ނުވަތަ އަމިއްލަ ނަމުގައިތޯ ކުރެވޭ ސުވާލުތަކެވެ.
މި ސުވާލުތައް އިތުރަށް މުހިންމުވަނީ އަބްދުއްރަޙީމަކީ މަޖިލީހުގެ ރައީސްކަމަށް ވުމުގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ ޗެއަރޕާސަން ކަމުގައިވެސް ހުންނެވި ފަރާތް ކަމަށްވާތީ އެވެ.
މާލެއިން “ޕްރައިވެޓް”، އިސްލާމާބާދުން “އޮފިޝަލް”
މި ދަތުރުގެ ވާހަކަ ރަސްމީކޮށް ދެފަރާތުން އިޢުލާނުކޮށްފައިވާ ގޮތާމެދުވެސް ސުވާލުތައް އުފެދެ އެވެ. ރާއްޖޭގެ ޚަބަރުތަކުގައި، މަޖިލީހުގެ މުވައްޒަފަކު މި ދަތުރަކީ ޕްރައިވެޓް ދަތުރެއް ކަމަށާއި، މަޖިލީހުގެ ބަޖެޓުން މި ދަތުރަށް ޚަރަދު ނުކުރާނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޕާކިސްތާނުން، މި ދަތުރަކީ ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީ ރައީސްގެ ދަޢުވަތަކާ ގުޅިގެން ކުރެވުނު ރަސްމީ ދަތުރެއް ކަމަށް ބުނެ އެވެ. މި ދެ ބަޔާނާ ދެމެދުގައި އޮތް ޚިލާފުކަމާއި ފުށުއެރުމަށް ސަރުކާރުން ނުވަތަ މަޖިލީހުން ސާފު ޖަވާބެއް ދޭން ޖެހެ އެވެ. އަމިއްލަ ޚަރަދުގައި ދަތުރުކުރިޔަސް، ބޭރު ގައުމަކުން ރަސްމީ ގޮތުން އިސްތިޤްބާލު ކުރެވިދާނެ އެވެ. ނަމަވެސް އެއީ ދިފާޢީ އިދާރާތަކާ އަދި ރީޖަނަލް ސެކިއުރިޓީ ފަދަ ކަންކަމަށް ވަދެވޭ ދަތުރަކަށް ވާއިރު، އެ ދަތުރު އޮތޮރައިޒް ކުރީ ކޮންފަރާތަކުންތޯ ބަލަން ޖެހެ އެވެ. ކާކުތޯ އޮރގަނައިޒް ކުރީ؟ އަދި ކާކުތޯ ޚަރަދު ކުރީ؟ މި ސުވާލުތަކަށް ޖަވާބު ލިބުން މުހިންމެވެ. ނުރައްކާތެރިކަމަކީ، ޕާކިސްތާނުގެ ISI މި ދަތުރު ފައިނޭންސް ކުރި ކަމަށް ބައެއްފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކެވެ.
އެކަހެރި ބައްދަލުވުން ތަކުގައި މަޝްވަރާކުރެވުނީ ކޮން ކަންތައްތަކެއް؟
ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ވަކިވަކިން އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުންތަކުގައި ޝައުގުވެރިވާ އަދި ކަންބޮޑުވުން އުފެދޭ ބައެއް ވާހަކަތައް ވަނީ ދައްކަވާފަ އެވެ. އެ ގޮތުން ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ.
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ވާދަކުރެއްވުމަށް ނުކުޅެދޭ ހާލަތެއް އުފެދިއްޖެ ނަމަ، ޕީއެންސީއިން އަބްދުއްރަޙީމް ނުކުމެދާނެ ކަމާއި؛
ތިންވަނަ ފަރާތެއްގެ އިންތިޚާބީ ކެމްޕޭނެއް ހިންގުމަށް ފައިސާގެ އެހީ ހޯދުމާއި؛
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ކުރިން ބޭއްވި ބައްދަލުވުމެއްގައި ނުތަނަވަސްކަންތައްތަކެއް އުފެދުނުކަމަށާއި ރާއްޖޭގެ މަޖިލިސް ރައީސްއަށް ވަރަށް ހަޑިކޮށް އެ ބައްދަލުވުމުގައި ބެވިކަމަށާއި؛
ދިވެހިރާއްޖެ، ޕާކިސްތާން، ބަންގްލާދޭޝް އަދި ސްރީލަންކާ ހިމެނޭ ކޮމަންވެލްތުގެ ތެރެއިން ރީޖަނަލް މެކޭނިޒަމްއެއް ގާއިމްކުރުމާއި؛
އަދި ތިންވަނަ ގައުމެއްގައި އަލުން މަޖިލިސް ރައީސް އާއި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ބައްދަލުކުރުން، ފަދަ ކަންކަން ހިމެނޭ ކަމަށް ބުނެ އެވެ.
ނަމަވެސް މިކަން ޕާކިސްތާން، ދިވެހި ރާއްޖެ، ބަންގްލާދޭޝް، ސްރީލަންކާ، ސާކް ނުވަތަ ކޮމަންވެލްތުގެ ރަސްމީކޮށް ޔަޤީންކޮށްދީފައި އަދި ނުވެ އެވެ.
ކޮމަންވެލްތާއި ސާކް
މި ވާހަކައާ ގުޅިގެން މުހިންމު ނުކުތާއެއް ފާހަގަކޮށްލަންޖެހެ އެވެ. ސާކްގައި އަފްޣާނިސްތާން، ބަންގްލާދޭޝް، ބޫޓާން، އިންޑިއާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާ ހިމެނެ އެވެ. މީގެ ތެރެއިން ބަންގްލާދޭޝް، އިންޑިއާ، ދިވެހިރާއްޖެ، ޕާކިސްތާން އަދި ސްރީލަންކާ އަކީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކެވެ. އެހެންކަމުން ދިވެހިރާއްޖެ، ޕާކިސްތާން، ބަންގްލާދޭޝް އަދި ސްރީލަންކާ ހިމެނޭ މެކޭނިޒަމެއް އުފެދިއްޖެ ނަމަ، އިންޑިއާ ނުހިމެނޭހެން ހަތަރު ސައުތު އޭޝިއާގެ ކޮމަންވެލްތު ގައުމުތަކުގެ ގުރޫޕެއް އުފެދިގެންދާނެ އެވެ. ނަމަވެސް، އެއީ ސާކް އަލުން އުފެދުމެއް ނޫނެވެ. ސާކްއަކީ ވަކި އިދާރީ، ސެކްރެޓޭރިއަޓެއް އަދި މެންބަރުންގެ ނިޒާމެއް އެކުލެވޭ ވަކި ޖަމްޢިއްޔާއެކެވެ.
2028 ގެ ވާހަކަ
ޕާކިސްތާނު ދަތުރުގެ ދުވަސްކޮޅެއް ކުރިން، ޕީއެންސީން 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒަށް ރަސްމީކޮށް އެރުވި އެވެ. އެ ޓިކެޓް ރައީސަށް ހަވާލުކުރީވެސް ޕީއެންސީ ޗެއަރޕާސަން އަބްދުއްރަޙީމެވެ. އެހެންކަމުން ޕާކިސްތާނުގައި އެހެން ރިޔާސީ ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާކުރެވުނު ކަމަށް ދެކެވޭ ވާހަކަތައްމުހިންމުވެ އެވެ. ނަމަވެސް އެ ވާހަކަ ހެކިކޮށްދޭ ރަސްމީ ޕީއެންސީ ބަޔާނެއް ނުވަތަ އެހެން މުސްތަޤިއްލު ހެއްކެއް ލިބިފައި ނެތެވެ. އާންމު ވިސްނުން މިހާރު ހުރީ 2028 ގެ ޕީއެންސީ ކެނޑިޑޭޓަކީ ރައީސް މުއިއްޒު ކަމުގަ އެވެ.
ރައީސް މިހާރު ކޮބައިތޯއެވެ؟
ރައީސް ޑރ. މުއިއްޒު، ޕާކިސްތާނު ދަތުރު ދެމިގެންދާ މުއްދަތުގައިވެސް ރާއްޖޭގައި ރަސްމީ ކަންކަމުގައި މަސްއޫލުވެ އެބަ ހުންނެވި އެވެ. ވީމާ މިތަނުގައި “ރައީސް ކޮބައި؟” މި ސުވާލަކީ ރައީސް ހުންނެވުތަނެއް ހޯދުމަށް ކުރެވޭސުވާލެއް ނޫނެވެ.
އަސްލު ސުވާލަކީ:
މަޖިލީހުގެ ރައީސް ހުންނެވީ ޕާލިމެންޓަރީ ޑިޕްލޮމެސީގެ އިމުގެ ތެރޭގައިތޯ، ނުވަތަ ޚާރިޖީ ސިޔާސަތާއި ދިފާޢީ ކަންކަން ފަދަ ޤާނޫނުއަސާސީން އެގްޒެކެޓިވްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކުގެ ތެރެއަށް މަޖިލިސް ރައީސް ވަންނަނީތޯ ކުރެވޭ ސުވާލެ އެވެ. އެހެންކަމުން ޕާކިސްތާނުގައި އަބްދުއްރަޙީމް ކުރެއްވި މަޝްވަރާތަކާމެދު ސާފުކޮށް ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ.
އޭނާ ދަތުރުކުރެއްވީ ކޮން މެންޑޭޓެއް ނުވަތަ ކެޕޭސިޓީއެއް ގައިތޯ އެވެ؟
ގައުމުގެ ސަލާމަތާމެދު ވާހަކަ ދެއްކެވިއިރު އޭނާއާ އެކު އެކަމާ ގުޅުންހުރި ރަސްމީ ފަރާތެއް ތަމްސީލުކުރީތޯ އެވެ؟
މި ދަތުރު ފައިނޭންސް ކުރީ ކާކުތޯއެވެ؟ ނުވަތަ ކޮންތާކުންތޯ އެވެ؟
އަދި ރަސްމީ ނުވަތަ ނުރަސްމީ ގޮތުން ރާއްޖޭގެ ކަމަކާމެދު މަޖިލިސް ރައީސް ގޮތެއް ނިންމެވިތޯ އެވެ؟
މި ސުވާލުތަކަށް ސާފު ޖަވާބު ލިބެންދެން، މަޖިލީހުގެ ރައީސްގެ މި ފުޅާ ޕާކިސްތާނު ޕްރޮގްރާމް، ޕާލިމެންޓަރީ ޑިޕްލޮމެސީ ނިމޭ ތަނާ އެގްޒެކެޓިވް ޚާރިޖީ ސިޔާސަތު ފެށޭ ތަން ކޮބައިތޯ އުފައްދާ ސުވާލު ދެމިގެންދާނެ އެވެ.








