އައްޑޫ ލިންކު ރޯޑު ހަތަރު ލޭނަށް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 17:24އައްޑޫ ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ޗައިނާގެ ރޯޓައިމް އިންޖީނިއަރިންއާ ސަރުކާރުން ހަވާލުކޮށްފި. މި އެއްބަސްވުމުގެ ދަށުން 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހެދުމަށް ހަމަޖެހިފައިވާއިރު، މީގެ ކުރިން އާރުޑީސީއާ ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ކުންފުނީގެ ސްކޯޕުން މިބައި ވަނީ އުނިކޮށްފައި. ނަމަވެސް ލިންކު ރޯޑާ ގުޅިފައިވާ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރުޑީސީން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މައުލޫމާތުދޭ


ލިންކު ރޯޑު އަލުން ހެދުމުގެ އެގްރިމެންޓުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އަދި ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގު ސޮއިކުރެއްވުމުގެ ތެރެއިން | މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ކުރިން ހަވާލުކޮށްފައި އޮތް އައްޑޫ ލިންކު ރޯޑު ތަރައްގީކުރުމުގެ މަޝްރޫއުގެ ބައި އެ ކުންފުނީގެ ސްކޯޕުން އުނިކުރުމަށްފަހު، އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ރަސްމީކޮށް އިފުތިތާހުކޮށްފި އެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު އެވެ. އަދި ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒޫ ވެއިޑޮންގު އެވެ.
އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ޑީޓުއަރ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމާ ހަމައަށް ލިންކު ރޯޑު ހަތަރު ލޭނަށް ފުޅާކޮށް، ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ އެވެ. ނަމަވެސް މި ޕްރޮޖެކްޓުގެ އަގާއި، މަސައްކަތް ނިންމަން ޖެހޭ މުއްދަތު އަދި ހާމަކޮށްފައެއް ނުވެ އެވެ.
އައްޑޫގައި ގުޅިފައިވާ ރަށްތަކުގެ މަގުތަކާއި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއު އާރުޑީސީއާ ހަވާލުކުރީ 829.8 މިލިއަން ރުފިޔާއަށް، ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި މިދިޔަ ނޮވެމްބަރު މަހު އެ މަޝްރޫއު އަމަލީ ގޮތުން ފެއްޓެވި ނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެ އެވެ. އެހެންކަމުން މަޝްރޫއުގެ ސްކޯޕަށް ބަދަލު ގެނެސް، ލިންކް ރޯޑް ހެދުމުގެ ބައި ޗައިނާ ކުންފުންޏަކާ ހަވާލުކުރީ ކަމަށާއި ނަމަވެސް، ލިންކް ރޯޑް ވަށައިގެންވާ އެތެރޭގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އާރުޑީސީން ކަމުގައި މިނިސްޓްރީން މައުލޫމާތުދެ އެވެ.
ހިތަދޫ އާއި މަރަދޫ އާއި މަރަދޫފޭދު އާއި ފޭދޫ އަދި ގަން ގުޅުވާލުމަށް 16 ކިލޯމީޓަރުގެ އައްޑޫ ލިންކް ރޯޑު އެންމެ ފުރަތަމަ ހެދުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2001 ވަނަ އަހަރު އެވެ. އެ މަސައްކަތް ނިންމައި މަގު ބޭނުންކުރަން ފެށީ 2003 ވަނަ އަހަރު އެވެ.
މީގެ 22 އަހަރު ކުރިން އެ މަގު ހެދީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިޑީބީ) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) ގެ 7.9 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ. އެ މަސައްކަތް އޭރު ކުރީ ޑެންމާކާއި ލުބުނާނުގެ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ހޯގާޑް އެންޑް ޝުލްޒް އެސްލެބެނާން އިންނެވެ. އަދި މަގު ޑިޒައިން ކުރީ ނިއުޒީލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޖޯން ސްމާޓެވެ.
އައްޑޫގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ގެނެސްދިން މި މަގު، އެކަށީގެންވާ ގޮތެއްގައި މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.







