މި ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން: މޭޔަރު އާޒިމް
24 ސެޕްޓެމްބަރު 2026 | ބުރާސްފަތި 08:33ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާއި ބޭކާރު އިސްރާފުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް މާލެސިޓީގެ މޭޔަރު އާޒިމް ވިދާޅުވި. ދައުލަތަށް ޑޮލަރު ވަންނަ ކުންފުނިތަކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާކަން ފާހަގަކުރައްވައި، މި ސަރުކާރުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކޮށްދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި


ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ބޭކާރު ހަރަދުތައްކޮށް ހުރިހާ ފައިސާއެއް ތަޅާބުރުވާލުމަށްފަހު ޓެކްސް އިތުރުކުރުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ސަރުކާރުގެ ބޭކާރު ޚަރަދުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
އަދި ދައުލަތަށް ޑޮލަރު ވަންނަ މުހިންމު ކުންފުނިތަކާއި މާލީ އިދާރާތަކުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޑޮލަރު ވަންނަ އެމްއޭސީއެލް ފަދަ ކުންފުނިތަކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ މި ސަރުކާރުން ސަމާސާ ކުރަން ހުންނަ ތަންތަނެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، މި ތަންތަނަށް ލިބުނު ފައިސާ ދިޔަ ތަނެއް ނޭނގި، ރައްޔިތުންނަށް ޓީޓީ ހެދުމަށް ޑޮލަރު ނުލިބިގެން ފިހާރަތަކުގެ ރެކުތައް ހުސްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ވެސް، އެމްޓީސީސީއާ ހަވާލުނުކޮށް އެމްއޭސީއެލް މެދުވެރިކޮށް ބޭރުގެ ބަޔަކަށް ކޮންޓްރެކްޓް ދީގެން އެމްއޭސީއެލްއަށް ލިބޭ ހުރިހާ ޑޮލަރެއް ހުސްކުރަމުންދާ ކަަމަށެވެ. މިއީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.
އާޒިމް ވިދާޅުވީ، މި ސަރުކާރުގެ ހަމައެކަނި ސިޔާސަތަކީ ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާ އަމިއްލަ އުފަލާއި އަރާމަށް އިސްރާފުކުރުން ކަމަށެވެ.
ތިން އަހަރު ވެގެންދިޔައިރު ކަމެއް ނުކުރެވުނު. މިހާރު މި މީހުންނަށް ބާކީ އޮތީ ގާތްގަނޑަކަށް އެއް އަހަރު. އެހެންވީމާ މިއީ އަޅުގަނޑު ދެކޭގޮތުގައި މި މީހުންނަށް ރައްޔިތަކަށް ކޮށްދޭނެ އެއްވެސްކަމެއް އޮންނާނެ ކަމަށް ނުފެނޭ. މާފުއްޓަށް އަޅުގަނޑު ދިޔަ އިރުގައި މާފުށީގައި ހިއްކާ ހުރިހާކަމެއް ނިންމާފައި އޮތް ތަނެއް. މިއަދު އެންމެ ބޮޑު ވެލިއުއެއް އެއް ބިމަކީ އެއީ. އެ ތަނުގައި ފެނާއި ނަރުދަމާ އަޅާނުލެވިގެން އެތިބެނީ. ގައިމު މާފުށީގައި އެ ލިބޭ ފައިސާ، މާފުށީ ރައްޔިތުންނަށް އެކަން ކުރުމުގެ ހުއްދަ ދީފައި ކަމަށް އެ މީހުން އެކަން ކުރެވޭނެ. އެތައް ބައިވަރު ފައިސާއެއް ލިބެން އޮތް ތަނެއް އެތަނަކީ. ރައްޔިތުންނަށް ލިބޭހާ ފައިސާއެއް ގަދަބާރުން ގަދަބާރުން ހޯދައިގެން ހަމަ މި މީހުންގެ އުފަލާ އަރާމާ މަޖަލަށް ތަޅާ ބުރުވާ އިސްރާފުކުރުން. މި ނޫންކަމެއް ކުރާ ބައެއް ނޫން. މި މީހުންނަށް މި ނޫންކަމެއް ކުރެވޭނެކަން އަޅުގަނޑު ގަބޫލެއް ނުކުރަންއާދަމް އާޒިމް
އާޒިމް ވިދާޅުވީ، ވޭތުވެދިޔަ މުއްދަތުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ކޮށްދެވިފައި ނުވާ ކަމަށާއި، ބާކީ އޮތް މުއްދަތުގައި ވެސް ރައްޔިތުންނަށް ކޮށްދެވޭނެ މާބޮޑު ކަމެއް އޮންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.










