ސިނަމާލެ ބްރިޖުގެ ތަނބަކަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު އުރުނު ހާދިސާ އެންއައިސީއިން ތަހުގީގުކުރަން ނިންމައިފި
22 ސެޕްޓެމްބަރު 2026 | އަންގާރަ 04:00ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު އޮޔާގޮސް ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި އުސޫލުތަކާ ހިލާފުވެފައިވޭތޯ އެންއައިސީއިން އަމިއްލަ އިސްނެގުމަށް ތަހުގީގުކުރަން ވަނީ ނިންމާފައި. މި ދެ ބޯޓު ކަނޑަށް އަޑިއަށް ގޮސްފައިވާތީ ސަރުކާރުގެ އިހުމާލު އޮތްކަމަށް ބުނެ ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން


ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު | މާލެ ސިޓީ ކައުންސިލް
ސިނަމާލެ ބްރިޖުގެ ތަނބަކަށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު އުރުނު ހާދިސާ ނޭޝަނަލް އިންޓެގިރިޓީ ކޮމިޝަން (އެންއައިސީ) އިން ތަހުގީގުކުރަން ނިންމައިފި އެވެ.
ހޯމަ ދުވަހު އެންއައިސީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖްގެ ތަނބެއްގައި ޖެހުނުކަމަށް ބުނާ ހަބަރުތަކާއި ގުޅިގެން، ކަސްޓަމަސް އިން ގާނޫނާއި ގަވާއިދާއި އަދި އުސޫލުތަކާއި ހިލާފުވެފައި ވޭތޯ ތަހުގީގު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، މި ނިންމުން ނިންމާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 11 ވަނަ ދުވަހުގެރޭ ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ވަރަށް ބައުވެފައިވާ ދެ ބޯޓަށް ވުމާއިއެކު، މި ދެ ބޯޓު ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، މި ދެ ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ތަޖުރިބާކާރުން އަންނަނީ އެ ދެ ބޯޓު އަޑިއަށް ދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނަމުންނެވެ. އަދި މިހާދިސާއާ ގުޅިގެން އެކަން ތަހުގީގު ކުރަން މާލެ ސިޓީ ކައުންސިލުން ގޮވާލާފައިވާއިރު، މިކަމުގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.









