ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު: ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި
11 ސެޕްޓެމްބަރު 2026 | ހުކުރު 08:33މާލެއަށް ކުރި ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެއްގެ ނަގިލި ކަނޑައިގެން ގޮސް ބްރިޖު ތަނބެއްގައި ޖެހުމުން، އެތަނަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ޗައިނާގެ ކުންފުނިން ފަށައިފި. މި ހާދިސާގައި އުޅަނދުތައް ފަރަށް އެރުމާ ގުޅިގެން އީއާރްއޭ އިން ތިމާވެށީގެ ގެއްލުންތައް ބަލަމުންދާއިރު، އުޅަނދުގައި ތިބި މީހުން ސިފައިން ވަނީ ސަލާމަތްކޮށްފައި

ސިނަމާލެ ބްރިޖުގެ ތަނބަށް އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް 2 ބޯޓު، ބްރިޖާއި ފަރަށް ލިބުނު ގެއްލުންތައް ބަލަން ފަށައިފި | ރާއްޖެ ޓީވީ
ބުރާސްފަތި ދުވަހުގެރޭ މާލެއަށް ކުރި ގަދަ ވިއްސާރައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ތެޔޮ އުފުލާ ބާޖަކާއި ޓަގު ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހިފައިވާއިރު، މި ހާދިސާއާ ގުޅިގެން ބްރިޖަށް ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބްރިޖުގައި ޖެހިފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ އުޅަނދެއް ކަމަށެވެ. މި ދެ އުޅަނދު އޮޔާދިޔައީ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާ ހިނގި ވަގުތު ބޯޓު އޮޔާގޮސް ބްރިޖުގެ ތަނބުގައި ޖެހިފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ދައުރުވެފަ އެވެ.
މި ހާދިސާ ހިނގުމާއެކު އެމްއެންޑީއެފް އިން ވަނީ އެ ދެ އުޅަނދުގައި ތިބި މީހުން ސަލާމަތްކޮށްފަ އެވެ. އަދި އެ މީހުން ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ސިފައިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ދެ ބޯޓެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ކަސްޓަމްސްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.
ބްރިޖުގެ މެއިންޓަނެންސް މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ ކުންފުނިން މިހާރު ގެންދަނީ މި ހާދިސާގެ ސަބަބުން ބްރިޖުގެ އޮނިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލައި، އެކަން ދިރާސާ ކުރަމުންނެވެ.
މި ބޯޓު ބްރިޖުގައި ޖެހުމުގެ ކުރިން އެންމެ ފުރަތަމަ އުރުނީ މާލޭ ކާނިވާ ސަރަހައްދުގެ ބޭރުން އޮންނަ ފަރުމައްޗަށެވެ. އެހެންކަމުން، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ވެސް މިހާރު ގެންދަނީ ފަރަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންގެ އިދާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައާއި އުޅަނދުފަހަރު ބަނދަރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.










