ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގުތިސާދު 6 އިންސައްތައަށް ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން: މެންބަރު ނާޒިލް
21 ސެޕްޓެމްބަރު 2026 | ހޯމަ 14:18ރާއްޖޭގެ އިގުތިސާދު ދަށަށްދާއިރު، ޑޮލަރުގެ ތާށިކަން ކުރިމަތިވަނީ ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކަށް ސަރުކާރުން ހަރަދުކުރާތީ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ. އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރަށް މަސައްކަތް ނުކުރެވޭކަން ފާހަގަކުރައްވައި، ގައުމުގެ މާލީ ހާލަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި އިކޮނޮމިކް މިނިސްޓަރު މަގާމުން ވަކިނުކުރައްވާތީ އޭނާ ވަނީ ސުވާލު އުފައްދަވާފައި


ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މެންބަރު ނާޒިލް | ރާއްޖެ އެމްވީ
ރިޔާސީ ބަޔާނުގައި ދިވެހިރާއްޖޭގެ އިގުތިސާދު 4 އިންސައްތަ އާއި 6 އިންސައްތައާ ދެމެދު ކުރިއަރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެން ދަނީ ދަށަށް ދާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ، ރައްޔިތުންނަށް އިގުތިސާދީ ގޮތުން ދިމާވެފައިވާ ތަކުލީފުން ސަލާމަތް ކުރަން މިސަރުކާރަށް ކުރެވުނު ކަމެއް ނުފެންނަ ކަމަށެވެ. އަދި ވިޔަފާރިވެރިންނަށް ދޫކުރާ ޓީޓީ ނުފޮނުވުނީމަ ކުށްވެރި ވަނީ އެ ވާހަކަތައް ދައްކާ މީހާ އަދި އެ ވާހަކަތައް ގެނެސްދޭ މީޑިއާތައް ކަމަށް ނާޒިލް ވިދާޅުވި އެވެ.
ޑޮލަރުގެ ތާށިކަން އައިސްގެން މިއުޅެނީ މިސަރުކާރުން ހިންގާ ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކަށް ހަރަދު ކުރާތީ ކަމަށް ނާޒިލް ވިދާޅުވި އެވެ. އެގޮތުން އިގުތިސާދީ ގޮތުން މިފަދަ ދަތި ދަނޑިވަޅެއްގައި ރަސްމާލެއަށް ހަރަދުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްތޯ ނާޒިލް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ކޮބާތޯ އޭގަ ފޮރުވިފައި އޮތް ސިއްރަކީ އެހާ ބޮޑު އިންވެސްޓެއް ނޫނީ އެހާ ބައިވަރު ފައިސާއެއް ސަރުކާރުން ރަސްމާލެ ހިއްކަން އެ ބޭނުން ކުރަނީ ކޮން މަންފާއެއް، ކޮން ކަމެއް ރައްޔިތުންނަށް ކޮށްދެވޭތީތޯއޭ، ހަގީގަތަކީ މީގެ ސުވާލަކަށް ޖަވާބެއް މިބޭފުޅުން ނުއެއް ދެއްވާ، ވިދާޅުވަނީ ތިމަންނަމެންގެ މެނިފެސްޓޯގެ ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދާ ނިމިއްޖެ ކަމަށްއިބްރާހީމް ނާޒިލް
ދިވެހިރާއްޖޭގެ އިގުތިސާދު 12 އިންސައްތަ ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވާ ނާޒިލް ވަނީ މިހާލަތުގައި ވެސް ރައީސް މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަކިނުކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ، ތެލުގެ ދަތިކަމެއް އަތުވެދާނެ ކަމުގެ ހަބަރުތައް މިހާރު ފެތުރެމުންދާ ކަމަށާއި، މިފަދަ ކަމެއް ދިމާވެއްޖެ ނަމަ ގައުމު ވަރަށް ނިކަމެތި ހާލަތަކަށް ދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގުތިސާދު މި އަހަރުގެ ތެރޭގައި 6.4 ޕަސެންޓުން ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދުގެ ކުރިއެރުން ނުވަތަ ރިއަލް ޖީޑީޕީ، މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12.3 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.











