ޔާމީންގެ ފޮޓޯގެ އަނެއް ފަރާތުގައި މުއިއްޒު ލިޔުއްވި ވާހަކަތައް
20 ސެޕްޓެމްބަރު 2026 | އާދީއްތަ 08:59ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ކަންކަމަކީ އަދުލުވެރި ކަންކަން ކަމަށް ކުރިން ވިދާޅުވި ނަމަވެސް، ރައީސް މުއިއްޒު މިހާރު ވަނީ އެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަނުގެ ވާހަކަތައް ދައްކަވަން ފަށްޓަވާފައި. މިއީ ވެރިކަމަށް ވަޑައިގަތުމަށްޓަކައި ދެއްކެވި ވާހަކަފުޅުތަކާ ދިމާ އިދިކޮޅު، ސިޔާސީ މަގުސަދެއްގައި ގެންގުޅުއްވާ ތަފާތު ރާގުތަކެއް


ރިޔާސީ އިންތިޚާބަށްފަހު، 2023 އޮކްޓޫބަރު 2 ވީ ހޯމަ ދުވަހު މާލޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އިންތިޚާބުވެވަޑައިގަތް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ގެޓީ އިމޭޖަސް
އޭރުވެސް މިހާރުވެސް އަދި ފަހުންވެސް ދެބަސްނުވެވޭނެ ހަގީގަތަކީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޔާމީނުގެ މޯހިރުން ކަމެވެ. ބެހެއްޓި ހުސްގޮނޑި އެކަންޏެއް ނޫނެވެ. ޔާމީނަށް ކުރެއްވި ތައުރީފެވެ. ކުރެއްވި ހުޝާމިދެވެ. މުއިއްޒުވެސް ކެބިނެޓްގައި އިންނެވި ޔާމީންގެ ސަރުކާރުގެ ރަނގަޅު ވާހަކަ އެވެ. ޔާމީންއަށް ވާދަކުރެއްވެން ނެތުމުން މުއިއްޒު ވެރިކަމަށް ކުރިމަތި ލެއްވިނަމަވެސް އެމަނިކުފާނުފަދަ ވެރިއަކު ނާންނާނެ ކަމަށް ޚުދު މުއިއްޒު ވިދާޅުވި ވިދާޅުވުމެވެ. ޔާމީން ހިންގެވި އަދްލުވެރި ސަރުކާރެވެ. އިންސާފްވެރި ސަރުކާރެވެ. އަދްލު އިންސާފް ގާއިމުކުރައްވާފައިވާ ވެރިކަމެވެ. އެކަމަށްޓަކައި އެމަނިކުފާނު ނެތުމުގެ ހިތާމައިގައި އެމަނިކުފާނަށް ގޮނޑިއެއް ހުސްކޮށް ބެހެއްޓުމުގެ އިތުރުން މުއިއްޒުއާއި ނައިބު ރައީސަށް ވުރެ ބޮޑުކޮށް ޕޯސްޓަރުތަކުގައި ހިމެނީ ޔާމީންގެ ފޮޓޯ އެވެ. އެ ފޮޓޯ މެދުވެރިކޮށް އެތައް ވާހަކައެއް ރައްޔިތުންނަށް ބުނެދިނުމަށެވެ.
މުއިއްޒު އޭރު އެކަން އެގޮތައް ކުރެއްވިއިރު އާއްމުންނާ އިދިކޮޅު މީހުން އެސަރުކާރަށާއި ޔާމީނަށް އިންތިހާއަށް ފާޑު ކިޔެވެ. އޭގެ ތެރެއިން ވެސް ހުނިޖަހާލާފައި ނަގާ ކަމަކީ އަނިޔާވެރިކަމާއި އަދުލު އިންސާފް ނެތްކަމެވެ. ސިޔާސީ ހުރިހާ އިދިކޮޅު މީހުން ހައްޔަރު ކުރުމާއި ސުޕްރީމް ކޯޓު ފުރާޅުން ޓިނުނަގައިގެން ސިފައިން ވައްދާ އެތަނުގެ ފަނޑިޔާރުން ހައްޔަރުކުރި ވާހަކަ އެވެ.
އޭރު އެ ވާހަކަތައް ދެއްކުމުން އެއީ ދޮގެއް ކަމަށް ބުނަމުން ދިޔައީ މުއިއްޒު ވެސް ހިމެނޭ ގޮތައް އޭރުގެ ޕީޕީއެމް މީހުންނާއި ޕީއެންސީ މީހުންނެވެ. ނިމިދިޔަ ސަރުކާރުގައި ސުޕްރީމް ކޯޓް ދޮށަށް އެއްވެ މުއިއްޒުއާއި މުއިއްޒުގެ މީހުން މުޒާހަރާކުރީ އެވަރު އަދްލުވެރި ވެރިއަކަށް ހަރާމް ހުކުމެއް ކޮށްގެންނެވެ.
ބަދަލުވީ އެއްކަލަ މުއިއްޒެވެ. ފޮޓޯ ގަނޑުން މުއިއްޒު ސިފަކުރެއްވި ކަންމަކީ ދޮގެއް ކަމަށް ވިދާޅުވާން އެފެށީ ސީދާ މުއިއްޒެވެ. ޔާމީނު ސަރުކާރުގެ ވަތުބަތާނަ އެ ނަގަނީ މުއިއްޒު އެވެ.
އޭރު ޔާމީނަށް ކުރީ ސިޔާސީ ހަރާމް ހުކުމެއް ކަމަށް ވިދާޅުވި މުއިއްޒު މިހާރު އެ ވިދާޅުވާން ފެށީ މުޅިން އެހެން ވާހަކަތަކެކެވެ.
މާޒީގައި ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުން ރަހީނުކުރުމާއި، ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ހާދިސާތަކަށް އިޝާރާތްކުރައްވައި މުއިއްޒު އެ ވިދާޅުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖަލު ގޮޅީގައި ތިއްބެވި މަންޒަރު އެމަނިކުފާނު އަމިއްލަފުޅަށް ދެކެވަޑައިގެންނެވި ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތި ތަޖުރިބާއެއް ކަމަށް މުއިއްޒު ވިދާޅުވީ އެވެ. އެ ވިދާޅުވާ ކަންކަން ހިނގި ދުވަސްވަރު މުއިއްޒު އިންނެވީ ޔާމީންގެ ކެބިނެޓްގައި އަތްޖައްސަވާށެވެ.
އޭރު އެކަން ކަމުގޮސްގެން ވަޒީރު ކަމުގައި ޔާމީން އަރިހުގައި ޔާމީން ސަރުކާރުގައި އުޅުއްވި މުއިއްޒު މިހާރު އެ ވިދާޅުވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ރައްޔިތުންގެ ހައްގުތަކަށާއި މުދަލަށް އަރައިގަނެފައި ތިބޭ މީހުންނަށް އޮން އުސޫލުގެ ތެރެއިން މައްސަލަ ބެލެން ޖެހޭނެ ކަމަށާއި އެކަން ނުކޮށް ދޫކޮށްލުމަކީ އަދުލުވެރިވުމެއް ނޫން ކަމަށެވެ.
އޭރު ގިނަ ރައްޔިތުން ނުކުމެ ޔާމީނާ ދެކޮޅަށް މުޒާހަރާކުރިއިރު ޔާމީން ދިފާއު ކުރައްވަން ކޮނޑު ވިއްދައިގެން ހުންނެވި އެއްބޭފުޅަކީ މުއިއްޒެވެ. ރާއްޖޭގެ ތާރީޚުގައި ހިނގައިފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަނުގެ މައްސަލަ ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާ ގުޅުންހުރި މައްސަލައެއްގައި ޔާމީނަށް ކުރި ތުހުމަތާއި ޔާމިނަށް ކުރި ހުކުމް ނަފީ ކުރެއްވީ ސީދާ މުއިއްޒެވެ. އެ ހަރާމް ހުކުމް ބާތިލްކޮށް ޔާމީން މިނިވަން ކުރާނެ ކަމަށް ވިދާޅުވެ ކެމްޕޭއިންގައި އެންމެ ގިނައިން މުއިއްޒު ދެއްކެވީ އެވާހަކަ އެވެ. މުއިއްޒުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެންމެ މުހިންމު އެއް ވައުދުފުޅަކަށް އޮތީ ޔާމީން މިނިވަން ކުރެއްވުމެވެ.
ކޮންމެއަކަސް އޭރު މުއިއްޒު އެ ވިދާޅުވީ މުއިއްޒަށްވުރެ ބޮޑުކޮށް ކެމްޕެއިން ޕޯސްޓަރުގައި ޔާމީންގެ ފޮޓޯ ޖައްސަވައިގެން މުއިއްޒު ވެރިކަމަށް އަންނަން ދެއްކެވި ޔާމީންގެ ވާހަކަ އެވެ. އެކަމަކު މިހާރު މިފެންނަނީ އޭރު ވެސް އެ ފޮޓޯގެ ފަހަތުގައި މުއިއްޒު ލިޔުއްވައިގެން އުޅުއްވި ވާހަކަތަކެވެ. ޑަބަލް ޓޭޕޭ، ރާގު ބަދަލު ވިއްޔޭ، ކަންއޮތްގޮތޭ، އޭރުގެ ހާލަތޭ ކިއުމުގެ ބޭނުމެއް ނެތެވެ. އަސްލު މުއިއްޒުގެ ސޫރަ އެ ދައްކާލަނީ މިހާރު އެވެ. ފޮޓޯގެ ނުފުށުގައި ލިޔެފައިވާ ވާހަކަތައް އެބުނެދެނީ މިހާރު އެވެ. ފޮޓޯގެ ކުރިމަތިން ވިދާޅުވި ވާހަކަތައް އޭރު ގެންނެވީ ވެރިކަމަށް ވަޑައިގަންނަވާށެވެ. އެކަމަކު މިފަހަރު އެހެން ދައުރެއްގެ ބޭނުމުގައި އެ ދައްކަވަނީ ފޮޓޯގެ ފަހަތެވެ. ވަރަށް ސާފެވެ. ވަރަށް ސަލާމެވެ.









