ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި
15 ސެޕްޓެމްބަރު 2026 | އަންގާރަ 18:54ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރާފައިވާކަން ޗެއާޕާރސަން އަބްދުއްރަހީމް ފާހަގަކުރެއްވި. އިގުތިސާދީ ގޮންޖެހުންތަކާއެކު ވެސް ރައީސް މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް ތައުރީފުކުރައްވައި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި


ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވަނީ ބައިވެރިވަޑައިގަންނަވާފައި | ސަން އޮންލައިން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ހުޅުވުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ޤަވާއިދު ބަޔާންކުރާ ގޮތުގެ މަތިން ޕާޓީގެ މަޤާމުތަކަށް ބޭފުޅުން އިންތިޚާބުކޮށް، އެ ޕާޓީގެ ކުރިމަގުގެ ސިޔާސަތުތައް ކަނޑައަޅާނެ އެވެ. އަންގާރަ ދުވަހުގެރޭ ބޭއްވި މި ރަސްމިއްޔާތުގައި ޕީއެންސީގެ އިސް ލީޑަރުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ޕީއެންސީގެ ކޮންގްރެސް ފެށުމުގެ ޖަލްސާގެ ތެރެއިން | ސަން އޮންލައިން
މި ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާރސަން އަބްދުއްރަހީމް އަބްދުﷲގެ ވާހަކަފުޅުގައި، ޕީއެންސީ އިން ރައްޔިތުންނާ ގާތުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕާޓީގެ މެންބަރުންގެ އަދަދު 3،000 އިން 80،000 އަށް ވުރެ މައްޗަށް އަރައިގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. އަދި މި ސަރުކާރު ދެމެހެއްޓުމުގައި ޕާޓީގެ ހުރިހާ މެންބަރުން ފުރިހަމަ އިޚުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު އަށް އެރުވި އެވެ.
މީގެއިތުރުން، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ޤައުމުގެ އިގުތިސާދު ވަރަށް ބޮޑަށް އިނދަޖެހިފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ނަޝީދުގެ ބަސްފުޅަކުން މިސާލު ޖައްސަވާނަމަ މި ސަރުކާރަށް ލިބުނީ "ދަރަނީގެ ރަސީދެއް" ކަމަށެވެ. އެހެންކަމުން، "ދިވެހީންގެ ރާއްޖެ" ބިނާކުރުމަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅަށް ޤައުމީ ފެންވަރުގައި އެއްބާރުލުން ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ. މިއާ އެކު ރައީސް މުއިއްޒު އަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށާއި ދެއްވަން ޖެހޭ ސަބަބުތައް އަބްދުއްރަހީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އަބްދުއްރަހީމްގެ މި ވާހަކަފުޅަށް ރައީސް ނަޝީދު ވަނީ އަތްތިލަބަޑި ޖައްސަވައި ތަރުހީބު ދެއްވާފަ އެވެ.
ޕީއެންސީގެ ކޮންގްރެސް ކުރިއަށް ދާނީ އަންގާރަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.











