ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތް، ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަންކަން ކުރާތަން ފެނޭ: ރައީސް މުއިއްޒު
15 ސެޕްޓެމްބަރު 2026 | އަންގާރަ 16:41ޕީއެންސީގެ ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމުގެ މަސްލަހަތު އިސްކޮށް، ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދިނުމަށް ގޮވާލައްވާފައި. ނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޚާރިޖީ ގުޅުންތަކަށް ބުރޫއަރައި، ވައުދުވި ހަމަޖެހުމާއި ތަރައްގީ ނުފެންނާތީ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި


ޕީއެންސީ ކޮންގްރެސްގައި ބައިވެރިވި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިން ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ | ޕީއެންސީ
ސިޔާސީ މައިދާނުގައި އެއްވެސް އިމެއް ނެތި، ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ސިޔާސީ މައިދާނުގައި ކަންކަން ދާ ގޮތަށް ބަލާއިރު، ވަރަށް ޒިންމާދާރުކަން ކުޑަކޮށް، އެއްވެސް ކަހަލަ އިމެއް ނެތި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އެކި ކަންކަން ކުރަމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމަކަށް ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީގެ މުޅި ފަލްސަފާއަކީ ގައުމަށް ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ގެނެސްދިނުމެވެ. ޕީއެންސީއަކީ ޒިންމާދާރު ސިޔާސީ ޕާޓީއެއްކަމަށް ފާހަގަކުރައްވަމުން، އެ ޕާޓީން އަބަދުވެސް އެންމެ އިސްކުރާނީ ގައުމު ކަމަށާއި، އެއްވެސް އަމިއްލަ ވަކި ބޭފުޅެއްގެ ނުވަތަ މީހެއްގެ މަސްލަހަތު އިސްނުކުރާނެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެން އިސްކުރަނީ ގައުމު. ދީނާ އަޅުގަނޑުމެންގެ ސަގާފަތާ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަން. އެހެންވީމަ އަޅުގަނޑުމެންގެ ސިޔާސަތަކީ ޚާރިޖީ ގޮތުން ވެސް ދިވެހިރާއްޖެ އިސްކުރުން. ވަރަށް ސާފު ހިތަކާއިގެން ވަރަށް އިޚްލާސްތެރި ނިޔަތަކާ އެކު ވަރަށް މާތް މަގުސަދެއްގަ މަސައްކަތް ކުރަނީރައީސް މުއިއްޒު
ސަރުކާރާއި ޕާޓީގެ އޮތީ ވަރަށް ސާފު އެޖެންޑާއެއް ކަމަށާއި، އެއީ "ފުރަތަމަ ގައުމު" އިސްކޮށް، ގައުމަށް ހެޔޮއެދުމާއި ހަމަޖެހުމާއި ރައްކާތެރިކަމުގެ އިތުރުން ގައުމަށް ތަރައްގީ ހޯދައިދިނުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް، ވެރިކަމަށް 2 އަހަރާ ބައިވެގެންދިޔައިރު ވެސް ރައްޔިތުންނަށް އެދެވޭ ހަމަޖެހުމެއް ލިބިފައިނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައާއި އެކި އެކި ފޯރަމްތަކުގައި ދައްކަވާފައިވާ ވާހަކަތަކުގެ ސަބަބުން، ބޭރުގެ ބައެއް ގައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރައި، އޭގެ ނޭދެވޭ އަސަރު ގައުމަށް ކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ. މިގޮތުން ވައުދުވި ހަމަޖެހުމާއި ތަރައްގީ އަމަލީ ގޮތުން ނުފެންނާތީ މި ސަރުކާރަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.











