ހޫޘީންގެ ބާރުގެ ދަށުގައި އޮތް މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ ވައިގެ ހަމަލާތަކެއް
12 ސެޕްޓެމްބަރު 2026 | ހޮނިހިރު 05:44ޔަމަނުގެ ދާޚިލީ ހަނގުރާމަ ވަރުގަދަވެ، ހޫޘީންނާއި ސަރުކާރުގެ ފައުޖުތަކުން އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދުތަކެއްގެ ކޮންޓްރޯލް ހޯދުމަށް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން. މި ގޮތުން، ހޫޘީން ރަތް ކަނޑުގެ އައްސޭރިފަށުގެ ބައެއް ސިޓީތައް ހިފާފައިވާއިރު، ސަރުކާރުގެ ފައުޖުތަކުން ވެސް ދަނީ އުތުރުގެ ޕްރޮވިންސްތަކުގައި ކުރިއެރުންތައް ހޯދަމުން

ޔަމަނުގެ އިސްތިރާތީޖީ މުހިންމު ސިޓީއެއް ކަމަށްވާ މުޚާއަށް ހޫޘީ ހަނގުރާމަވެރިން ވަދެގަންނަ މަންޒަރު | އައިއާރްއެންއޭ ނޫސް އޭޖެންސީ
ޔަމަނުގެ ހުޅަނގުދެކުނުގައި އޮންނަ މުޚާ އެއާޕޯޓަށް ސައުދީ އަރަބިއްޔާގެ އަސްކަރީ މަތިންބޯޓުތަކުން ދެ ހަމަލާއެއް ދީފައިވާ ކަމަށް ހޫޘީން ބުނެފި އެވެ. ޔަމަނުގެ ހަތިޔާރުއެޅި ހޫޘީ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ސަބާ ނޫސް އޭޖެންސީން ބުނީ، ސައުދީ އަރަބިއްޔާގެ މަތިންދާބޯޓުތަކުން އެއާޕޯޓަށް ދެ ހަމަލާއެއް ދިން ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގައި ލިބިފައިވާ ގެއްލުމުގެ ތަފުސީލުތައް އަދި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވިކަން އެ ނޫހުން ސާފުކޮށްދީފައެއް ނުވެ އެވެ. އަދި، ހޫޘީން ކުރި މި ތުހުމަތުތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މުޚާ އެއާޕޯޓަށް ހަމަލާދިން ކަމަށް ރިޕޯޓުކޮށްފައި މި ވަނީ، ސައުދީ އަރަބިއްޔާގެ ދެކުނުގެ ސިޓީތައް ކަމަށްވާ ޚަމީސް މުޝައިޠާއި، އަބްހާ އަދި ޖީޒާނަށް އަމާޒުކޮށް ހޫޘީން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާތަކެއް ދީފައިވާ ކަމަށް، ޔަމަނުގެ ގާނޫނީ ސަރުކާރަށް އެހީތެރިވާ ސައުދީ އަރަބިއްޔާއިން އިސްވެ އުފެއްދި އަސްކަރީ އިއްތިހާދުގެ ތަރުޖަމާނު ތުރުކީ އަލް-މާލިކީ ވިދާޅުވިތާ ދެ ދުވަސް ފަހުން އެވެ.
ޔަމަނުގެ އަހުލީހަނގުރާމައިގެ ހަމަލާ ބަދަލުކުރުންތައް އަހަރުތަކަކަށް މަޑުޖެހިފައި އޮތުމަށްފަހު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ސަރުކާރުގެ ފައުޖުތަކާއި ހޫޘީންނާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަރުގަދަވެ، އެ ގައުމުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް އޮތް ގޮތުގެ ޗާޓަށް ފާއިތުވި ދުވަސްތަކުގައި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. މި ގޮތުން، ހޫޘީން ވަނީ ޙައިސް އާއި އަލް-ޚައުޚާ ސަރަހައްދަށް ވަދެ، ހުޅަނގުގެ އަލް-ހުދައިދާ ޕްރޮވިންސް އެއްކޮށް އެ ޖަމާއަތުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ. މީގެ އިތުރުން، ހޫޘީން ވަނީ ތާއިޒް ޕްރޮވިންސްގެ ހުޅަނގު ސަރަހައްދުތަކުގައި ކުރިއަށްޖެހި، ރަތް ކަނޑުގެ އައްސޭރިފަށުގެ ސިޓީތައް ހިފާފަ އެވެ. މީގެ ތެރޭގައި އިސްތިރާޖީ ގޮތުން މުހިންމު މުޚާ ސިޓީ ހިމެނޭއިރު، މިއާއެކު ބާބުލް މަންދަބު ކަނޑުއޮޅިއާ ހަމައަށް އެމީހުންގެ ބާރު ވަނީ ފުޅާކޮށްފަ އެވެ.
ހަމަމިއާއެކު، ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ވަނީ އުތުރުގެ އަލް-ޖައުފް ޕްރޮވިންސްގައި ކުރިއެރުންތަކެއް ހޯދައި، އެ ޕްރޮވިންސްގެ ވެރިރަށް އަލް-ޙަޒްމާ ގާތަށް ޖެހިލާފަ އެވެ. މީގެ އިތުރުން މައުރިބު، އަލް-ބައިޟާ އަދި އަލް-ޟާލިޢު ޕްރޮވިންސްގައި ދެ ފަރާތުގެ ފައުޖުތަކުން އަދިވެސް ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ.
ޔަމަނުގެ ހުޅަނގު އައްސޭރިފަށަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށް ބެލެވެނީ، އެ ސަރަހައްދު ރަތް ކަނޑުގެ އައްސޭރިފަށަށް ދެމިގެން ގޮސްފައިވުމާއި، ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅިއާ ކައިރީގައި އޮތުމުންނެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ހޫޘީން އެ ގައުމުގެ ވެރިރަށް ސަންޢާއާއި ބައެއް ޕްރޮވިންސްތައް ހިފުމާ ގުޅިގެންނެވެ. އަދި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް އެހީތެރިވުމަށް ޓަކައި ސައުދީ އަރަބިއްޔާ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން އެ ގައުމުގެ ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ 2015 ވަނަ އަހަރުގެ މާރިޗު މަހުގަ އެވެ.
މަސްދަރު: އަނަދޯލް އޭޖެންސީ











