ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ އުންމީދާއެކު ތެލުގެ އަގު ދަށަށް
26 އޯގަސްޓު 2026 | ބުދަ 06:13އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ތެލުގެ އަގު ވެސް 1.49 ޑޮލަރު ނުވަތަ 1.8 އިންސައްތަ ދަށަށް ގޮސް، ފީފާއަކަށް 80.87 ޑޮލަރަށް ވެއްޓިފައިވޭ


ހުރްމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުގައި އުޅަނދުތަކެއް | ރޮއިޓާސް
ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފަށާފައިވާ ދަނޑިވަޅެއްގައި، ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު ފީފާއަކުން 1.78 ޑޮލަރު ނުވަތަ ދެ އިންސައްތަ ދަށަށް ގޮސް، 86.80 ޑޮލަރަށް ވެއްޓިއްޖެ އެވެ.
އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ކްރޫޑް ތެލުގެ އަގު ވެސް 1.49 ޑޮލަރު ނުވަތަ 1.8 އިންސައްތަ ދަށަށް ގޮސް، ފީފާއަކަށް 80.87 ޑޮލަރަށް ވެއްޓިފައިވެ އެވެ.
ތެލުގެ އަގު ދަށަށް ދާން ފަށާފައި މި ވަނީ، ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިންމު ދައުރެއް އަދާކުރާ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވޭނެ ކަމަށް އުންމީދު ކުރެވޭތީ އެވެ. އީރާން އިން ހާމަކުރި ގޮތުގައި، އެ ކަނޑުއޮޅި ހިންގުމާ ބެހޭ ގޮތުން އަވަށްޓެރި އޮމާންއާ އެކު މަޝްވަރާތައް ވަނީ އަލުން ފެށިފައި އެވެ.
ބްރެންޓް އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް ދެ ބެންޗްމާކް ތެލުގެ އަގު ވެސް އަންގާރަ ދުވަހު ތިން އިންސައްތަ އަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވެ އެވެ.
ހުރްމުޒް ކަނޑުއޮޅި އަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަނޑުއޮޅި އެކެވެ. މި ކަނޑުއޮޅި ބަންދުވުމުން ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔަ އެވެ.
އީރާން އާއި އޮމާންއާ ދެމެދު މަޝްވަރާތައް ފަށާފައިވާކަމުގެ ޚަބަރު ލިބުމުން، މި ކަނޑުއޮޅި އަލުން ހުޅުވައި ތެލުގެ ވިޔަފާރި އާންމު ގޮތަކަށް ހިނގައިދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ އުންމީދު ކުރަމުންނެވެ. މިކަމުގެ ސަބަބުން ތެލުގެ އަގު ދަށަށް ފެށުމަކީ ބާޒާރަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ބެލެވެ އެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި، އެ ސަރަހައްދުގައި ސިޔާސީ ހާލަތު ރަނގަޅުވެ، ތެލުގެ އަގު މިހާރަށް ވުރެ ވެސް ދަށަށް ދާނެ ކަމަށް އުންމީދު ކުރެވެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ހިނގަމުންދާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ތެލުގެ އަގު އަދިވެސް ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މަސްދަރު: އަލް ޖަޒީރާ










