”ދައުރު“ އަށް ރައްދު ދީ ރައީސް އޮފީހުން ނެރުނު ބަޔާނަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް އައު ބަޔާނެއް ނެރެފި!
6 ސެޕްޓެމްބަރު 2026 | އާދީއްތަ 18:02ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ގެނައި ބަދަލަކީ މަޓީއާ މަޝްވަރާކުރުމަށްފަހު ނިންމި ނިންމުމެއް ނޫން ކަމަށް ބުނެ "ދައުރު" ނޫހުން ޝާއިއުކުރި ޚަބަރު ރައީސް އޮފީހުން ދޮގުކޮށްފި. އެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ، މި އިސްލާހާ ގުޅޭގޮތުން މަޓީގެ އިސްވެރިންނާ އެކި ފަހަރު މަތިން މަޝްވަރާކޮށްފައިވާނެ ކަމަށާއި އެހެންކަމުން ސަރުކާރުގެ ތަރުޖަމާނު ދޮގު ހެއްދެވި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް


ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) | ރައީސް އޮފީސް
"ދައުރު" ނޫހުން "ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު" ހަދާފައިވާ ކަމަށް ބުނެ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގެ ބަސްމަގަށް ފާޑުކިޔުން އަމާޒުވުމުން އެ ބަޔާން ޑިލީޓުކޮށް، އައު ބަޔާނެއް ރައީސް އޮފީހުން ނެރެފި އެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރާ ގޮތަށް ހަމަޖެއްސީ ރިސޯޓު އޯނަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާދިއްތަ ދުވަހު ވިދާޅުވުމަކީ "ބުހުތާނު ދޮގެއް" ކަމަށް ބުނެ ދައުރު ނޫހުން ވަނީ ޚަބަރެއް ޝާއިއުކޮށްފަ އެވެ.
އަދި މި ޚަބަރުގައި މުންދު އަށް ކުރި ތުހުމަތުތައް ދޮގުކޮށް ރައީސް އޮފީހުން ނެރުނު ފުރަތަމަ ބަޔާނުގައި ބުނީ އެ ޚަބަރަކީ "ރޯބުހުތާނު ދޮގެއް" ކަމަށެވެ. އަދި އެއީ ރައީސް އޮފީހުގެ ބަޔާނަކަށް ވާއިރު، އެ ބަޔާނުގައި ބޭނުންކޮށްފައިވާ ބަސްމަގުން، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެ، ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައި ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އެކަމާ ގުޅިގެން ރައީސް އޮފީހުން ވަނީ އެ ބަޔާން ޑިލީޓުކޮށް، އަނެއްކާ ވެސް ބަޔާނެއް ނެރެފަ އެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ ދައުރު ނޫހުން އާންމުކުރި އެ ޚަބަރުގައި މުންދު އަށް ކޮށްފައި ވަނީ "ހަގީގަތާ ހިލާފު ތުހުމަތެއް" ކަމަށެވެ.
ރައީސް އޮފީހުގެ މި ބަޔާނުގައި އިތުރަށް ބުނީ ދައުރު ނޫހުން އާންމުކުރި ޚަބަރުގައި ކޮށްފައިވާ ތުހުމަތަކީ ސަރުކާރުގެ އިސް ތަރުޖަމާނު، އާދިއްތަ ދުވަހު މީޑިއާއާ ކުރެއްވި މުއާމަލާތުގައި ދެއްކެވި ވާހަކައިގެ ތެރެއިން، ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރީ، ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ ސަރުކާރުން މަޝްވަރާކޮށް ދިރާސާކޮށްފައި ކަމަށް ވިދާޅުވީ، އެއީ ދޮގެއް ކަމަށާއި އަދި "ސަރުކާރުގެ ނިންމުމަކީ ސަޕްރައިޒެއް" ކަމަށެވެ.
ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސަލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮގަސްޓު މަހުގެ 31 ވަނަ ދުވަހު ތަސްދީގު ކުރެއްވުމާއެކު ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ ގްރޮސް ސޭލްސްގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައި ކަމަށް ބަޔާނުގައިވެ އެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ގްރޮސް ސޭލްސްގެ 20 އިންސައްތަ މާރުކުރަން ވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރައީސް އޮފީހުން ބުނީ ގާނޫނަށް އައި މި ބަދަލާއި އަދި ޖުމުލަގޮތެއްގައި މާލިއްޔަތާ ގުޅޭ ގޮތުން މި ގެނެވުނު އިސްލާހުތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާ މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި މަޓީގެ އެކި ވެރިންނާއި ވަކިވަކިން ވެސް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ބޭއްވުނު އެންމެ ފަހު ބައްދަލުވުމުގައި، ފާއިތުވި އޮގަސްޓު މަހުގެ 23 ވަނަ ދުވަހު، މަޓީ އަށް ދައުވަތު ދެވިގެން ރައީސް އޮފީހުގައި ސަރުކާރުގެ އިސްވެރިން، މަޓީގެ ވެރިންނާއެކު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށާއި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ބަންޑާރަނައިބު އަހްމަދު އުޝާމު އާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީނުގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު، އަހްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އަދި މަޓީ އިން މި ބައްދަލުކުރެއްވުމުގައި ޖުމުލަ 6 ބޭފުޅުން ބައިވެރިވެވަޑައިގަތްއިރު، އެންމެ އިސްބޭފުޅުންގެ ގޮތުގައި ތިއްބެވީ މަޓީގެ ވައިސް ޗެއަރމަނާއި ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގައި ރައީސް އޮފީހުން ބުނެ އެވެ.
ރައީސް އޮފީހުން ބުނީ 24 އޮގަސްޓު 2026 ގައި މަޓީ އިން ނެރުނު ޕްރެސް ރިލީޒުން ވެސް މި މަޝްވަރާ ބައްދަލުކުރެއްވުމުގައި މަޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާފައިވާކަން ހާމަވާ ކަމަށާއި މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށް އެ ބުނާ ބުނުމަކީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ. އަދި މަޓީ އަށް އެކަން ކުއްލި ހައިރާން ކަމަކަށްވީކަމަށް ބުނާ ބުނުމަކީ ވެސް ހަގީގަތާއި ޚިލާފަށް ބުނާ ބުނުމެއް ކަމަށާއި އެހެންކަމުން، ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހެއްދެވީ "ބުހުތާނު ދޮގެއް" ކަމަށް ބުނެފައި ވަނީ ހަޤީޤަތާ ޚިލާފަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.











