އަންނަ މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރަން ފާސްކޮށްފި!
26 އޯގަސްޓު 2026 | ބުދަ 11:02ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހުން ފާސްކުރިއިރު، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާނެ. މީގެ އިތުރުން، އެމްއެމްއޭއިން ކަނޑައަޅާ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރުގެ އަގު ހާމަކުރުމާއި އިސްތިހާރުކުރުން މަނާކޮށް، އެފަދަ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައި


އިސްލާހުތަކާ އެކު ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި | މަޖިލިސް
އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭ ގޮތް ހެދުމާއެކު ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބޭރު ފައިސާއާ ބެހޭ ބިލަށް ގެނައި އިސްލާހުތައް ފާސްކުރީ 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް 12 މެންބަރުން ވޯޓު ދެއްވި އެވެ.
ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު އަނބުރާ ކޮމެޓީއަށް ފޮނުވުމަށް ފާސްކުރީ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ.
އެއަށްފަހު އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ވަނީ ގެނަސްފަ އެވެ. އެގޮތުން ފަތުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން މާރު ކުރެވޭ ގޮތަށް އޮތް އިހްތިޔާރު އުވާލައި، ރިސޯޓުތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރު ކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ފާސްކޮށްފައިވެ އެވެ. އޭގެ އިތުރުން އެއްވެސް ފަރާތަކުން ބޭރު ފައިސާ ގަނެވިއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރުދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ވެސް ކޮމިޓީ އިން ވަނީ ފާސްކޮށްފަ އެވެ.
މީގެއިތުރުން ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓު ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓުތަކުގައި ކުރާ ވިޔަފާރި ޕްރޮމޯޓުކޮށް އިސްތިހާރު ކުރުމަކީ ކުށެެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ މައުލޫމާތު އިސްތިހާރުކޮށް ޕްރޮމޯޓު ކުރުން ކަމަށް ބުނެފައިވަނީ އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރުދީ، ފެތުުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކޮށް، ޝާއިއުކޮށް ފެތުރުމާއި ތަކުރާރުކޮށް ފޯރުކޮށްދިނުމެވެ.
މިފަދަ ކުށެއް ކުރާ ފަރާތެއް 25،000 (ފަންސަވީސް ހާސް) ރުފިޔާ އާއި 500،000 (ފަސް ލައްކަ) ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި ކަޅުބާޒާރުގެ ރޭޓުގެ ވާހަކަ އާންމު ކުރަނީ ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން ނަމަ، ޖޫރިމަނާކުރާނީ 100،000 (އެއް ލައްކަ) ރުފިޔާ އާއި 5،000،000 (ފަސް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ.
މި ގާނޫނަށް ހުށަހެޅި އިސްލާހުތައް ފާސްކޮށްފައިވާއިރު، މި ބިލު ތަސްދީގު ކުރުމާއެކު ގާނޫނުގައި ވަކި ފަރާތަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަކީ ޖިނާއީ ކުށެއްކަމަށް ގާނޫނެއްގައި ކަނޑައަޅާފައިވާ ނަމަ، އެފަދަ އަމަލެއް ކުރާ މީހަކަށް އިދާރީ އަދަބު ދިނުމާ އެކު އޭނާގެ މައްޗަށް ޖިނާއީ ދައުވާ އުފުލިދާނެ އެވެ. އަދި ސެޕްޓެމްބަރު 1 އިން ފެށިގެން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭ ގޮތް ހެދުމާއެކު ކަޅުބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.










