އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
26 އޯގަސްޓު 2026 | ބުދަ 07:59ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ ކަމަށާއި ރިސޯޓުތަކުން 40 އިންސައްތަ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ބަދަލުގައި ޓެކްސްތައް ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖައްސަންޖެހޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި. މީގެއިތުރުން އެމްއެމްއޭގެ މިނިވަންކަން ގެއްލި، އެ ތަނަކީ ރައީސް އޮފީހުގެ ނުފޫޒުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މެންބަރު ވަނީ ސިފަ ކުރައްވާފައި


ރައްޔިތުންގެ މަޖިލީހުގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | މަޖިލިސް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަކީ ރައީސް އޮފީހުން ހިންގާތަނެއް ކަމަށާއި ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކާއި އަދި އިސްލާހުތައް ބަލަން އެކަށީގެންވާ ވަގުތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބޭރު ފައިސާގެ މައްސަލައަކީ ގާނޫނީ ގޮތުން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މެންބަރު ޝަމްހީދު ވިދާޅުވީ، ގާނޫނު ނަންބަރު 30/2024 (ބޭރު ފައިސާއާ ބެހޭ ގާނޫނު) އެންމެ ފުރަތަމަ ވުޖޫދަށް އައި ދުވަހު ވެސް، މި ގާނޫނާއެކު ޑޮލަރުގެ އަގު 23 ރުފިޔާއަށް އަރައިގެންދާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު ގާތު ވިދާޅުވި ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތައް ކަމަށްވާ ނައިޖީރިއާ، ޒިންބާބުއޭ، ލެބަނާން އަދި އާޖެންޓީނާ ފަދަ ގައުމުތަކުގައި ވެސް މިއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކްރިމިނަލައިޒް ކޮށްގެން ހައްލުކުރަން އުޅެ ހައްލުވެފައިވާ ކަމެއް ނޫން ކަމަށް މެންބަރު ޝަމްހީދު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މެންބަރު ޝަމްހީދު ވިދާޅުވީ، އެމްއެމްއޭއަކީ ރައީސް އޮފީހުން ހިންގާތަނެއް ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަށް ރައީސް އޮފީހުގައި ޕްރެސް ކޮންފަރެންސެއް ނުދެއްވޭނެ ކަމަށެވެ. ނަމަވެސް ގަވަރުނަރު ފެނިގެންދިޔައީ ކެބިނެޓު ވަޒީރެއްގެ ގޮތުގައި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރަކަށް ރައީސް އޮފީހުގައި ޕްރެސެއް ނުދެއްވޭނެ އިއްޒަތްތެރި ރައީސް. އެ ހިސާބުން ގަވަރުނަރު އެ ހުރީ އެނގޭ ސަރުކާރުގެ ބޭފުޅެއްކަން އެއީ. މި ސަރުކާރު ނޫނީ ރައީސް އޮފީހުގެ ކެބިނެޓު ވަޒީރެއްގެ ގޮތުގައި މިއަދު ފެނިވަޑައިގެންނެވީ އެމްއެމްއޭގެ ގަވަރުނަރު. އެ ހިސާބުން ކިހިނެތްތޯ މި މައްސަލަ ހައްލު ކުރާނީޑރ. އަހްމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ މި ގާނޫނަށް އިސްލާހު ގެންނަނީ ރައްޔިތުންނަށް ޑޮލަރު ހޯދައިދިނުމަށް ނޫން ކަމަށާއި، ސަރުކާރަށް ބޭނުންވާ ޑޮލަރު ނުލިބިގެން ކަމަށެވެ. މެންބަރު ޝަމްހީދު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭ އަށް މާރުކުރަން މަޖުބޫރު ކުރުވާނަމަ، ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ގާނޫނަށް ބޯނލެބުން ހުއްޓާލާނެ ކަމަށެވެ. އަދި 40 އިންސައްތަ މާރުކުރަން ބޭނުންވާނަމަ، ޓީޖީއެސްޓީއާއި ލޭންޑް ޓެކްސް ފަދަ ޓެކްސްތައް ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖައްސައި ރުފިޔާގެ ޑިމާންޑު އުފައްދަންޖެހޭނެ ކަމަށާއި، އެ ނޫން ގޮތަކަށް މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.











