ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ މިންވަރު 10 އިންސައްތައަށް ބޮޑުކޮށްފި
31 އޯގަސްޓު 2026 | ހޯމަ 12:16ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތްހޯލްޑިންގ ޓެކްސް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙު މިއަދު ތަޞްދީޤުކުރައްވައިފި. މި ބަދަލުގެ މައިގަނޑު މަޤުޞަދަކީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިތަކަށް ހަމަހަމަ ވާދަވެރި މާޙައުލެއް ޤާއިމުކޮށްދިނުން ކަމަށް ބުނޭ. މި އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، ނޮން-ރެސިޑެންޓް ކޮންޓްރެކްޓަރުންގެ ޓެކްސް ބަޔާން ހުށަހެޅުމުގެ އިދާރީ މަސައްކަތްތަކަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފައި

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވަނީ | ރައީސް އޮފީސް
ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ މިންވަރު 10 އިންސައްތައަށް ބޮޑުކޮށް، ޤާނޫނު ނަންބަރު 2019/25 (އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވާފައިވަނީ، މިކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ބިލަކީ 2026 އޯގަސްޓް 23 ވީ އާދީއްތަ ދުވަހު އޮތް، މިއަހަރުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ، ދިވެހިރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި، ދިވެހި ވިޔަފާރިތަކާއި، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ، އަދި ވާދަވެރި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރަކަށް ދައްކާ ފައިސާގެ ޖުމްލައިން ވިތްހޯލްޑިންގ ޓެކުހުގެ ގޮތުގައި އުނިކުރުމަށް ކަނޑައަޅައިފައިވާ 5 އިންސައްތަ، 10 އިންސައްތައަށް ބޮޑުކުރުމެވެ. އަދި އެ ޢަދަދަކީ އެ ފަރާތްތަކުން ދައްކަން ޖެހޭ ފުރިހަމަ ޢަދަދު ކަމަށް ކަނޑައެޅުމެވެ.
މި އިޞްލާޙުގައި ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންނަކީ ކޮބައިކަން މާނަކޮށްދީފައިވެ އެވެ. މި އިޞްލާޙުގެ ސަބަބުން ނޮން-ރެސިޑެންޓުންގެ ޓެކްސް ބަޔާން ހުށަހެޅުމުގެ އިދާރީ މަސައްކަތަށް ލުއިފަސޭހަކަން ލިބޭނެ ކަމަށް ބުނެފައިވެ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަސްދީޤުކުރައްވާ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މި އިޞްލާހަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.











