ރައީސް މުއިއްޒު އުޅެނީ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަން، ބޭނުމަކީ ރާއްޖޭގެ ކޮންޓްރޯލް ނަގައިގެން ދިގު މުއްދަތަކަށް ވެރިކަމުގައި ހުރުން: ޔައުގޫބު
31 އޯގަސްޓު 2026 | ހޯމަ 03:28ޔައުގޫބު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ސަރުކާރަށް މާރުކުރަން ލާޒިމުކުރާއިރު، އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް. އެގޮތުން އޭނާ ވިދާޅުވީ މިހާރު ވެސް ރިސޯޓުތަކުގެ މުޅި އާމްދަނީގެ 17 އިންސައްތަ އަކީ ޓީޖީއެސްޓީ ކަމަށް. މިސާލަކަށް 100 ޑޮލަރު ލިބިއްޖެ ނަމަ، އޭގެ 17 ޑޮލަރު ދައްކަން ޖެހޭނީ ޓީޖީއެސްޓީ އަށް ކަމަށް. ޓީޖީއެސްޓީގެ އިތުރުން އެހެނިހެން ޓެކްސްތަކާ އެކު، މުޅި ޖުމުލަ އާމްދަނީގެ 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި


ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ | ރާއްޖެ އެމްވީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އެއްކޮށް ފުނޑާލަައްވަން ކަމަށާއި، އެކަމުގެ ބޭނުމަކީ މުޅި ރާއްޖޭގެ ކޮންޓްރޯލް ނަންގަވައިގެން، ވެރިކަމުގައި ދިގު މުއްދަތަކަށް ހުންނެވުން ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އާދީއްތަ ދުވަހުގެރޭ ވާހަކަ ދައްކަވަމުން ޔައުގޫބު ވަނީ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޔައުގޫބު ވިދާޅުވެފައި ވަނީ، އެއީ އެއްވެސް ބަޔަކާ މަޝްވަރާ ކުރުމެއް ނެތި ކޮށްފައިވާ ކަމެއް ކަމަށާއި، އެއީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލަން ސަރުކާރުން ކުރާ ކަމެއް ކަަމަށެވެ.
ޔައުގޫބު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ސަރުކާރަށް މާރުކުރަން ލާޒިމުކުރާއިރު، އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިހާރު ވެސް ރިސޯޓުތަކުގެ މުޅި އާމްދަނީގެ 17 އިންސައްތަ އަކީ ޓީޖީއެސްޓީ ކަމަށެވެ. މިސާލަކަށް 100 ޑޮލަރު ލިބިއްޖެ ނަމަ، އޭގެ 17 ޑޮލަރު ދައްކަން ޖެހޭނީ ޓީޖީއެސްޓީ އަށް ކަމަށް ޔައުގޫބު ވިދާޅުވި އެވެ. މީގެއިތުރުން ޓީޖީއެސްޓީގެ އިތުރުން އެހެނިހެން ޓެކްސްތަކާ އެކު، މުޅި ޖުމުލަ އާމްދަނީގެ 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ކަމަށް ވެސް ޔައުގޫބު ވިދާޅުވެފައިވެ އެވެ.
ޔައުގޫބް ވިދާޅުވީ އޭގެ ތެރެއަށް އަނެއްކާ 40 އިންސައްތަ މާރުކުރަން ޖެހުމުން، 100 ޑޮލަރު ލިބޭ ރިސޯޓަކުން ޖުމުލަ 70 ޑޮލަރު މާރުކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ވެސް، ކޮންމެ ރިސޯޓަކުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭ ކަމަށާއި، ރިސޯޓުތަކުގެ އޮޕަރޭޝަނަލް ޚަރަދުތަކަށް ވެސް ޑޮލަރުން ފައިސާ ބޭނުންވާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ.
މީގެ އިތުރުން ޔައުގޫބު ވިދާޅުވެފައި ވަނީ، މިއީ ސަރުކާރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލުމުގެ މަގުސަދުގައި ކުރާ ކަމެއް ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު ބޭނުންފުޅުވަނީ ހުރިހާ ކަމެއް އެމަނިކުފާނުގެ މުށު ތެރެއަށް ގެންނަވަން ކަމަށާއި، މުޅި ރާއްޖޭގެ ކޮންޓްރޯލް ނަންގަވަން ރައީސް މުއިއްޒު ބޭނުންފުޅުވާ ކަމަށެވެ. އެކަމުގެ ބޭނުމަކީ ދިގު މުއްދަތަކަށް ރާއްޖޭގެ ވެރިކަމުގައި ހުންނެވުން ކަމަށް ވެސް ޔައުގޫބު ވަނީ ވިދާޅުވެފައި އެވެ.
ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރުން މަޖުބޫރުވާ ގޮތަށް، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ އަޑު އުފުލަމުންނެވެ. ޚާއްސަކޮށް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ މިކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.











