ކަޅު ބާޒާރުގައި ބުރާސްފަތި ދުވަހު ވެސް ޑޮލަރު ހުރީ 22.85 ގައި!
20 އޯގަސްޓު 2026 | ބުރާސްފަތި 14:18އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު ކަޅު ބާޒާރުގައި ޑޮަލަރު ހުރި އެންމެ މަތީ އަގަކީ 22.85. އެއީ ބުދަ ދުވަހުގެ ހަވީރު ވެސް ޑޮލަރުގެ އަގު ހުރި މިންވަރު. ބުދަ ދުވަހުގެ ހެނދުނު ޑޮލަރެއްގެ އަގު 22.50 ގައި ހުރި ނަމަވެސް، ބުދަ ދުވަހުގެ ހަވީރު ވަނީ ޑޮލަރެއްގެ އަގު 22.85 އަށް އުފުލިފައި


މީހަކު ޑޮލަރުތަކެއް އަތައް ލައިގެން ގުނަނީ | ސޯޝަލް މީޑިއާ
ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެން ފަށާފައިވާއިރު، ބުރާސްފަތި ދުވަހު ވެސް ޑޮލަރެއްގެ އަގުހުރީ 22.85 ގަ އެވެ.
އެކި އެކި މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު ކަޅު ބާޒާރުގައި ޑޮަލަރު ހުރި އެންމެ މަތީ އަގަކީ 22.85 އެވެ. އެއީ ބުދަ ދުވަހުގެ ހަވީރު ވެސް ޑޮލަރުގެ އަގު ހުރި މިންވަރެވެ. ބުދަ ދުވަހުގެ ހެނދުނު ޑޮލަރެއްގެ އަގު 22.50 ގައި ހުރި ނަމަވެސް، ބުދަ ދުވަހުގެ ހަވީރު ވަނީ ޑޮލަރެއްގެ އަގު 22.85 އަށް އުފުލިފައި އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާ އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށް ވުރެ 7.43 ރުފިޔާގެ ބޮޑު އަދަދެކެވެ. ރާއްޖޭގައި ޑޮލަރުގެ ރޭޓު އިންތިހާ އަށް މަތިވަމުންދާއިރު، މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޑޮލަރުގެ އަގު އުފުލޭނެ ކަމަށެވެ. އެގޮތުން 25 ރުފިޔާ އަށް ޑޮލަރެއްގެ އަގު އެރުމަކީ ގާތް ކަމެއް ކަމަށް ގިނަ ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށް ދަނީ ރިސޯޓުތަކުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނެސްފައިވާ އުސޫލާ ގުޅިގެން ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.
އެކަމުގެ ކަންބޮޑުވުން އިންތިހާ އަށް އުފެދިފައިވާ މިދަނޑިވަޅުގައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ، އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރުދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް، އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ބުދަ ދުވަހު ވަނީ އިސްލާހެއް ގެނެސްފައި އެވެ.









