ޖަޕާނުގެ ނަގަސާކީއަށް އެޓަމް ބޮން އެޅުން ނުހުއްޓުވުނީ ކީއްވެ؟
23 އޯގަސްޓު 2026 | އާދީއްތަ 06:47ނަގަސާކީއަށް އެޓަމް ބޮން އެޅުމުގައި ބައިވެރިވި ފިޒިސިސްޓް ފިލިޕް މޮރިސަން ބުނި ގޮތުގައި، އެ ހަމަލާއަކީ އޭރުގެ ހާލަތު އޮތްގޮތުން ހުއްޓުވޭނެ ފުރުޞަތެއް އޮތް ކަމެއް ނޫން. ޖަޕާނުގެ ސިޓީތަކަށް ލިބުނު ބޮޑު ގެއްލުން ދިރާސާކުރުމަށްފަހު، އޭނާ ވަނީ ނިއުކްލިއާ ހަތިޔާރު އިތުރުކުރުމާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ ހަމަލާއެއް ދިނުމުގެ ކުރިން އެކަށީގެންވާ އިންޒާރެއް ދޭންޖެހޭނެ ކަމަށް ބުނެފައި

1945 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 9 ވަނަ ދުވަހު، ޖަޕާނުގެ ނަގަސާކީ ސިޓީއަށް ވައްޓާލި އެޓަމް ބޮމާއެކު އުފެދުނު ރޭޑިއޯއެކްޓިވް ދުމުގެ ބޯ ވިލާގަނޑު، އެ ސިޓީއާ 9.6 ކިލޯމީޓަރު ދުރުގައި އޮންނަ ކޮޔާގީ-ޖީމާއަށް ފެންނަ ގޮތް | ގެޓީ އިމޭޖަސް
ދެވަނަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، 1945 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 9 ވަނަ ދުވަހު ޖަޕާނުގެ ނަގަސާކީއަށް ޕްލޫޓޯނިއަމް ބޮމެއް ވައްޓާލި އެވެ. އޭގެ 30 އަހަރު ފަހުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި، އެ ބޮން ތައްޔާރުކުރުމުގައި ބައިވެރިވި އެމެރިކާގެ ފިޒިސިސްޓަކު ވަނީ، އެ ބޮން ގޮއްވާލުން ހުއްޓުވެން ނެތް ސަބަބާއި، އިތުރު ބޮންތައް ގޮއްވާލުމަށް ރޭވިފައި އޮތް ގޮތުގެ ތަފުސީލު ހާމަކޮށްފަ އެވެ.

ނިއުކްލިއާ ފިޒިސިސްޓެއްގެ އިތުރުން ލޮސް އަލާމޯސް އެޓޮމިކް ލެބޯޓްރީގެ މެންބަރެއް ކަމަށްވާ ފިލިޕް މޮރިސަން، އެޓަމް ބޮމުގެ ސަބަބުން ލިބުނު މަރުގެ ގެއްލުންތަކާއި ކުރިމަތިވި ބޮޑެތި ނުރައްކާތަކުގެ ތަފްސީލް އެޓޮމިކް ހަކަތަ ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ބޭއްވި ހާއްސަ އަޑުއެހުމެއްގައި ވާހަކަދައްކަނީ | ގެޓީ އިމޭޖަސް
"އެކަން ކުރީ އިންސާނިއްޔަތުކަން ނެތިގެންނެއް ނޫން. އެކަން ކުރީ އިންސާނިއްޔަތާ މެދު އޮތް ކަންބޮޑުވުމެއްގެ ސަބަބުން. ފަހަރުގައި އެއީ ކުރެވުނު ފާފައަކަށް ވެދާނެ،" އޭނާ ބުންޏެވެ.
1945 އޮގަސްޓް 9 ގައި ނަގަސާކީއަށް އެޓަމް ބޮން އެޅުމުގައި ބައިވެރިވި އެމެރިކާގެ ފިޒިސިސްޓް ފިލިޕް މޮރިސަން، އެ ނުރައްކާތެރި ހަމަލާގެ ދުވަސްތަކާއި ހަފުތާތަކެއް ކުރިން ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން ބީބީސީއާ ވާހަކަދައްކަމުން ވަރަށް ތަފުސީލީ މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފަ އެވެ.
މޮރިސަންއަކީ އެންމެ ފުރަތަމަ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އެކުވެރި ދައުލަތްތަކުން ކުރިއަށްގެންދިޔަ ސިއްރު މަޝްރޫޢު ކަމަށްވާ "މެންހަޓަން ޕްރޮޖެކްޓް" ގައި މުހިންމު ދައުރެއް އަދާކުރި މީހެކެވެ. އޭނާ މަސައްކަތް ކުރީ އޭނާގެ ކުރީގެ މުދައްރިސް ޖޭ. ރޮބަޓް އޮޕަންހައިމަރުގެ އިރުޝާދުގެ ދަށުން ހިންގި ލޮސް އެލާމޯސް ލެބޯޓްރީގަ އެވެ. 1945 ޖުލައި 16 ގައި އެންމެ ފުރަތަމަ އެޓަމް ބޮން ޓެސްޓުކުރި "ޓްރިނިޓީ ޓެސްޓް" ގައި ބައިވެރިވެ، އެ ބޮމުގެ ޕްލޫޓޯނިއަމް ކޯ ނިއު މެކްސިކޯއަށް ގެންދިޔަ ކާރުގައި އޭނާގެ އުނގުމަތީގައި ބާއްވައިގެން އުފުލީ މޮރިސަން އެވެ. އޭގެ ފަހުން އޭނާ ދިޔައީ ސައިޕަންގެ ދެކުނުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ޓިނިއަންއަށެވެ. އެއީ ނަގަސާކީއަށް ވައްޓާލި "ފެޓް މޭން" ޕްލޫޓޯނިއަމް ބޮން ތައްޔާރުކުރުމަށެވެ. ހިރޯޝީމާއަށް ބޮން އެޅިތާ ތިން ދުވަސް ފަހުން، އޮގަސްޓް 9 ވަނަ ދުވަހު ބީ-29 މަތިންދާބޯޓަށް އެ ބޮން އެރުވުމުގެ ކަންކަން ބެލެހެއްޓީވެސް އޭނާ އެވެ.
މޮރިސަން ސިފަކުރި ގޮތުގައި، އެމެރިކާ ސިފައިން ޓިނިއަންގައި ބިނާކުރީ "ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް" އެވެ. 1945 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސެނެޓް ކޮމިޓީއަކަށް ދިން ބަޔާނެއްގައި އޭނާ ބުނެފައިވަނީ، ބޮޑު ފަރުތަކެއްގެ ދެބައިކުޅަ އެއްބައި ފުނޑުފުނޑުކޮށްލައިގެން ބިންގަނޑު އެއްވަރުކޮށް، ކޮންމެ ރަންވޭއެއްގައި ގާތްގަނޑަކަށް ދެ މޭލު ހުންނަ ވަރުގެ ހަ ރަންވޭ އެތަނުގައި ހެދި ކަމަށެވެ.
ލިބުނު ގެއްލުމުގެ މިންވަރު
ޖަޕާނުގެ ސިޓީތަކަށް ބޮން އެޅުމަށް ވެފައިވާ ތައްޔާރީތަކުގެ ބޮޑުމިންވެސް މޮރިސަންގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ. "ކޮންމެ ދުވަހަކު ބަނދަރުގައި އެތައް ހާސް ޓަނެއްގެ އޭވިއޭޝަން ތެޔޮ ބަރުކޮށްފައިވާ ޓޭންކަރުތައް އޮވޭ. ބޮޑެތި ރަންވޭތަކުން ބިޔަ މަތިންދާބޯޓުތައް އުދުއްސާލާ. ކޮންމެ 15 ސިކުންތަކުން ބީ-29 މަތިންދާބޯޓެއް ވައިގެ ތެރެއަށް އަރާ. ގަޑިއެއްހާއިރު ވަންދެން މިކަން މިގޮތަށް ކުރިއަށްދޭ. އެއްފަހަރާ އެއްގަޑިއިރު ތެރޭގައި އެއްހާސް ބީ-29 މަތިންދާބޯޓު ބޭނުންކޮށްގެން ސިޓީއެއްގެ އެތައް މޭލެއް އަންދާލާ،" އޭނާ ކިޔައިދިނެވެ.
ނަމަވެސް، އޭނާ ބުނީ "އެޓަމް ބޮމަކީ މުޅިން ތަފާތު އެއްޗެއް" ކަމަށެވެ.
"އެޓަމް ބޮން އުފުލާކަށް ގިނަ ބޯޓުފަހަރުތަކެއް ބޭނުމެއް ނުވޭ. ހަތިޔާރު އުފުލާ މީހުންނާއި ބޮންތައް ގުދަންކުރާ ތަންތަނުގެ ބަދަލުގައި، އެތަނުގައި ތިބީ ލޮސް އަލާމޯސްއިން އައި 25 ވަރަކަށް މީހުން. ބޮން އެޅުމުގެ މިޝަން ފެށީ މެންދަމުން އަލިވީ ފަހުން. އެ ވަގުތު މުޅި މައިދާން އޮތީ ހުސްކޮށް. އެންމެ މަތިންދާބޯޓެއް ރަންވޭއިން ނައްޓާލައިގެން ދުޝްމަނުންގެ ސިޓީތަކާ ދިމާލަށް މިސްރާބު ޖެހީ،" އޭނާ ބުންޏެވެ.
އަންދާޒާކުރެވޭ އަދަދުތައް ތަފާތުވި ނަމަވެސް، ނަގަސާކީއަށް ބޮން އެޅި ވަގުތު 40،000 މީހުން މަރުވި ކަމަށް ބެލެވެ އެވެ. އަދި އޭގެ ފަހުން ފާއިތުވި ފަސް އަހަރު ތެރޭގައި ބޮމުގެ ސަބަބުން ލިބުނު ގެއްލުންތަކުގައި 100،000 އަށްވުރެ ގިނަ މީހުން މަރުވި އެވެ. ހިރޯޝީމާގައި ވަގުތުން 80،000 މީހުން މަރުވިއިރު، ފިހުމާއި، އަނިޔާތަކާއި، އަދި ރޭޑިއޭޝަންގެ ސަބަބުން މަރުވި މީހުންގެ ޖުމްލަ އަދަދު 140،000 އަށް އަރަ އެވެ.
މޮރިސަން ފަހުން ވަނީ ސައިންޓިފިކް ޓީމެއްގެ މެންބަރެއްގެ ގޮތުގައި ޖަޕާނުގެ މި ދެ ސިޓީއަށް ލިބުނު ބޮޑު ގެއްލުން ބަލައި ދިރާސާކޮށްފަ އެވެ. ހިރޯޝީމާގައި ހިނގި ކަމެއް އޭނާ ވަރަށް ޚާއްޞަކޮށް ހަނދާން ހުރެ އެވެ. "ޖަޕާނުގެ އޮފިޝަލަކު ސުންނާފަތިވެފައިވާ ތަންތަނުގެ ތެރޭގައި ހުރެފައި އަހަރެމެން ގާތު ބުނި، 'މިއީ އެންމެ ބޮމަކުން ލިބުނު ގެއްލުން، މިއީ ކެތްކުރެވޭވަރުގެ ކަމެއް ނޫން' ކަމަށް. އެންމެ ބޮމެއް ހިފައިގެން ދިޔަ އެންމެ މަތިންދާބޯޓަކުން ސިޓީއެއްގެ އެތައް މޭލެއް ސުންނާފަތިކޮށްލީ. އެއީ 1،000 މަތިންދާބޯޓުން ދޭ ހަމަލާއަކަށްވުރެ މާ ބޮޑަށް، އަދި ސަލާމަތްވުމުގެ އެއްވެސް ފުރުޞަތެއް ނެތް ގޮތަކަށް،" އޭނާ ބުންޏެވެ.
އެހެންނަމަވެސް، ހަނގުރާމައިގައި އެޓަމް ބޮން ބޭނުންކުރަން ނުޖެހޭނެ ކަމަށް އޭނާ އުންމީދުކުރި އެވެ. ޖަޕާނުގައި ބޮން ބޭނުންކުރުމުގެ ކުރިން، އޭގެ ނުރައްކާތެރިކަން ދައްކާލުމަށް އާންމުކޮށް ޓެސްޓެއް ދައްކާލުމަށް ވަކާލާތުކުރި ލޮސް އަލާމޯސްގެ ޒުވާން ފިޒިސިސްޓުންގެ ޓީމުގައި އޭނާ އިސްކޮށް އުޅުނެވެ. ޓިނިއަންގައި "ފެޓް މޭން" ބޮން ތައްޔާރުކުރުމުގެ ކަންކަން ބެލެހެއްޓިއިރު އުމުރުން 30 އަހަރުގެ މޮރިސަން ބޭނުންވީ "ބައިނަލްއަގުވާމީ ވަފުދަކަށް ސަހަރާގައި އެ ބޮން ދައްކާލުމަށް" ދައުވަތު ދިނުމަށެވެ. އޭނާ 1975 ވަނަ އަހަރު ބީބީސީގެ މެލްވިން ބްރެގްއަށް ބުނި ގޮތުގައި، "ނަމަވެސް ހަނގުރާމައިގެ ހާލަތު އޮތް ގޮތުން އެއީ ހަމައެކަނި ކުރެވުނު އުންމީދެއް" ކަމަށެވެ.
'ހުއްޓުވޭނެ ފުރުޞަތެއް ނެތް ބާރެއް'
ނާޒީން ބަލިވާނެކަން ޔަގީންވި ފަހުންވެސް، ބޮން ބޭނުންކުރުމުގެ ކަންކަން ކުރިއަށްދިޔައީ ހުއްޓުވޭނެ ފުރުޞަތެއް ނެތް ބާރުމިނެއްގައި ކަމަށް މޮރިސަން ސިފަކުރި އެވެ. އޭނާ ކިޔައިދިން ގޮތުގައި، "ހަނގުރާމަ އޭރުވެސް ދިޔައީ ކުރިއަށް. އަހަރެމެން މިސްރާބު ޖަހާފައި ހުރީ ޕެސިފިކް ކަނޑުގައި ކުރަން އޮތް ބޮޑު ހަނގުރާމައަކަށް. އެހެންކަމުން އެކަން ހުއްޓުވުމަކީ މުސްތަހީލު ކަމެއް."
އެކަން ބަދަލުކުރެވޭނެ ހަމައެކަނި ގޮތަކީ، 1945 އޭޕްރީލް މަހު އަވަހާރަވި އެމެރިކާގެ ރައީސް ފްރެންކްލިން ޑީ. ރޫޒަވެލްޓް ދުނިޔޭގައި ހުންނެވުން ކަމަށް މޮރިސަން ގަބޫލުކުރެ އެވެ. "އެމެރިކާގެ ނިންމުން ވަރުގަދައަށް ބަދަލުކޮށްލެވޭނެ ހަމައެކަނި ފުރުޞަތަކީ ރޫޒަވެލްޓް ދުނިޔޭގައި ހުންނެވުން. އޭނާ އަވަހާރަވީ ބޮން ތައްޔާރުކުރުމުގެ މަސައްކަތުގެ މެދުތެރެއިން، ބޮން މަސައްކަތް ކުރާނެކަން ޔަގީންވުމުގެ ކުރިން އަދި ބޮން ބޭނުންކުރާނެ ގޮތެއް ނުނިންމަނީސް،" މޮރިސަން ބުންޏެވެ.
"ސަރުކާރުގެ ތެރޭގައި ބާރުމިނުގައި ކުރިއަށްދިޔަ މި ނުރައްކާތެރި ކަންކަން ހުއްޓުވޭނެ ފަދަ ގަދަރާއި ބާރު ހުރި ހަމައެކަނި މީހަކީ އޭނާ ކަމަށް އަހަރެން ދެކެން،" އޭނާ ބުންޏެވެ.
ހެރީ އެސް. ޓްރޫމަން ރައީސްކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި މަޝްރޫޢާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް އެނގިވަޑައެއް ނުގަނެ އެވެ. އޭނާއަށް އެކަން އެނގުނީ މަގާމުގެ ހުވާކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. އޭގެ ތިން މަސް ފަހުން، ބޮން އެޅުމުގެ އަމުރު ދެއްވީ އޭނާ އެވެ.
"އެ ނިންމުން ނިންމެވީ އޭނާ ކަމަށް ވިޔަސް، އެތައް އަހަރެއްގެ މަސައްކަތަށް ފަހު އެކަން ހުއްޓުވުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫ، ވަރަށް ހިތްވަރުގަދަ ނިންމުމަކަށް ވާނެ. ރޫޒަވެލްޓް އަވަހާރަވުމާއެކު އެ ފުރުޞަތު އޮތީ ގެއްލިފައި،" މޮރިސަން ބުންޏެވެ.
މޮރިސަން ބުނި ގޮތުގައި، އެއް ބޮމުގެ ފަހަތުން ދެ ބޮން ވައްޓާލުމަށް ނިންމި ނިންމުމަކީވެސް ބަދަލުކުރެވެން ނެތް ނިންމުމެކެވެ. "އެއީ ފުރަތަމަ ބޮމާއި ދެވަނަ ބޮމެއްގެ ގޮތުގައެއް ނޫން ބެލެވުނީ. ކޮމާންޑަރުންނަށް ދީފައި އޮތް އަމުރަކީ 'ފުރަތަމަ ބޮން ވައްޓާލާފައި، ވީ އެންމެ އަވަހަކަށް ދެވަނަ ބޮން ވައްޓާލުން'. ފުރަތަމަ ބޮމުގެ ބޮޑު ގެއްލުން ފެނުމަށްފަހު، ދެވަނަ ބޮން މަޑުޖައްސާލަން އަމުރުކުރަން ވޮޝިންޓަނުގައި ވަރަށް ވަރުގަދަ މީހަކު ހުންނަން ޖެހޭނެ. އެއީ މަތީ ފަންތީގެ ވިސްނުމަކާއި، ކަމާބެހޭ ޖެނެރަލުންނަށް ރަނގަޅު އަމުރުތައް ފޯރުކޮށްދިނުމުގެ ގާބިލުކަން ބޭނުންވާނެ ކަމެއް،" އޭނާ ބުންޏެވެ.
އެހެންކަމުން ދެ ބޮންވެސް ވައްޓާލީ އެވެ. އަދި އިތުރު ބޮންތައް ވައްޓާލަންވެސް ރޭވިފައި އޮތްކަން މޮރިސަން ހާމަކުރި އެވެ. "އަސްލު ނިންމާފައި އޮތީ ބޭނުންވެއްޖެ ނަމަ އަހަރެއް ވަންދެން މިގޮތަށް ބޮން އަޅަމުން ގެންދިއުމަށް. އެކަމުގެ ޕްލޭން ތައްޔާރުކުރަން އަހަންނަށް އެންގި. އަހަރެން އޮތީ އެކަމުގެ ޕްލޭނާއި، ތާވަލާއި، އަހަރެންގެ ބަދަލުގައި މަސައްކަތް ކުރާނެ މީހަކާއި، އަދި ދަތުރުފަތުރުގެ ހުރިހާ ކަމެއް ހަމަޖައްސާފައި،" އޭނާ ބުންޏެވެ.
ނަމަވެސް، ލޮސް އަލާމޯސްގެ ސައިންސްވެރިންނަށް އެ ބޮމުގެ ނަތީޖާ ފެނުމަށްފަހު، އެ މަސައްކަތް ކުރިއަށް ގެންދެވޭނެތޯ އެއީ ސުވާލު އުފެދުނު ކަމަކަށްވި އެވެ. "އެ ބޮމުގެ ސަބަބުން ވަގުތުން ލިބޭނެ ގެއްލުމާއި ދުރު މުސްތަގުބަލުގައި ލިބޭނެ ގެއްލުންތައް އަހަރެމެންނަށް އިލްމީ ގޮތުން ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު އެއީ ހަމައެކަނި ފޮތްތަކުން ކިޔައިގެންނާއި ހިސާބުތަކުން އެނގޭ އެނގުމެއް. ހިސާބު އަކުރުތަކާއި، ލޮލަށް ފެންނަ ހަގީގީ މަރުތަކާ ދެމެދު ވަރަށް ބޮޑު ތަފާތެއް ހުރޭ. އެހެންކަމުން އަހަރެމެންނަށް އެކަން އެނގުނަސް، އެކަމުގެ އިހުސާސެއް ނުކުރެވޭ،" އޭނާ ބުންޏެވެ.
ހިރޯޝީމާއަށް ބޮން އެޅި ރޭ ޕެސިފިކްގެ ބޭސްގައި ކަންތައް ހިނގި ގޮތް އޭނާ ހަނދާން ހުއްޓެވެ. "އެރޭ ބޮޑު ޕާޓީއެއް އޮތް، އެކަމަކު ސައިންސްވެރިންގެ ގިނަ މީހުން އެތަނަކަށް ނުދޭ. އެއާފޯސްގެ މީހުންނާއި ސިފައިން މަޖާކޮށްހެދި. އެމީހުންނަށް އެނގޭ ހަނގުރާމަ ނިމެން އުޅޭކަން. އެމީހުންނަށް އިހުސާސް ކުރެވުނީ އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި. އެކަމަކު ސައިންސްވެރިން ތިބީ ދުނިޔޭގެ ނިމުމާ މެދު ވިސްނަން ވަރަށް މާޔޫސްވެފައި،" މޮރިސަން ހަނދާން އާކުރި އެވެ.
ނަމަވެސް ބޮން އެޅުމާ ހަމައަށް ދިޔައިރު، މެންހަޓަން ޕްރޮޖެކްޓުން ވަކިވާންޖެހޭނެ ކަމަކަށް މޮރިސަންއަށް އިހުސާސެއް ނުކުރެވުނެވެ. "މިކަމާ ދެކޮޅަށް ވަރުގަދަ އިދިކޮޅު ހަރަކާތްތަކެއް ހުރި ނަމަވެސް، އަހަންނަށް އެ ނޫން ގޮތަކަށް ކަންތައް ކުރެވޭނެ ގޮތެއް ނުފެނުނު. އެއްވެސް އިރެއްގައި މަސައްކަތް ހުއްޓާލާކަށް އަހަރެން ނުވިސްނަން."
ނާޒީން ބަލިވުމުގެ ކުރިން ބޮން ތައްޔާރުވި ނަމަ ބާލިންއަށް ބޮން އެޅީސްތޯ ސުވާލުކުރުމުން އޭނާ ބުނީ، "އާނ، ހަމަ ކަށަވަރު، ވަރަށް އަވަހަށް އެކަން ކުރީސް. އަހަރެމެން އެންމެ ބޮޑަށް ބިރުގަތީ ޖަރުމަނު މީހުންދެކެ، އެއީ އަހަރެމެންގެ ދުޝްމަނުން،" ކަމަށް އެނާ ބުންޏެވެ.
ހަނގުރާމައަށްފަހު، މޮރިސަން މަސައްކަތް ކުރީ މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ޕްރޮފެސަރެއްގެ ގޮތުގަ އެވެ. އަދި ނިއުކްލިއާ ހަތިޔާރު އިތުރުކުރުމާ ދެކޮޅަށް "ނޯ ތާޑް ބޮމް" (ތިންވަނަ ބޮމެއް ބޭނުމެއް ނޫން) ހަރަކާތުގެ އިސް ސަފުގައި އޭނާ މަސައްކަތް ކުރި އެވެ. "މި މަޝްރޫޢުގެ ގިނަ ސައިންސްވެރިންނެކޭ އެއްފަދައިން، އިތުރު ހަނގުރާމައަކަށް ފުރުޞަތު ދީގެން ނުވާނެކަން އަހަންނަށް މިއަދު މުޅިން ޔަގީންވޭ،" 1945 ގެ ސެނެޓް ބަޔާނުގައި އޭނާ ބުނެފައިވެ އެވެ.
އަދި އެކުވެރި ދައުލަތްތަކުން، "އަހަރެން ވަރަށް ބޮޑަށް ގަބޫލުކުރަން ރަނގަޅު އިންޒާރެއް ދޭންޖެހޭނެ ކަމަށް. މާޒީއަށް ބަލާއިރު، އެކަށީގެންވާ އިންޒާރެއް ނުދީ އެކަން ކުރުމަކީ އެއްވެސް ބަހަނާއެއް ދެއްކޭނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.
މަސްދަރު: ބީބީސީ






